ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 50 އަހަރު ފުރޭތީ އެކަމާ ގުޅިގެން ޑައިވިން ހަރަކާތަކާ އެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އޯޝަން ޖިއޯގްރަފިކްގެ އިތުރުން މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެން މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.
ޑައިވިން ހަރަކާތް ކުރިއަށްދާނީ ކޮންމެ އަތޮޅު ކައުންސިލަކުން ކަނޑައަޅާ ޑައިވް ސައިޓްތަކާއި ރިސޯޓްތަކުން ނޮމިނޭޓް ކުރާ ޑައިވް ސައިޓްތަކުގެ އިތުރުން މި އިވެންޓްގެ ސްޕޮންސަރުން ކަނޑައަޅައި ސައިޓްތަކުގެ ތެރެއިން ޖުމްލަ 50 ސައިޓެއްގައި އެއް ފަހަރާ ކުރިއަށް ގެންދާ ގޮތަށެވެ.
ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިޒަމް ފެސިލިޓީ ތަކުގެ ޑައިވަރުން މިއިވެންޓްގައި ބައިވެރިވެ ފީނުމަށް 85 ޑޮލަރުގެ ފީއެއް ނަގާނެ އެވެ.
ޑައިވް ހިނގަމުންދާއިރު ފޮޓޯ ނަގަން ބޭނުންވާ ދިވެހި ފޮޓޯގްރާފަރުންނަށް ހިލޭ ބައިވެރިވެވުނު ނަމަވެސް ބޭރުގެ ފޮޓޯގްރާފަރުން 10 ޑޮލަރުގެ ފީއެއް ދައްކަންޖެހެ އެވެ. ޑައިވްގެ ތެރެއިން ނަގާ އެންމެ ރަނގަޅު ތިން ފޮޓޯ، ޑައިވް އަށް ހާއްސަކޮށްގެން ތައްޔާރުކުރާ ފޮތުގައި ހިމެނުމަށްފަހު އެންމެ މޮޅު ކަމަށް ބެލެވޭ 150 ފޮޓޯ ދެން އެންމެ އަވަަހަށް ބާއްވާ އަންޑަވޯޓާ އެގްޒަބިޝަނުގައި ދައްކާލައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އޮނަތިރީސް ވަނަ ދުވަހުގެ ޑައިވްގައި ނަގާ ފޮޓޯތަކުގެ އެންމެ ރަނގަޅު ފޮޓޯތައް ހޮވާ އިއުލާންކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޮކްޓޫބަރު ދެވަނަ ދުވަހު އެވެ. މުބާރާތަށް އިންސާފު ކުރާ ފަނޑިޔާރުންގެ ޕެނަލްގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ހިމެނެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އޯޝަން ޖިއޯގްރަފިކްގެ ޑިރެކްޓަރު އަދި ޕަބްލިޝަ މައިކަލް ވިދާޅުވީ އެއްވަގުތެއްގައި ޑައިވް ހަރަކާތް ކުރިއަށް ގެންގޮސް އެ ހަރަކާތުގެ ތެރެއިން ފޮޓޯ ނެގުމަށް ނިންމީ ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ދުނިޔެއަށް ދައްކާލުމަށާއި ފަރުތަކުގެ ދިރާސާއަށް ބޭނުންވާ ފޮޓޯ ނެގުމަށް ކަމަަށެވެ. ޑައިވް ހަރަކާތެއް ބާއްވާ ފަރުތަކުގެ ފޮޓޯތައް ނެގުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި އިވެންޓް ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވ އެވެ.
ޑައިވިން ކުރިއަށްދާ ވަގުތު އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް ބައެއް ކަހަލަ ހަދިޔާތައް ދިނުމަށްވެސް ނިންމާފައިވެ އެވެ. އެގޮތުން އެ ހަރަކާތުގައި ބައިވެރިވާ މީހުންގެ ތެރެއިން 50 އަހަރު ފުރޭ މީހުންނަށާއި 50 ވަނަ ޑައިވް ކުރާ މީހާ ފާހަގަކޮށް ހާއްސަ ހަދިޔާތަކެއް ދޭނެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 50 އަހަރު ފުރޭތީ ޓޫރިޒަމް މިނިސްޓްރީން ވަނީ ރަންޔޫބިލަށް ހާއްސަ ލޯގޯ އަކާއި ލަވައެއް ވެސް ނެރެފަ އެވެ. އަދި ޓިކްޓޮކް މުބާރާތެއް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.