ޑީޖޭއޭ

ހަނދު ސާބިތުކުރުން އޭޕްރީލް އެއްވަނަ ދުވަހު

Mar 13, 2022

ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން ކުރިއަށް އޮތް އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގަ އެވެ.

ޑީޖޭއޭ އިން ބުނީ ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށެވެ.

ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެނޫންވެސް އެފަދަ މުހިއްމު މައުލޫމާތު ދޭންޖެހެ އެވެ. ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭޕްރީލް އެކެއްވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ހަނދާ ބެހޭ ގޮތުން ގޮތެއް ނިންމަނީ އިސްލާމީ މަރުކަޒުގައި ބާއްވާ ހަނދާ ބެހޭ ކޮމިޓީގެ ބައްދަލުވުމަކަށްފަހު އެ ކޮމިޓީގެ ނިންމުންތަކާއި އިސްލާމީ އެހެން ގައުމުތަކުން ހަނދާ ބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.

އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ.