ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމާ، އެ ދެ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ދެ މަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމާފައިވަނީ ދަރުބާރުގޭގެ އިރުން އޮންނަ ހުސްބިމުގައި އާއި ތާޖުއްދީން ސްކޫލުގެ ހުޅަނގުން އޮންނަ ހުސް ބިމުގަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމީ ރޯދަ މަހާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ތަރުކާރީއާއި، މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
ވަގުތީ ދެ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކުން ކަމާ ގުޅޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ފުރުސަތު ދިނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. ނަމަވެސް ސިޓީ ކައުންސިލުން މިއަދުކޮށްފައިވާ އިއުލާނެއްގައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.
ފޯމް ހުށަހަޅަންޖެހެނީ ތައިސޭކޮށީގައި ހުންނަ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބަޔަށެވެ.
ވަގުތީ މާރުކޭޓް ތަކުން ގޮޅި ދޫކުރާ އަދަދު އެނގޭނީ މާރުކޭޓްތައް ހަދާ ނިމުމުން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.
ގޮޅި ކުއްޔަށް ނަގާ ފަރާތްތަކުން ދައްކަންޖެހޭ ކުލީގެ އަދަދެއް ވެސް ސިޓީ ކައުންސިލުން އަދި ބުނެފައެއް ނުވެ އެވެ. އެކަމަކު ގޮޅި ކުއްޔަށް ނެގުމަށް ސޮއި ކުރާ އެއްބަސްވުމުގައި ކުލީގެ އަދަދު ހިމެނުމަށް ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ.
ވަގުތީ ދެ މާރުކޭޓުން ގޮޅި ދޫކުރުމާ ގުޅޭ އުސޫލެއް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ.
ގޮޅީގައި ވިއްކަން ބަހައްޓާ ތަކެއްޗަކީ ކެއިންބުއިމަށް ސިއްހީގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ވާންޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. ގޮޅިތަކުގައި ފީވެ ހަލާކުވެފައި ހުންނަ ތަކެއްޗާއި، އިމްޕޯޓްކޮށްފައި ހުންނަ ލުއިކާނާއާއި، ސޮފްޓްޑުރިންކާއި، ކޮފީއާއި، ތައްޔާރީ ކެއުމާއި، އައިސްކުރީމް ފަދަ ތަކެތި ވިއްކުން މަނާކޮށްފައިވެ އެވެ. ގޮޅި ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް ދީގެން މަންފާ ލިބޭގޮތަށް ގޮޅި ހިންގުމާއި، ބިދޭސީންނާ ހަވާލުކޮށްގެން ގޮޅީގެ އެއްވެސް މަސައްކަތެއް ހިންގުންވެސް އުސޫލުގައި މަނާކޮށްފައިވެ އެވެ.
އުސޫލުގައިވާ ގޮތުން ގޮޅި ކުއްޔަށް ނަގާ ފަރާތުން އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮށްފިނަމަ 200 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް އެކަމެއް އިސްލާހު ކުރަން ފުރުސަތު ދޭނެ އެވެ. އަދި އެފަދަ ކަމެއް އަލުން ތަކުރާރުކޮށްފިނަމަ އިތުރު ފުރުސަތެއް ދިނުމަކާއި ނުލާ ގޮޅިން މުދާ ހުސްކުރުމަށް އަންގާ ގޮޅި ވަކިކުރުމުގެ ނޯޓިސް ދެވޭނެ ކަމަސްވެސް އުސޫލުގައިވެ އެވެ.