ލައިފްސްޓައިލް

ކެވުނު އެއްޗަކުން މީހެއްގެ ދޫ ކަޅުވެ އިސްތަށި ފަޅައިފި

އިންޑިޔާގެ ކެރެލާގެ މީހަކަށް ސްޓްރޯކެއް ޖެހި އާއްމުކޮށް މީހުން ކައި އުޅޭ ކާއެއްޗެތި ކާން ދަތިވި އެވެ. އެހެންވެ އޭނާ ކާން ފެށީ މިކްސްޗަރުން ގިރައި ޕިއުރީއަށް ހަދާފައި ހުރި ކެއުމެކެވެ. މި ކެއުން އޭނާ ކާން ފެށިތާ މާ ގިނަދުވަސްތަކެއް ނުވެ އޭނާގެ ދޫ ކަޅުވެ ދުލުގައި އިސްތަށި ފަޅަން ފެށި އެވެ.

އުމުރުން 50 އަށް ވުރެ މަތި ވެފައިވާ މި މީހާގެ ދޫ މިހާރު ހުރީ ކަޅުކުލައިގެ ވިނަ ކާޕެޓްގަނޑެއް ތަތްކުރީމަ ހުންނަ ކަހަލަ ގޮތަކަށެވެ. ދުރުލުގައި ވަނީ މަރުވެފައިވާ ހަންތަކެވެ. އަދި އެ ހަންތަކުގައިވަނީ ބެކްޓީރިއާ އަށަގަނެފަ އެވެ.

މި އާދަޔާޚިލާފު ކޭސް ވަރަށް ތަފްސީލުކޮށް ލިޔެފައިވަނީ ޖާނަލް ޖާމާ ޑާމެޓޮލޮޖީގައި ކަމަށް ލައިވް ސައިންސްގައިވާ ރިޕޯޓެއްގައި ވެއެވެ. މި ދިރާސާ ރިޕޯޓު ތައްޔާރުކުރީ ކެރަލާގެ ކޮޗިންގެ މެޑިކަލް ޓްރަސްޓް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ.

ޑޮކްޓަރުން މި މީހާގެ ބަލީގެ ޑައިގްނޯސިސް އެއް ކަމަށް ބުނަނީ "ބްލެކް ހެއަރީ ޓަންގް" އެވެ. ޑޮކްޓަރީ ބަހުން ނަމަ "ލިންގުއާ ވިލޯސާ ނިގްރާ" އެވެ.
މި މީހާގެ ދުލަށް މި ބަލި ޖެހުމުގެ ތިން މަހެއްހާ ދުވަސް ކުރިން އޭނާއަށް ފުރަތަމަ ޖެހުނީ ސްޓްރޯކެކެވެ. އޭގެ ސަބަބުން އޭނާގެ ވާތްފަޅީގަ ވާގި ދިޔަ އެވެ. އަދި ވާގިނެތުމުން އޭނާއަށް އެއްޗެތި ހަފައިގެން ކާން ދަތިވުމުން އޭނާއަށް ދިޔާ އެއްޗިއްސާއި މިކްސަރުން ގިރާ ޕިއުރީއަށް ހަދާފައި ހުންނަ އެއްޗެތި ކާން ދޭން އާއިލާއަށް އެންގި އެވެ. ނަމަވެސް އޭގެ ދެ މަހާ ބައި ފަހުން ކުއްލިއަކަށް މި މީހާގެ ދޫ މާ ބޮޑަށް ކަޅުވާން ފަށައިފިކަން އޭނާ ބަލަހައްޓާ މީހުންނަށް ފާހަގަ ކުރެވެން ފެށި އެވެ.
ހަމުގެ ޚާއްސަ ޑޮކްޓަރަކު މި މީހާގެ ދުލުން ސާމްޕަލް ނަގައި ލެބޯޓްރީގައި ޓެސްޓްކޮށް އޭނާގެ މި ބަލި ވަނީ ހޯދާފަ އެވެ.

ނަސީބަކުން މިއީ އެހާ ގިނަ ދުވަސް ނުވެ ފަސޭހަ ވާ ބައްޔެކެވެ. އެހެންވެ މި މީހާއަށް ވެސް ފަރުވާ ދޭން ފެށުމުން 20 ވަރަކަށް ދުވަހުގެ ތެރޭގައި ދޫ މުޅިން ރީތި ވާން ވަނީ ފަށާފަ އެވެ.

އެމެރިކަން އެކަޑަމީ އޮފް އޯރަލް މެޑިސިންއިން ބުނާ ގޮތުގައި ބޮޑެތި މީހުންގެ ތެރެއިން 13 ޕަސެންޓް މިހުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި މި ބަލި ތަޖުރިބާ ކުރެވޭނެ އެވެ.

މިގޮތަށް ދޫ ބޯވެ ދުލުގައި އިސްތަށި ފެޅުމުން ރައްކާތެރިވުމަށް ދުވާލަކު މަދުވެގެން ދެ ފަހަރު ދޫ ރަނގަޅަށް އުނގުޅައި ސާފުކުރުމަށް ވެސް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.