ރާއްޖެ ކުޅިވަރު

ފަހުހާފުގައި ގޯލު ޖަހާކަށް ނޫޅެން: އަފްގާން ކޯޗު

ބަނގްލަދޭޝް އަތުން މިރޭ 4-0އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހިފައިއޮތުމުން ފަހު ހާފުގައި ލަނޑުޖަހަން މާބޮޑަށް ނޫޅޭ ކަަމަށް އަފްގާނިސްތާނުގެ ކޯޗު ޕީޓަރ ސާގެޓް ބުނެފި އެވެ.

އޭނާ ބުނީ ބަނގްލަދޭޝް އަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް އެމީހުންގެ ނަސީބުވެސް ނެތީ ކަމަށެވެ.

"ފަހު ހާފުގައި ކެޕްޓަން ބޭލީ ވެސް އަރާމު ކުރުވަންވެގެން. އަހަރެން އެބަޖެހޭ ހަ ދުވަސްތެރޭގައި ތިން މެޗު ކުޅޭތީވެ އެކަމަށް ވިސްނަން. މިހެންވެ ފަހު ހާފުގައި މާވަރަކުން ކުޅުންތެރިން ދުވެ ހަދާކަށް ނުބުނަން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ތަށި ދިފާއު ކުރަން މިއީ ވަރަށް ރަނގަޅޫ ފެށުމެއް ކަމަށާއި ނަމަވެސް އޭނާ ވިސްނާނީ މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރަން ކަމަށެވެ.

އަދި މިރޭގެ މެޗުގައި ނުކުތް ނަތީޖާ އަކީ މުބާރާތުގެ ކުރިން އޭނާ އުއްމީދުކުރި ނަތީޖާއެއްނޫން ކަމަށް ވެސް ކޯޗު ބުންޏެވެ.

މުބާރާތުގައި އަފްގާނިސްތާން ދެން ކުޅޭނީ މާދަމާ ނޫން އަނެއް ދުވަހު ބޫޓާނާއެވެ. ބަނގްލަދޭޝް ކުޅޭނީ ދިވެހިރާއްޖެއާ އެވެ.