ވާހަކަ

ހިތް ރުއްސާނުތޯ

( 10 މާރިޗު 2022 އާ ގުޅޭ )

"ވާހަކައެއް އަހާލަންތަ؟. އޮފީހާ ގުޅުމެއްނެތް." އަޒްހަދު ބުންޏެވެ. އެ މޫނުން ހިސާބެއްގެ ނުތަނަވަސްކަން ފާޅުވާތީ ޒެހެން ދުށްޓެވެ. އޮފީހާ ގުޅުމެއްނެތް ވާހަކައެއް އަޒްހަދު ދައްކަން ބޭނުންވުމުން ޒެހެންގެ ބޮލުގައި ރިއްސާލިއެވެ.

މޭޒުދޮށުގައި އިން އަޒްހަދުގެ ނަޒަރު ހުރީ ހުޅުވާފައިވާ ކޮމްޕިއުޓަރުގެ އިސްކުރީނަށް ހުއްޓިފައެވެ. އެގޮތުގައި އޭނާ އިންނަތާ ދެ ގަޑިއިރު ފާއިތުވެއްޖެއެވެ. އިސްކުރީނުން ފެންނަން ހުރި ޑޭޓާ ޝީޓަށް ބަލަނީއޭ އޭނާ ފެންނަ މީހަކަށް ހީވާނެއެވެ. ނަމަވެސް އޭނާ ފަތަމުން އެދަނީ ފިކުރުގެ ކަނޑެއްގައެވެ. ހުއްޓިފައިވާ ދެ ލޮލުގެ ކުރިމަތީގައިވަނީ މުޅީން އެހެން މަންޒަރެކެވެ. އޮފީހާ ގުޅުމެއް ނެތެވެ. އެކަމުގެ އަސްލަކަށްވީ ސައިކޮޓަރިން ޒެހެންއާ ބައްދަލުވެ ދެމެދުގައި ދެކެވުނު ވާހަކަތަކެވެ. ކެތްނުވެގެން އަޒްހަދު ކުރި ސުވާލަށް ލިބުނީ އިހުނަށްވުރެ ކެތްކުރާން ދަތިވީ ޖަވާބެކެވެ. ބޯމަތީގައި އޮތް ހިލަގަނޑު ނުނެގިގެން އުޅެނިކޮށް އޭގެ ބަރުދަން އެތައް ގުނައެއް އިތުރުވެއްޖެހެން އޭނާއަށް އިހްސާސްވިއެވެ.

"ރޯދަމަހު ފިހާރައަކުން އެއްރޭ ދިމާވި ހަނދާނެއްވޭ. އެރޭ... މޫނުބުރުގާގަ... އެއީ ވައިފްތަ؟." އަޒްހަދު އަހާލިއެވެ. ނިކަން ދުރުދުރުން އުޅޭ މީހަކު ފަދައިންނެވެ. ހަގީގަތް އެނގިހުރެމެ ނޭނގޭ މީހަކަށް ހެދުނީ ހޫރައިންއާއި ޒެހެންގެ ދެމެދުގައި އޮތް ގުޅުން ޔަގީންނުވާތީއެވެ. ހިތުގައި އޮތް އެއްޗެއް ދުލާ ހަމައަށް ގެންނަންވީއިރު ބަދަލުކޮށްލީއެވެ. ޒެހެންއަށް ޝައްކުނުވާނޭ ހީވާ ފަދަ އޮމާންކުރުމަކުންނެވެ.

ސައިކޮޓަރީގެ ދޮރު ކައިރީ އަޒްހަދަށް ބަލަން ޒެހެން ހުރީއެވެ. ހަރަކާތެއް ނުކުރެއެވެ. އެ މޫނުގައި އަސަރެއްނުވާތީ ކުރީބައިގަ ކަމެއް ދެނެގަތުން އަޒްހަދަށް ފަސޭހައެއް ނުވިއެވެ. އެބުނާ ރެއެއް ޒެހެން ހަނދާން ހުރިކަމެއް ނޫނީ އޭނާ އެ ހުންނަނީ ހަނދާން ނުވެގެންކަމެއް ވެސް ބުނާކަށް އަޒްހަދަކަށް ނޭނގެއެވެ. ނަޒަރު ވަކިކޮށްލުމެއް ނެތި ޒެހެން ފުންނޭވާއެއްލިއެވެ. އެއަށްފަހު ވެސް ހިމޭންކަން ދިގުލާން ފެށުމުން އޭނާ ޖަވާބުދޭން ބޭނުންނޫނީއޭ އަޒްހަދަށް ހީކުރެވުނެވެ. ދެއްކުނު ވާހަކަ އަނބުރާ ގެންދަން އަޒްހަދު އަވަސްވެލިއެވެ.

"އަޅާނުލާ... މާ ޕާސަނަލް ސުވާލެއް ދޯ." އަޒްހަދު ބުންޏެވެ. އަތުގައި އެއްބައި ބޮއެފަ އޮތް ކޮފީޖޯޑާއެކު އޭނާ ނުކުންނަން ފިޔަވަޅު އަޅާލިއެވެ. ނަމަވެސް ޒެހެން ހުރީ ދޮރުމަތީގަ ހުއްޓިއެވެ. އޭނާ ދިމާއަކަށް ޖެހިލައިގެން ނޫނީ ވަދެނުކުމެ ހަދާނޭ ޖާގައެއް ނެތެވެ. ޒެހެން ގުޑައިނުލިއެވެ. ނުވިތާކަށް އޭނާގެ ނަޒަރު އަޒްހަދާ ވަކިކޮށްނުލިއެވެ. ކުރިޔަށް އަޅާލި ފިޔަވަޅު އަޒްހަދު ފަހަތަށް އަޅާން މަޖުބޫރުވިއެވެ. ޒެހެންއަށް އޭނާ ވެސް ބެލިއެވެ. ޒެހެން ވިސްނަނީ ކޯއްޗެއްކަމެއް އުޅެއުޅެ ވެސް އަޒްހަދަށް ނަގައެއް ނުގަނެވުނެވެ. އަޒްހަދުގެ މޫނުން ނުތަނަވަސްކަން އިތުރުވީ ހިނދު ފުރިހަމަ ހިނިތުންވުމަކަށްނުވާ ހިނިތުންވުމެއް ޒެހެންގެ ތުންފަތަށް ވެރިކޮށްލިއެވެ. އަޒްހަދު އިތުރަށް ހައިރާން ކުރުވި ޢަމަލަކަށް ޒެހެންގެ ހިނިތުންވުން ވިއެވެ. އެ ހިނިތުންވުމުގައި ގާތްކަމެއް ނުވެއެވެ. ކުއްލިއަކަށް ޒެހެންގެ ބެލުން ވެސް ތަފާތުވެލައިފިކަން އަޒްހަދަށް އިހްސާސް ކުރެވުނެވެ. އެ ބެލުމުގައި ކުޑަވެސް ގަޔާވުމެއް ނުވާކަން ޔަގީނެވެ. އަޒްހަދު ކުރީ ކޮށްގެން ނުވާނޭ ސުވާލެކޭ ޒެހެންގެ ބެލުމުން ހީވާވަރުވިއެވެ. ނަމަވެސް ހައިރާންކަން ލިބުނީ އޭނާ ކުރި ސުވާލަށް ޒެހެން ޖަވާބުދޭން ނިންމީމައެވެ.

"އެކުގައި ފެނުނިއްޔާ އެއީ ވައިފް." ޒެހެން ބުނެލިއެވެ.

އަޒްހަދު ޝުކުރުވެރިވާ ފަދަ ގޮތަކަށް ބޯޖަހާލީއެވެ. އިތުރު ސުވާލެއް ކުރުން ރަނގަޅެއްނޫނޭ އަޒްހަދަށް ވިސްނުނެވެ. އެހެންވެ އޭނާ ގަސްދުކުރީ ނުކުންނާށެވެ. އަވަހަށް ޒެހެންގެ ކުރިމަތިން ދާށެވެ. ޒެހެން ވާހަކަދެއްކި ނަމަވެސް އޭނާގެ ފަރާތުން ތަފާތު ނުރުހުމެއްގެ އިހްސާސް އަޒްހަދަށް ކުރެވުނީމައެވެ.

"ރޯދަމަހުގެ ރެޔެކޭ ބުނީމަ އެ ހަނދާންވީ، ހަނދާންކުރާން ބޭނުންނުވާ ކަމެއްގެ މަތީން... ކާކުކަން ނުވެސް އެނގޭ މީހަކުދެކެ ފުރަތަމަ ފަހަރަށް އަހަރެން ވަރަށް ރުޅިއައި ރެޔެއް އެއީ... އެނގޭތަ! އެންމެ އަޖައިބުވީ ރޯދަމަހޭ ހިތަށް އަރުވާލާފައި ވެސް އޭނާގެ ބެލުން ތިރިނުކުރީމަ. ވަދެވުނު ފިހާރައެއްގެ ތެރެއިން ދުށް މީހެއް. އަހަރެމެން ފަދަ ޒުވާނެއް. ހީވާގޮތުން އޭނާގެ އަނބިމީހާ ވެސް ކައިރީގަ ހުރި. އެކަމަކު އޭނާއަށް އަހަރެންގެ އަންހެނުންނޫން މީހަކު ފިހާރަތެރެއިން ނުފެންނަ ކަހަލަ. ފިރިހެނުންގެ އެފަދަ ބެލުންތަކުން ސަލާމަތްވޭތޯ އަންހެނުން އެހާބޮޑަށް ނިވާވާން ޖެހެނީ. އެވަރުން ވެސް ބައެއް ފިރިހެނުންގެ ކޮންޓްރޯލެއް ނުހުރޭ. ފިރިއަކަށްވުމަށްފަހު ހިލޭ އަންހެނަކަށް އެވަރަށް ބަލާނަމަ އެފަދަ ފިރިހެނެއްގެ ނިޔަތް ރަނގަޅުވާނޭކަމަށް އަހަރެން ގަބޫލެއްނުކުރަން. ހިޔާލުތަކުގައި އެހެން އަންހެނުން ގެންގުޅޭނަމަ އެކަހަލަ މީހަކަށް އަނބިމީހާއަށް ވަފާތެރިވެވިދާނެހެން ހީވޭތަ." ޒެހެން ބުންޏެވެ.

އަޖައިބުވެފައިވާ މީހަކު ފަދައިން އަޒްހަދަށް ބަލަން ހުރެވުނީއެވެ. އަޒްހަދު ސުވާލެއްކުރަންތޯ އަހާލި ގޮތުން ވެސް ޒެހެންއަށް ޔަގީންވީ އެ އުޅެނީ ހޫރައިންގެ ވާހަކަ ފަށަންކަމެވެ. ނަމަވެސް އަޒްހަދު ސުވާލުކުރީ ދުރުދުރުންނެވެ. އެއްވެސް ކަމެއް ނޭނގޭ ޔަގީންނުވާ މީހަކު ފަދައިންނެވެ. އެހެންވެ ޒެހެން ވެސް ގަސްދުކުރީ އެފަދައިން ރައްދުދޭށެވެ. މިއަދުގެ މިވަގުތަކީ އަޒްހަދު އޭނާގެ ގާތުގައި ހޫރައިންއާ ގުޅޭ ވާހަކައެއް ދައްކާނޭ އެންމެ ފަހު ފަހަރަށް ހެދުމަށެވެ. އަނބިމީހާއާ ބެހޭ އެއްވެސް ކަމެއް ޒެހެންގެ ކިބައިން އޮޅުން ނުފިލާނޭކަން އަޒްހަދަށް އަންގާށެވެ. ހޫރައިންއަކީ އޭނާގެ ހައްޤެއްކަން ބަޔާންކުރާށެވެ.

"އައި ސީ..." އަޒްހަދުގެ މޫނުގައިވީ އަސަރުތައް އެހެން ސިފައެއް ހިޔާރުކުރިއެވެ. އޭނާގެ މޫނުމަތީގައި ޒެހެން އަތްދަމާފައި ޖެހި ފަދައެވެ. ޒެހެން އެ ދެއްކީ އަޒްހަދުގެ ވާހަކަކަން އޭނާއަށް ޔަގީންވެއްޖެއެވެ. ދެއްކި ވާހަކަ "ހަޖަމްކުރަމުން" އަޒްހަދު ލުއި ހުނުމަކުން ހީނލިއެވެ. އިސްއޮބާލައިގެން އަތުގަވާ ކޮފީޖޯޑަށް ބަލަން ހުރެފައި އަޒްހަދު އިސްއުފުލާލިއެވެ. ޒެހެންއާއި އޭނާއާ ދެމެދު ހަތިޔާރަކާނުލާ ހަނގުރާމައެއް ފެށެން އުޅެނީ ކަހަލައެވެ. ނަމަވެސް ޒެހެންގެ މޫނުން ފެންނަނީ ޔަގީންކަމެވެ. އަޒްހަދު އެއްލާ ހަމަލާއެއްގައި އޭނާ ޒަހަމްވެ ބަލިކަށިނުވާނޭކަމެވެ. މައިދާނުގައި އެންމެ ތަންފުކެއް ވެސް އޭނާ ފަހަތަށް ނުޖެހޭނެކަމެވެ. ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަމެވެ. އަޒްހަދު ޖެހިލުންވަނީ ޒެހެންގެ އެ ޔަގީންކަން ދެކެވެ. ބާރު ވެސް އޮތީ ޒެހެންގެ އަތުގައިކަން އެނގޭތީއެވެ. މީ ކޮންކަހަލަ އިންސާފެއްތޯ އަޒްހަދުގެ ޟަމީރާ އޭނާގެ ހިތް ސުވާލުކުރިއެވެ. ހިތަށް ދަތިކުރުވާފަދަ ނިކަމެތިކަމެއް ލިބިގެން ދިޔަ ފަދައެވެ.

"އައި އޭމް ސޮރީ..." ކުއްލިއަކަށް ޒެހެން ބުނެލިއެވެ. ކޮންމެވެސް ކަމަކާ އޭނާ މާޔޫސްވީ ކަހަލައެވެ. އަޒްހަދު ބަލަބަލާ ހުއްޓާ ނުކުމެގެން ދިއުމުގެ ބަދަލުގައި ޒެހެން ހިނގައިގަތީ ސައިކޮޓަރީގެ އެތެރެއަށެވެ. އޭނާ މަޑުމަޑުން އައިސް ކަނާތުފާރުގައި ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑު ކަހާލިއެވެ. ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރެ އަތުގައި އޮތް ޖޯޑުން އެތިފޮދެއް ބޯލިއެވެ. ދުލުން ބޭރުކޮށްލެވުނު ބަސްތަކާމެދު ޒެހެން ދެރަވީއެވެ. އަޒްހަދު ދެކެ ހިތްހަމަނުޖެހުނުވަރުން ބުއްދިއަށްވުރެ އިހްސާސްތަކަށް ފުރުސަތު ދެވުނީކަމުގައި ޒެހެން ގަބޫލުކުރިއެވެ. އޭނާއަކީ ހަރުކަށިކަމާއި ޖަދަލުކުރުމަށް ލޯބިކުރާ މީހެއްނޫނެވެ. ނަމަވެސް އަޒްހަދާ ނުސީދާކޮށް ވިޔަސް ވާހަކަދެއްކުނީ ރުންކުރުކަމާއެކުއެވެ. އޭނާ ދަށްކޮށްލުމުގެ ރާގުގައެވެ. އަނެކާ ކުރީ ގޯސްކަމެކޭ ހީވިޔަސް އޭނާއާމެދު ހަރުކަށިވެ ދަށްކޮށްލުމަކީ އެންމެ ނުބައިމީހުންގެ ސިފައެވެ. ދެންހުރި މީހާ ކަންތައްކުރި ގޮތަށްވުރެ މުހިންމީ ތިމާ އެކަމަކަށް ޢަމަލުކުރާ ގޮތެވެ. ޒެހެންގެ ނަޒަރުގައި އަޒްހަދުގެ ކުށަކީ އޭނާ ހޫރައިންނަށް ބެލުމެވެ. އަނބިމީހާގެ ކުރީގެ ލޯބިވެރިޔާއަށް އޭނާ ވުމެވެ. އަދިވެސް އަޒްހަދުގެ ހިތުގައި ހޫރައިންގެ މައްޗަށް އިހްސާސްތަކެއް ހިނގާހެން ހީވުމެވެ.

"އަޒްހަދު... އަހަރެންގެ މިކޮފީ ހުސްވަންދެން މަޑުކޮށްލަ ދެވިދާނެތަ؟. މަސައްކަތަށް ދަތިނުވަންޏާ އިނގޭ." އަޒްހަދު ދިއުމުގެ ކުރީން ޒެހެން އެނބުރިލައި އޭނާއާ ކުރިމަތި ލިއެވެ. ޒެހެންގެ އަޑުގައި މަޑުމައިތިރިކަން ވިއެވެ.

ސައިކޮޓަރީގަ ހަރުކޮށްފައި ހުރި ގަޑިއަށް އަޒްހަދު ބަލާލިއެވެ. ދެން ޒެހެންއަށް ބަލާލުމާއެކު ބޯޖަހާލިއެވެ. ޒެހެން ދެން ދައްކާނޭ ވާހަކައަކަށް އަޒްހަދު ޝައުގުވެރިވެފައި އިނެވެ. ޒެހެންގެ ގޮތް ދަސްކުރާން ލިބުނު ފުރުސަތެއް ކަމުގައި އަޒްހަދު ދުށްޓެވެ. ޒެހެން އިށާރާތްކުރީ މެދުގައި ހުރި ދިގު މޭޒަށެވެ. އިށީންނަން އޭނާ އެދުނެވެ. މޭޒުގެ ދެފަރާތުގައި އެކަކުއަނެކަކާ ކުރިމަތިވާނޭ ގޮތަށް ދެ މީހުން އައިސް އިށީނެވެ.

"ހެދެމުން އައި ގަހެއް. އާން! ގަހެއްގެ ވާހަކަ ކިޔައިދޭން މިއުޅެނީ... ބޭކާރު ވާހަކައޭ ހީވިޔަސް މި ދައްކާ ވާހަކަ އަޑުއަހާލަދޭން އަހަރެން އެދެނީ... ހޫމް!... މިބުނާ ގަސް، އެއީ ބަޔަކު ލޯތްބާއި އަޅާލުން ދީގެން ހައްދަމުން އައި ގަހެއް. ފާއިތުވަމުން ދިޔަ އަހަރުތަކާއެކު ގަހުގެ ޅަކަން ކެނޑި އޭގެ އެންމެ ފުރިހަމަކަމުގައިވި، އާރޯކަމުގައިވީ ފެހިކަން ގަދަ ފަތްތަކުން ގޮފިތައް ބަރުވެ، ގުދުރަތުގެ ރީތިކަން ލިބިފައިވާ ތާޒާ މާކޯނިތަށް ފޮޅިލާފައިވޭ. ވަށައިގެން ހުވަނދުލެވިފައިވާ ކަހަލަ. ވީއިރު އެކަހަލަ ގަހަށް ސަމާލުކަން ހުއްޓޭނެކަން ޔަގީން. ނޫންތަ؟... އެ ގަސް ބަލަހައްޓަމުން އައި އެ ގަހަށް ރައްކާތެރިވާނޭ ބައެއް. ގަސް އިތުރަށް ހެދި ބޮޑުވުމަށާއި އެ ގަހުގައި މޭވާ އެޅުވުމަށް ޓަކައި އެހެން މީހަކަށް އެ ގަސް ދޭންޖެހޭ، އެކަން އެހެން އޮތްއިރު އެ ގަހުގެ ރީތިކަމުގައި ޖެހި އެ ގަސް މީހަކު ބޭނުންވެއްޖެ، އެ ޒުވާނާ ގަހާމެދު ބަހައްޓާ ފަރުވާތެރިކަމާއި ދޭ ސަމާލުކަމެއްގެ ސަބަބުން އެހާ ދުވަހު އެ ގަސް ބަލަހައްޓަމުން އައި މީހުން ވެސް ނިންމީ އެ ގަސް އެ ހިތްހެޔޮ ޒުވާނާއަށް ދިނުމަށް. އޭނާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުން، އެކަމަކު އެ ޒުވާނާއަށް ގަސް ނުގެންދެވިގެން އުޅެނިކޮށް އައި ނައިތަނެއް ނޭނގޭ ބަޔަކު އެ ގަހުގެ މައްޗަށް އަނިޔާވެރިވި، އޮފިތަކުން ފަތްތައް ނޮޅައި ގަހުގެ ހުއްދައެއް ނެތި ފޮޅިފައިވާ މަލުގެ ތާޒާކަން ކަނޑުވައިލައިފި، މަޖޫބުރުގައި މަލުގެ ކަރުގަނޑުން ފޮނިބޮއެ ނިމިއްޖެ، މީހުންނަށް އެ ގަސް ފެނުނުއިރު އޭގެ ދިރުން ގެއްލިއްޖެ، ބިނދިފައި ބިންގަނޑުމަތީ އޮތީ އެކަނި ހާލައިގެން އެއަށްކުރެވޭނެ އެއްވެސް ކަމެއްނެތިފަ. އެ ގަސް އެހާ ބޭނުންވެގެން އުޅުނު ޒުވާނާ ހެދީ ކިހިނެއްކަން އެނގޭތަ... އޭނާގެ ހިތް ބަދަލުވީ. އެ ގަހުގެ ބޭނުމެއް ދެން ނުކެރެވޭނޭ ހީވީ، އެ ގަހުން ނުކުންނަ މޭވާ ހިތިވާނޭ ކަމަށް ނިންމީ، އެ ގަހުގެ ބެލެހެއްޓުންތެރީން އަލުން އެ ގަހަށް އާރޯކަން ގެނެވޭތޯ މަސައްކަތްކުރި، ނަމަވެސް އިހު ހުރި ގަހަކަށް އެ ގަސް ނުވި، އިހު ލިބުނު ސަމާލުކަން އެކީ ގެއްލިއްޖެ... އެކަމަކު އެ ގަހުގެ ހާލު ﷲ ބަލައްވާވޮޑިގެންވި، އެ ގަހަށް ބޭނުންވަނީ ކޮންއެއްޗެއްކަން އެކަލާނގެ ދެނެވޮޑިގެންވި، ދެވަނަ ޒުވާނެއްގެ ސަމާލުކަން އެ ގަހަށް ދެވުނީ ﷲ އެކަމަށް އިރާދަކުރެއްވީމަ، އޭރު އެ ގަހުން މޭވާ ނުކުމެއްޖެ، އެ މޭވާއަކީ އެ ގަހުގެ ބައެއް، އެ ޒުވާނާ ގަސް ބޭނުންވެއްޖެ، އެ ގަހުގައި އެޅި މޭވާއާއެކު، ﷲ އޭނާއަށް އެކަން ފަހިކޮށްދެއްވި، ކެތްތެރިކަމުގެ އަގު ލިބުނު، އޭނާ ހައްޤަކަށް އެ ގަސްވެއްޖެ. އެ ޒުވާނާގެ ހިތްވަރާއި ލޯތްބާއި އަޅާލުމުގެ ސަބަބުން މަޑުމަޑުން ގަހުގެ ހާލަތު ބަދަލުވާންފެށި. ﷲ ގެ މިންވަރުފުޅާއެކު އޭނާގެ މުޑުވަކުން ގަހުގައި ދެވަނަ ފަހަރަށް މޭވާއަޅައިފި. އަހަރުތަކަކަށްފަހު އެ ގަސް ފުރަތަމަ ބޭނުންވި ޒުވާނާއަށް އަލުން ފެނިއްޖެ، އޭނާ އެ ގަހާމެދު ޝައުގުވެރިވޭ، އޭނާ މަޤްޞަދު ސާފެއްނޫން، އަޒްހަދު... އަޒްހަދުގެ ހިޔާލެއް ދީބަލަ، ﷲ ފިޔަވައި ދެން އެ ގަހުގެ މައްޗަށް އެންމެ ހައްޤުކަން ބޮޑީ އެތަނުން ކޮން ޒުވާނެއް؟ ފުރަތަމަ އެ ގަހާ ބައްދަލުވި ޒުވާނާތަ؟. ނޫނީ ފަހުން އެ ގަހަށް އާ ހަޔާތެއް ހޯދާދިން ޒުވާނާތަ؟. އަހަރެން ދެކޭ ގޮތުގައި މާޒީގަ އޭނާ އެ ނިންމި ނިންމުން ބަދަލުކުރާން ބޭނުންވިޔަސް މިހާރު މާލަސްވެއްޖެ، މިހާރު އެ ގަހަކީ މީހެއްގެ ހައްޤަކަށްވީމަ. ﷲ ފުރުސަތި ފަހިކުރައްވާ، އަދި އިންސާނުންނަށް އިޚްތިޔާރުދެއްވި، ފާއިތުވީ ވަގުތެއް އަލުން އަނބުރާ ލިބުމެއްނުވޭ. ވަގުތުގެ ދުވެއްޔާއެކު ދިރިއުޅުން ކުރިޔަށްދޭ. މާޒީގެ ފޮޓޯގަނޑަށް އަބަދު ބަލާނަމަ މިއަދުގެ ރީތި މަންޒަރުގައިވާ އުފާވެރިކަމާއި ހިތްހަމަޖެހުން އިހްސާސެއް ނުކުރެވޭނެ، އޭރުން އަނެއްކާވެސް އެ ގެއްލުނީ ފުރުސަތެއް. އަހަރެން ހިތަށް އަރާ އޭނާ މިކަން ގަބޫލުކުރާނެނަމައޭ، މީ ﷲގެ މިންވަރުފުޅުކަން. އަދި ކޮންމެކަމަކީ އިމްތިހާނެއްކަން، ޖަންނަތުގައި ހުރިހާ ގޮތަކުން ފުރިހަމަވެގެންވާ ހޫރުންވޭ. އަދި އެތަނުގައި ހުރިހާ އުފަލެއްވޭ. ލޯބިވާ މީހުންނާއެކު."

އަޒްހަދު އިސްޖަހާލިއެވެ. ޒެހެން ވާހަކަދައްކާ ނިމި ހިމޭންވިއެވެ. އަޒްހަދަށް އޭނާ ބަލާލިއެވެ. ދެ މީހުންގެ ކޮފީ ޖޯޑު ވެސް ވަނީ ހުސްވެފައެވެ. ޒެހެންގެ ވާހަކަތައް ޝަރަހަކުރާކަށް އަޒްހަދަށް ދައްޗެއް ނުވިއެވެ. އަޒްހަދާއި ހޫރައިންއާ ބެހޭ ގޮތުން ޒެހެންއަށް އެނގިއްޖެކަން ޔަގީންވިއެވެ. މިފަހަރު ޒެހެންގެ ވާހަކަތަކުން އަޒްހަދަށް ވެރިވީ މަޑުމޮޅިކަމެވެ. އެ ވާހަކަތަކުގައި އަޒްހަދަށް ޓަކައިވީ މަލާމާތެއްނޫނެވެ. ޒެހެން އެ ބުނަނީ ވިސްނާ ފިކުރުކުރުމަށެވެ. ރަނގަޅު ގޮތް ޚިޔާރުކުރުމަށެވެ. ﷲ ގެ މިންވަރުފުޅަށް ރުހުމަށެވެ. ހިތުގައިވާ ޖަޒުބާތުގެ ލަގަން ދޫވުމުގެ ކުރީން ބުއްދި އިސްކުރުމަށެވެ. ﷲ ގެ ރުއްސެވުން ލިބި ކާމިޔާބު ލިބިގެންވީ އިންސާނަކަށް އޭނާ ވެއްޖެނަމަ އެފަދަ ކިތަންމެ ހޫރައިންއަށް އޭނާއަށް ޓަކައި ﷲ ދެއްވުމަށް ކުޅަދުންވަންތައެވެ.

"އެ ގަހަކީ ހޫރު، އެ ގަހުގައި އެޅި ގޮތް ނޭނގޭ މޭވާއަކީ ރޭޕްގެ ސަބަބުން ހޫރަށް ލިބުނު ދަރިފުޅު، އެ ގަސް އެ ހާލުގައިވާން ދޫކޮށްލި ޒުވާނާއަކީ އަހަރެން... އެކަމަކު... އަހަރެންނަށް... އަހަރެންނަށް ކުރިމަތިވީ މަޖުބޫރު ﷲ ދެނެވޮޑިގެންވޭ. އަހަރެން ހޫރައިން ދޫކޮށްލީކީނޫން. ވަކިވާން މަޖުބޫރުވީ." އަޒްހަދުގެ އަޑު އޭނާގެ ހިތާއި ސިކުނޑީގައި ގުގުމަމުން ދިޔައެވެ.

އަޒްހަދު އެއްވެސް އެއްޗެއް ރައްދުގައި ނުބުންޏެވެ. އޭނާ އެތަނުން ދާން ތެދުވީ ކުއްލިއަކަށް ނަހުޔާނު ސައިކޮޓަރިއަށް އައީމައެވެ. ޒެހެން ނައިސް ލަސްވަނީ ކީއްވެތޯ ބަލާން ނަހުޔާނު އައީއެވެ. އަޒްހަދު ފެނުމުން ނަހުޔާނު ވާހަކަދެއްކިއެވެ. ޒެހެންއާ ދެމެދު ކަމެއް ހިނގިކަމެއް އަޒްހަދުގެ ފުށުން ފާޅެއްނުވިއެވެ. އެހެންވެ ނަހުޔާނަށް އެތަނުގައި ދެއްކުނު ވާހަކައެއް ނޭނގެއެވެ. ކަމެއް ހިނގިކަމެއް ރެއަކާ ވެސް ނުލައެވެ.

ޚިޔާލުތަކުގައި އިނދެފައި އަޒްހަދު ތުނބުޅީގައި އަތްހާކާލިއެވެ. ފިނިނޭވާއެއް ލުމާއެކު އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އޮފީހުގައި އިންނަ ހިތެއް އޭނާ ނުވިއެވެ. އިނަސް މަސައްކަތެއް ނުކުރެވޭނެކަން އެނގޭތީއެވެ. އެހެންވެ އޭނާ ތައްޔާރުވީ ގެއަށް ދާށެވެ. އޭނާގެ ހިތަށް މިއަދު ތަދުވަނީ އެހެންޏާ ނުރިހޭ ގޮތަކަށެވެ. ހޫރައިންއަކީ މީހެއްގެ ހައްޤެއްކަން އަމިއްލަ ހިތަށް ގަބޫލުކުރަން ޖެހުނީމައެވެ. އަދި އެއީ ކޮންމެ މީހެއްނޫނެވެ. އެއީ ޒެހެންގެ ހައްގެކެވެ. އަޒްހަދު މަސައްކަތް ކުރާ ތަނުގެ ވެރިޔާގެ އަނބިމީހާއެވެ.

"މާބޮޑަށް ވަރުބަލިވީތަ؟. މިގަޑީގަ ނުނިދައްޗޭ. ހަވީރު ދަޅަމައްޗަށް ނުވާނެ ނިދާކަށް." ހޫރައިން ބުނެލިއެވެ.

"ނުނިދާނަން. ކޮބާ ޔޫކް." އޮފީހުން އައިސް ޒެހެން ފެންވަރާލައިގެން ނުކުތް ގޮތަށް އޮށޯތީއެވެ.

"ޔޫގެ މަންމައާއެކު ބޭރަށް ގޮސްވީ." ހޫރައިން ބުނެލިއެވެ.

"ކަމަކާ ވިސްނަނީތަ؟ އޮފީހުގަ ކަމެއްވީތަ؟." ޒެހެން މާ މަޑުމަޑުން އޮންނާތީ ހޫރައިން ސުވާލު ކުރިއެވެ.

"ހޫރް، އަހަރެން އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއްނޫން. އެކަމަކު ބައެއްފަހަރު ހާސްވަނީ ހޫރު ތިއިން ހާލުން ކަމެއްވެދާނެތީ، ސްޓްރެސް ވެދާނެތީ." އުއްޑުން އޮވެ ޒެހެން ވާހަކަދެއްކިއެވެ.

"އެހެންވީމަ ކަމެއްވީ ދޯ. ނުބުނިއްޔާ މާބޮޑަށް އެއްޗެހި ހިތަށް އަރާނެ. އެހެންވީމަ ބުނޭ." ޒެހެންގެ މޫނުގައި ހިފަހައްޓާލުމާއެކު ހޫރައިންއަށް ބަލަން އިޝާރާތްކުރިއެވެ. ޒެހެން އަރިއަކަށް ޖެހިލީ އެހެންވެއެވެ. އަނބިމީހާއަށް އޭނާގެ މޫނު ދެއްކުމަށެވެ. ލޯތްބާއެކު ހޫރައިންގެ ކޯތާފަތުގައި ފިރުމާލާފައި ޒެހެން ވާހަކަދެއްކިއެވެ.

"އަޒްހަދު އުޅެނީ އެ އޮފީހުގަ." ޒެހެން ބުނެލިއެވެ. (ނުނިމޭ)