އެޗްޑީސީ

ހިޔާގެ ހުރިހާ ފްލެޓަކަށް ގޮސްގެން ކުރިއަށް ގެންދާ ސާވޭއެއް އެޗްޑީސީން ފަށައިފި

Mar 12, 2022
3

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ހުރިހާ ފްލެޓަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސާވޭއެއް މިއަދު ފަށައިފި އެވެ.

އެޗްޑީސީން ބުނީ ގިނަ ފްލެޓްތަކެއްގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ސާވޭގެ އެންމެ ބޮޑު ބޭނުމަކީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެކި ކަންކަން ދަނެގަނެ އިތުރަށް ފުރިހަމަކުރުމަށް ޖެހޭ ކަންކަން ބެލުން ކަމަށެވެ.

ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށެވެ.

ސާވޭގެ ބޭނުން

  • އެޗްޑީސީން ދެމުންގެންދާ "ޖިޕޮން ނެޓްވޯކް" ހިދުމަތާ ގުޅޭގޮތުން ހިޔާލު ހޯދުން
  • ފްލެޓްތަކުގެ ފިނޝިން މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު އޮޅުންފިލުވުން
  • ހިޔާ ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދުމަތާ ގުޅޭގޮތުން ހިޔާލު ހޯދުން
  • ހިޔާ ޓަވަރުތަކުގެ އާންމު ތަންތަނާއި ހިދުމަތްތަކާއި އަދި އިމާރާތް މެނޭޖުކުރުމުގެ އެންމެހާ ކަންކަން ހިޔާ ފްލެޓްތަކުގެ ވެރިން އިންތިހާބު ކުރާ ވަކި ބޯޑެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލަންޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި ގުޅޭގޮތުން ހިޔާލު ހޯދުން

އެޗްޑީސީން ބުނީ މި ސާވޭގައި ވަކިވަކި ފްލެޓްތަކަށް ޒިޔާރަތްކުރާއިރު އެއްވެސް ފްލެޓެއްގެ ވެރިފަރާތާ ބައްދަލުނުވެއްޖެނަމަ އެފަރާތެއްގެ އެޕޮއިންޓްމަޓް ހޯދުމަށް އެސްއެމްއެސް އެއް ފޮނުވާނެ ކަމަށެވެ.

ސާވޭގައި ހަރަކާތްތެރިވާ އެޗްޑީސީގެ ހުރިހާ މުވައްޒަފުން ތިބޭނީ އެޗްޑީސީގެ މުވައްޒަފެއް ކަން އެނގޭ ގޮތަށް ފާސް އަޅައިގެން ކަމުގައިވެސް ބުނެފައިވެ އެވެ.

މީގެއިތުރުން މިސާވޭގައި އެއްވެސް ފަރާތެއްގެ އާމްދަނީ، ބޭންކް އެކައުންޓް ނަންބަރު ނުވަތަ ކާޑުގެ ތަފްސީލް ނުހޯދާނެ ކަމުގައިވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީގެ މުވައްޒަފުން ހިޔާ ފްލެޓްތަކުގެ ހުރިހާ ފްލެޓަކަށް ޒިޔާރާތްކޮށްގެން ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައި މިވަނީ ފްލެޓް ތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދެވަނަ ފަހަރަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް ހަމަވުމުން ކުރިއަށް އޮތް އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.