ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން 20 ރަށަކަށް ވީލް ޗެއާ ހަދިޔާކޮށްފި

ވިހި ރަށެއްގައި އުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 34 މޮޓޮރައިޒްޑް ވީލްޗެއާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދިޔާކޮށްފެއެެވެ.

މިއީ ބީއެމްއެލްއިން ކުރިއަށް ގެންދާ ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން ދިން އެހީ އެކެެވެ.

އެ ޕްރޮގްރާމް ބީއެމްއެލްއިން ފެށީ 2017 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލްއިން މިހާތަނަށް 170 އަށް ވުރެ ގިނަ ވީލްޗެއަރ ހަދިޔާ ކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދީފައި ވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮންމެ މީހަކަށް ވީލްޗެއާ ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތާ ދޭތެރޭ ފަހުރުވެރިވާ ކަމަށެވެ.

"މި ވީލްޗެއަރގެ ޒަރިއްޔާއިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭ. މި ޕްރޮގްރާމްގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް." ޓީމް ވިދާޅުވި އެވެ.

ބީއެމްއެލްއިން ދަނީ އެކި އެކި އެހެން ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވަމުންނެވެ. އެ ގޮތުން މިދިޔަ ޑިސެންބަރު މަހު ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް ގެ 'ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް' ހިންގުމަށް އެ އެސޯސިއޭޝަން އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.