ފިނޭންސް މިނިސްޓްރީ

އަށް ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ބަޔަކު ހޯދަނީ

Mar 15, 2022

އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސްތައް ރަށްރަށުގައި ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އަށް ރަށެއްގައި ކޮމްޕްލެކްސްތައް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަނީ ރ. އަލިފުށި، ރ. ދުވާފަރު، އއ. އުކުޅަސް، ޅ. ނައިފަރު، ލ. ގަން، ފުވައްމުލައް އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން އައްޑޫ ސިޓީ މީދޫ އެވެ.

މިމަޝްރޫއުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000 ރުފިޔާއާއި 65،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހުށަހަޅަންޖެހެ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ނުވަތަ އަނބުރާ ނުލިބޭ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ އަދި ވަކި ގިންތިތަކަކަށް ފެތޭ ކުންފުނިތަކަކަށެވެ.

މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުންނެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ.

ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްގީކުރަން ނިންމާފައިވަނީ ވޮލީބޯލް، ބާސްކެޓް، ހޭންޑްބޯލް އަދި ނެޓްބޯލްގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ ގޮތަށެވެ. އަދި މި ތަންތަން ހެދުމަށް ހަމަޖެހިފައިވަނީ ކުޅިވަރު ކުޅޭ މީހުންނަށް ބޭނުންވާނެ ވަސީލަތްތަކާއި މުބާރާތްތައް ބެލުމަށް ހާޒިރުވާ މީހުންނަށް ވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ތަންތަނުގެ ގޮތުގަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ކުޅިވަރު ކުރިއެރުވުމަށް 83 މިލިއަން ރުފިޔާ އަދި ކުޅިވަރުގެ ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް 94.7 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.