ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެދި އާދޭހެއް ނުކުރާނެ

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެދި މޮސްކޯ އާދޭސް ނުކުރާނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރުގެ ނައިބު ސަރުގޭ ޔަރުޝީނަން ވިދާޅުވެއްޖެ އެވެ.

ޔުކްރޭނަށް ރަޝިއާ ސިފައިން އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކަށް އަދަބު ދިނުމަށް ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޖަޕާނައި ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ވެސް ވަނީ ބައިވެރި ވެފަ އެވެ.

ނައިބު ވަޒިރު ވިދާޅުވި ގޮތުން ހުޅަނގާއި އިރުމަތި ރަޝިއާއަށް ދަތިކޮށް ކިތަންމެ ވަރަކަށް ފިއްތި ނަމަވެސް މިސްރާބު ބަދަލެއް ނުކުރާނެ އެވެ.

އިގުތިސޯދީ ދަތި ކުރުންތަކުން ރަޝިއާއަށް އަސަރު ކުރާނެ ކަމަށް ވިދާޅުވެ ސަރުގޭ ޔަރުޝީނަން ވިދާޅުވީ ރަޝިއާއިން ކުރިއާލައި ހުޅަނގަށް ދޫދިން ނަމަ ބޮޑު ތަނުން ދަމައިގަތީސް ކަމަށެވެ.

ރަޝިއާއަށް ދަތި ކުރަން އެމެރިކާއާ ގުޅިފައި އޮތް ބައިގަނޑު ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށް ނައިބު ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާއާ ދެކޮޅަށް ދުނިޔެ ދަންނަހާ ކަމެއް އެމީހުން މިހާރު ކޮށްފި ކަމަށެވެ.

އެމެރިކާއަށް ބިރު ރަޝިއާ ނޫޅޭ ކަމަށް ޔަރުޝީނަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާގެ ދޮރުބުޑުގައި ނޭޓޯ އާއި އެމެރިކާއަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ޔަރުޝީނަން ވިދާޅުވި ގޮތުން ޔުކްރޭނަށް އަރައިގަތީ ދަތި ކުރާނެކަން އެނގި ތިބެ އެވެ. ދަތި ކުރުމަކީ ރަޝިއާއަށް ކުރެވެން އޮތް އިޚުތިޔާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭނާށް ހަމަލާ ދޭން ޖެހުނީ ރަޝިއާގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެތީ ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް ދަތި ކުރުމަކި އާ ކަމެއް ނޫން ކަމަށް ވެސް ޔަރުޝީނަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ދަތިތަކުން އަރައިގަތުމަށް އިގުތިސޯދުގައި ޕެޗްއެޅުމަކީ ރަޝިއާއަށް ފަރިތަ ކަމެއް ކަމަށެވެ.