އެޗްޑީސީ

ހިޔާ ޕާކް ރޯދައަށް ހުޅުވަނީ

Mar 15, 2022
3

ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދަމުންދާ "ހިޔާ ޕާކް" ރޯދަ މަހު ހުޅުވުމަށް ނިންމައިފި އެވެ.

ޕާކް ތަރައްގީކުރަމުންދާ އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ޕާކްގެ ފުރަތަމަ ފިޔަވަހީގެ 85 ޕަސަންޓް މަސައްކަތް ނިންމާލުމަށްފަހު ރޯދައަށް އެތަން ހުޅުވާލުން ކަމަށެވެ.

ޕާކް ހަދާނީ ކޮންމެ އުމުރުފުރައެއްގެ ބަޔަކަށް ވެސް އެތަނުން ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އެ މަގުސަދު ހާސިލްކުރުމަށްޓަކައި ޕާކް ހަދަނީ އިށީދެލައިގެން ތިބެވޭ ގޮނޑިތަކާއި އުނދޯލިތައް ވެސް ހިމެނޭ ގޮތަށެވެ. އައުޓްޑޯ ޖިމަކާއި ޕްލާޒާއެއް ވެސް ހެދުމަށް ނިންމާފައިވެ އެވެ. މީގެއިތުރުން ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ހާއްސަ ސަރަހައްދެއް ޕާކް ތެރޭގައި ހެދުމަށް ހަމަޖެހިފައިވެ އެވެ.

ހިޔާ ޕާކްގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް އެ ދުވަސްވަރު ކުރި މައިގަނޑު މަސައްކަތަކީ އެ ސަރަހައްދު ފެހިކުރުމަށްޓަކައި ރުކާއި ގަސް އިންދުމުގެ މަސައްކަތެވެ.

ހިޔާ ފާކު ހަދަނީ ހިޔާ ޓަވަރުތަކުގެ އެޗް 5 އަދި އެޗް 6 ހިމެނޭ ފްލެޓް އިމާރާތުގެ ކައިރީގައިވާ ހުސް ޖާގައިގަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާތަނަށް އެއްވެސް ޕާކެއް އަދި އެއްވެސް ކަހަލަ ކުޅިވަރެއް ކުޅެވޭނެ އެއްވެސް ތަނެއް އަދި ހަދާފައެއް ނުވެ އެވެ. ނަމަވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސެންޓްރަލް ޕާކްގެ ނަމުގައި ޕާކެއް ހަދާފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ އޯގަސްޓް މަހުން ފެށިގެން މީހުން އާބާދުވަމުންދާތީ އެޗްޑީސީން ގެންދަނީ އެ ސަރަހައްދަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެމުންނެވެ. އެގޮތުން މިހާރު ވަނީ ފިހާރަތަކާއި ސެލޫނަކާއި މިސްކިތެއް ހުޅުވާފަ އެވެ. އަދި ހިޔާ ފްލެޓް ސަރަހައްދުގައިވާ މަގުތައް ވެސް ތާރު އަޅައިގެން ހަދާފައިވާއިރު ކެފޭ ރެސްޓޯރަންޓް ތަކާއި ފާމަސީއާއި ސްކޫލުތަކާއި އިތުރު މިސްކިތްތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.