މާލޭ ސިޓީ ކައުންސިލް

ލޭންޑް ޔޫޒް ޕްލޭން އޮންނާނީ ހުށައަޅާފައި: ކައުންސިލް

Mar 14, 2022

ލޭންޑް ޔޫޒް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަަށް ހުށައަޅާފައިވާ ކަމަަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ދޫކުރުމުގެ ކަންކަން ސިޓީ ކައުންސިލުން ކުރިއަށް ގެންދަންވާނީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ލޭންޑް ޔޫޒް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި އެ ޕްލޭން ފާސްކޮށްގެން ކަމަށް އެ މިނިސްޓްރީން ސިޓީ ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ޕްލޭނިން މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ ނޮވެންބަރު 30، 2021 ގައި މާލެ ސިޓީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ހުށައަޅާފައިވާ ކަމަަށެވެ.

މާލެ އާއި ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތް ނިންމާ މާލެ ސިޓީ ކައުންސިލުން އެ ޕްލޭން ފާސްކުރަން ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައި އޮންނަތާ އެތައް މަހެއްވެފައިވާ ކަމަށްވެސް ބުންޏެވެ.

ވިލިމާލޭގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ހުސްކޮށް އޮތް 13 ބިމެއް ކުއްޔަށް ދިނުމަށް ނިންމާ، މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.