ކޮންމެ ޖެނެރޭޝަނަކަށް ވެސް ޚާއްސަ ފެޝަންތަކާއި ވާހަކަތަކެއް ހުންނާނެ އެވެ. ކުރީގެ ޖެނެރޭޝަންތަކުގެ މީހުން ފަހުގެ ޖެނެރޭޝަންތަކުގެ ކަންތައްތައް ދަސް ކުރަނީ އެ ޖެނެރޭޝަނެއް މީހުންގެ ފަރާތުންނެވެ. އެގޮތުން އެކްޓަރު އަޖޭ ދޭވްގަން ވެސް މިހާރުގެ ޖެނެރޭޝަންގެ ފެޝަންތައް ދަސްކޮށް 'ކޫލް' ކޮށް ހެދުން އަޅަން ދަސްކުރަނީ އޭނާގެ ދަރިންގެ ފަރާތުންނެވެ.
އަޖޭ ބުނި ގޮތުގައި ނައިސާ އާއި ޔުގް އަބަދުވެސް އޭނާގެ މުސްކުޅީ ފެޝަންތައް ކަމު ނުދާ ކަމަށް ބުނެ އެވެ. ނަމަވެސް އެމީހުން މިހާރުގެ ފެޝަންތައް ކިޔައި ދިނުން އެކަން ދަސްވާއިރު އެ ފެޝަނެއް އޮންނަނީ މުސްކުޅި ވެފަ އެވެ.
"އެމީހުން ކައިރިން އަހަން ޖެހެނީ މިހާރުގެ ޓްރެންޑްތަކާއި ފެޝަންތައް. ނަމަވެސް އެކަންކަން އަހަންނަށް ދަސްވާން ދެ ތިން މަސް ނަގާ. ދަސްވާއިރު އޮންނަނީ އެ ފެޝަން ބާވެފައި،" އަޖޭ ބުންޏެވެ.
އަޖޭގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި މީޑިއާތަކުން އޭނާގެ ދެ ދަރިން ކަމަށްވާ ނައިސާ އާއި ޔުގް އަށް މާ ބޮޑު ސަމާލުކަމެއް ދީ އެކުދިން އުޅޭ ނޫޅޭ ގޮތުގެ ވާހަކަތައް އަބަދު ލިޔާތީ އޭނާ ވަރަށް ކަންބޮޑުވެ އެވެ. އެ ކުދިންނަކީ އަދި އެއްވެސް ގޮތަކުން ފިލްމުތަކާ ގުޅުން ހުރި ކުދިންނަށް ނުވާއިރު އެހާ ބޮޑަށް އެކުދިން ފޮލޯ ކުރާތީ ވަރަށް ހިތްހަމަނުޖެހޭ ކަމަށް އަޖޭ ބުންޏެވެ.
"ފިލްމު ކުޅެނީ އަހަރެންނާއި ކާޖޮލް. އެހެންވީމަ އަހަރެމެން ޖަޖްކޮށް ފާޑުކިޔަސް މައްސަލައެއް ނެތް. އަހަރެމެންގެ ދަރިން ޖަޖް ނުކުރޭ. އަހަރެމެންނާ ހެދި އަހަރެމެންގެ ދަރިންނަށް ފޯކަސް ނުކުރޭ،" ބުނެފައި ވެއެވެ.
އަޖޭގެ އަންހެން ދަރިފުޅު ނައިސާގެ އެކި ވާހަކަތައް މި ފަހަކަށް އައިސް މީޑިއާތަކުން ވަރަށް ގިނައިން ދައްކަ އެވެ. އޭނާގެ ހެދުންތައް ކުރު ވާހަކައާއި ހާމަކަން ބޮޑު ހެދުންތައް އަޅާ ވާޙަކަ އެވެ. އަދި ގައިގެ ހަމުގެ ކުލަ ދޮން ކުރަން އެކި ކަހަލަ ފަރުވާތައް ހޯދާ ކަމަށް ތުހުމަތުކޮށް ވެސް ޚަބަރުތައް ފަތުރާފައި ވެއެވެ. މި ޚަބަރުތައް ފެތުރުމުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ނައިސާއަށް މަލާމާތްކޮށް ޓްރޯލް ކުރެ އެވެ.