މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ވިލިމާލޭން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޫކުރުން ހުއްޓުވައިފި

Mar 14, 2022
1

ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދުން ކުއްޔަށް ބިން ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކުރުމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން އެކަން ހުއްޓުވައިފި އެވެ.

ވިލިމާލޭގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ހުސްކޮށް އޮތް 13 ބިމެއް ކުއްޔަށް ދިނުމަށް ނިންމާ، މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

ބިންތައް ކުއްޔަށް ދޫކުރަން އިއުލާންކުރުމާ އެކު ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއި ކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވާ ދެ ސިޓީއެއް ފޮނުއްވާފަ އެވެ.

ފުރަތަމަ ސިޓީ ފޮނުއްވާފައިވަނީ ތިލަމާލެ ބްޖުރިގެ މަސައްކަތްތަކަށް ވިލިމާލެ އިން ބޭނުންވާ ބިމުގެ ސަރަހައްދު ފާހަގަކޮށް ޕްލޭނިން މިނިސްޓްރީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހު ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައިވާ ޗާޓަށް ބަދަލު އައުމާ ގުޅިގެން އެކަން އެންގުމަށެވެ. އެގޮތުން މިނިސްޓްރީގެ ފުރަތަމަ ސިޓީގައި ބުނެފައިވަނީ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ކުރިން ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދަށް މިހާރު ބަދަލު އައިސްފައިވާ ކަމަށެވެ. އަދި ފަހުން އައި ބަދަލު އެނގޭ ގޮތަށް ސިޓީއާ އެކު ޗާޓެއް ވެސް ފޮނުއްވާފައިވެ އެވެ.

"މިޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު މިމަސައްކަތް ނިމެންދެން މި މިނިސްޓްރީން ބޭނުންކުރާނެ ވާހަކަ ދެންނެވީމެވެ. އަދި މިސަރަހައްދުގެ ތެރޭގައި ލުއި ސިނާއީ މަސައްކަތްތަކަށް ވިލިމާލޭން ދޫކޮށްފައިވާ ބިންތައް ހިމެނޭ ސަރަހައްދު ހިމެނޭތީ އާއި ބްރިޖާއި ގުޅިގެން ކޮންމެހެން ބޭނުންވާނެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް އިތުރަށް ބިން ބޭނުންވާނެތީ އެ ސަރަހައްދު އެ ބޭނުމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ދަންނަވަމެވެ." ފުރަތަމަ ސިޓީގައިވެ އެެވެ.

ދެވަނަ ސިޓީ ފޮނުއްވާފައިވަނީ ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާއީ ސަރަހައްދުން ކުއްޔަށް ބިން ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކުރުމާ އެކު ސީދާ އެކަމާ ގުޅުވައިގެންނެވެ. އެގޮތުން އެ ސިޓީގައި ވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ދޫކުރުމުގެ ކަންކަން ސިޓީ ކައުންސިލުން ކުރިއަށް ގެންދަންވާނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ލޭންޑް ޔޫޒް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި އެ ޕްލޭން ފާސްކޮށްގެން ކަމަށް އަންގާފަ އެވެ.

މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތް ނިންމާ މާލެ ސިޓީ ކައުންސިލުން އެ ޕްލޭން ފާސްކުރަން ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައި އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން ފޮނުވި ސިޓީގެ މައްސަލަ އަންނަ ބުދަ ދުވަހު އޮންނަ މާލެ ސިޓީ ކައުންސިލް ބައްދަލުވުމަށް އެޖެންޑާކޮށް އެ މައްސަލައިގައި ގޮތްތަކެއް ނިންމާނެ ކަމަށް މާލޭގެ ކައުންސިލަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ތިލަމާލެ ބްރިޖުގެ ތައާރަފެއް

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު ހެދުމުގެ މަސައްކަތާއި ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ހަދާނީ އެފްކޯންސް ކުންފުނިންނެވެ.

މިސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ މާޗް މަހު ފަށާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ވެރިކަމުގެ މިދައުުރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.