ރައްޔިތުންގެ މަޖިލިސް

ފަންނީ އުފެއްދުންތަކާ ގުޅޭ ބިލު ކޮމިޓީއަށް

ރާއްޖޭގައި އުފައްދާ އުފެއްދުންތަކާއި އަދި އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަަށް އެކަށޭނެ ގޮތަށް އެ އުފެއްދުންތައް ގިންތިކޮށް ދަރަަޖަކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

"ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަ ކުރުމުގެ ގާނޫނު" ގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން ފާސްކުރީ 41 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ބިލު ދެން އިތުރަށް ދިރާސާކޮށް ގޮތެއް ނިންމާނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން އެވެ.

މި ބިލުގެ މަގްސަދަކީ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަށް އެކަށޭނެ ގޮތަށް ގިންތި ކުރެވޭ އުފެއްދުންތަކެއް ކަމަށް ކަށަވަރުކުރުމަށްޓަކައި ގިންތިކުރުމާއި ދަރަޖަކުރުމުގެ ނިޒާމެއް ގާއިމުކުރުން ކަމަށް ބުނެފައި ވެއެވެ.

މި ބިލު ގާނޫނަކަށް ވުމުން ގިންތި ކުރުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝްއިން ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި އުފައްދާ ނުވަތަ އެތެރެކުރާ ފިލްމާއި ސައުންޑް ރިކޯޑިންއާއި ފޮޓޯއާއި ކުރެހުން ފަދަ އުފެއްދުންތައް އާންމުކުރެވޭނީ އެ އުފެއްދުންތައް ގިންތި ކުރުމުން ނެވެ. ނަމަވެސް އަމިއްލަ ބޭނުމަށާއި ފަތުރުވެރިން އެތެރެކުރާ އުފެއްދުމާއި އަދި ޑައުންލޯޑް ކުރާ އުފެއްދުންތައް އިސްތިސްނާ ވާނެ އެވެ.

އުފެއްދުންތައް ގިންތިކުރާ އިރު ހުރިހާ އުމުރެއްގެ މީހުންނަށް ބެލޭ ނުވަތަ ވަކި އުމުރު ފުރާތަކަށް އެކަށީގެންވާ ގޮތަށް ގިންތި ކުރެވޭނެ އެވެ. އަދި ގިންތި ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކާއި ޖިންސީ ކަންކަމާއި އަނިޔާވެރިކަން ހުރި މިންވަރަަށް ރިއާޔަތްކުރަން ޖެހޭނެ އެވެ.

ގިންތިކޮށްފައިވާ އުފެއްދުމަށް އުނި އިތުރެއް ގެނެސްފިނަަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 އާއި 5000 ރުފިޔާއިން ޖޫރިމަނާކޮށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އިތުރު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.