އެޗްޑީސީ

ހިޔާގެ ހަތަރު ޓަވަރުގައި 768 ކެމެރާ ހަރުކޮށްފި

ހިޔާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓްގެ ދަށުން އިތުރު ދެ ޓަވަރެއްގައި ކެމެރާ ހަރުކޮށް އޮޕަރޭޓް ކުރަން ފަށައިފި އެވެ. މި ފަހަރު ކެމެރާ ހަރުކުރި ދެ ޓަވަރާއެކު ޖުމްލަ ހަތަރު ޓަވަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ވަނީ ނިމިފައެވެ.

ހުޅުމާލޭގެ ބެލެނިވެރިކަން އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ސީސީޓީވީ ކެމެރާ ޕްރޮޖެކްޓްގެ ތެރެއިން ހިޔާ ޓަވަރު 15 އަދި 16 ގައި ކެމެރާ ހަރުކުރެވި އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށެވެ. މީގެ ކުރީން ޓަވަރު 13 އަދި 14 ގައި ކެމެރާ ހަރުކޮށް ވަނީ ބޭނުން ކުރަން ފަށާފައެވެ. އެއީ މެއި 9، 2022 ގައެވެ.

އެޗްޑީސީން ބުނީ ހަތަރު ޓަވަރުގައި ޖުމްލަ 768 ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖަރު އަލީ ވަހީދު ވިދާޅުވީ އެ ހަތަރު ޓަވަރުގެ ހުރިހާ ކޮމަން އޭރިއާތަކެއް ކެމެރާތަކުން ބެލޭނެ ކަމަށެވެ. އެގޮތުން ލިފްޓްތަކާއި ޓެރަސް އަދި ބޭސްޓްމަންޓާއި ކޮރިޑޯ ސަރަހައްދު ކަވާ ކުރާނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ސަބަބުން އަޅުގަނޑުމެން އުންމީދު ކުރަނީ ޓަވަރުތަކުގައި މިހާރު ދިމާވާ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށް. މި ގޮތުން ކުނީގެ މައްސަލައާ އެހެނިހެން ކްރިމިނަލް އެކްޓިވިޓީސްތައްވެސް މަދުވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އަލީ ވަހީދު ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ކުށްކުރުން އިތުރުވެ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ޑްރަގް ބޭނުން ކުރާ މީހުންގެ މައްސަލަ ބޮޑެވެ. އަދި އެ ސަރަހައްދުގައި ކުއްލިއަކަށް ބޮޑު އާބާދީއެއް ދިރިއުޅެން ފެށުމުން ކުށް ކުރުން އިތުރުވުމުގެ ފުރުސަތު ބޮޑެވެ.