ކްރިމިނަލް ކޯޓުން އޮންލައިންކޮށް މައްސަލަ ބަލައިގަންނަން ފަށައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެވެ. ޝަމީމް މިއަދު ވިދާޅުވެފައި ވަނީ ފުރަތަމަ ފަހަރަށް އިއްޔެ ކްރިމިނަލް ކޯޓަށް އަލަށް އޮންލައިންކޮށް މައްސަލައެއް ހުށަހަޅާ، އޮންލައިންކޮށް މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. މިއީ ތާރީހީ ކަމެއް ކަމަށް ޝަމީމް ވަނީ ސިފަކުރައްވާފަ އެވެ.
މީގެ ކުރިން ކޯޓަށް މައްސަލައެއް ހުށަހަޅާނަމަ ގިނަ ލިޔެކިޔުންތަކާއި، ވަގުތު ގެއްލެ އެވެ. ޝަމީމް ވިދާޅުވި ގޮތުގައި މި ބަދަލާއެކު ދެ އިދާރާގެ މުވައްޒަފުންގެ ވަގުތާއި މަސައްކަތް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެން ހިނގައްޖެ އެވެ.
ޝަމީމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ކޯޓަށް މައްސަލަތައް ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރި ކަމަށެވެ. އޭރު ޕީޖީ އޮފީހުގެ ކޭސް މެނޭޖްމެންޓް ސޮފްޓްވެއާއެއް މެދުވެރިކޮށް މައްސަލަތައް ހުށަހަޅަމުން ދިޔަ އެވެ. އެކަމަކު އެކަން މިހާރު ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެންގެވުމާއި އެކު މަޝްވަރާތައް ކުރެވި، ކޯޓުން އިއްޔެ ވަނީ އޮންލައިންކޮށް މައްސަލަތައް ބަލައިގަތުން ރަސްމީކޮށްފަ އެވެ.
މި ބަދަލާއެކު ބޮޑެތި ފައިލްތައް ވެސް އޭޕީއައި މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި، މައްސަލަ ފޮނުވާ ދުވަހާއި ބަލައިގަތް ދުވަހާއި ވަގުތު ލޮގް ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. މައްސަލަތައް ތަރުތީބުކުރެވިގެން ދިޔަ ގޮތާއި މެދު އެއްވެސް ސުވާލެއް ނުއުފެދޭނެ އެވެ.
"ކޮންމެ ދުވަހަކު ދެއިދާރާގެ މުވައްޒަފުންގެ ވަގުތުން ގަޑިއެއްހައި އިރު ސަލާމަތް ކުރެވޭނަމަ މުޅި އަހަރުގެ ތެރެއަށް އެ އެއްގަޑިއިރު ބަހާލުމުން ބޮޑު ބަދަލެއް އަންނާނެ. ރާއްޖޭގެ ހުރިހާ ކޯޓުތަކަށް މިގޮތަށް މައްސަލަ ހުށަހެޅޭގޮތް ވެއްޖެނަމަ އެށްވުރެވެސް ބޮޑު ބަދަލެއް އަންނާނެ. ޕީޖީ އޮފީހުގެ ނިޒާމު އޮތީ މުޅި ރާއްޖޭގައި ވެސް މިކަން ކުރެވޭ ވަރަށް ތައްޔާރަށް،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހާއި ފުލުހުން މިހާރު ވެސް މައްސަލަތައް ބަދަލުކުރަމުން ދަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އެހެންކަމުން ފުލުހުންނާ ޕީޖީ އާ މުއާމަލާތްކުރުމުގައި ވަރަށް ބޮޑަށް ފަސޭހަ ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފަ އެވެ.