ފިނޭންސް މިނިސްޓްރީ

ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ބަޔަކު ހޯދަން އަނެއްކާވެސް ބީލަމަށް

May 11, 2022
1

އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސްތައް ރަށްރަށުގައި ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އަށް ރަށެއްގައި ކޮމްޕްލެކްސްތައް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭގެފަހުން މިދިޔަ މަހު ވެސް އިއުލާންކުރި އެެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު އަލުން އިއުލާންކޮށްފައިވަނީ ކުރީގެ އިއުލާނަށް ކުދިކުދި ބަދަލުތައް ގެނައުމަށްފަހު އެވެ.

ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ނިންމާފައިވާ އަށް ރަށަކީ ރ. އަލިފުށި، ރ. ދުވާފަރު، އއ. އުކުޅަސް، ޅ. ނައިފަރު، ލ. ގަން، ފުވައްމުލައް އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން އައްޑޫ ސިޓީ މީދޫ އެވެ.

މިމަޝްރޫއުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000 ރުފިޔާއާއި 65،000 ރުފިޔާއާ ދެމެދުގެ އަދަދެއް ހުށަހަޅަންޖެހެ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ނުވަތަ އަނބުރާ ނުލިބޭ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ އަދި ވަކި ގިންތިތަކަކަށް ފެތޭ ކުންފުނިތަކަކަށެވެ.

މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުންނެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ ކުރިއަށް ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ.

ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްގީކުރަން ނިންމާފައިވަނީ ވޮލީބޯލް، ބާސްކެޓް، ހޭންޑްބޯލް އަދި ނެޓްބޯލްގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ ގޮތަށެވެ. އަދި މި ތަންތަން ހެދުމަށް ހަމަޖެހިފައިވަނީ ކުޅިވަރު ކުޅޭ މީހުންނަށް ބޭނުންވާނެ ވަސީލަތްތަކާއި މުބާރާތްތައް ބެލުމަށް ހާޒިރުވާ މީހުންނަށް ވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ތަންތަނުގެ ގޮތުގަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ކުޅިވަރު ކުރިއެރުވުމަށް 83 މިލިއަން ރުފިޔާ އަދި ކުޅިވަރުގެ ކަންކަން ތަރައްގީކޮށް ކުރިއެރުވުމަށް 94.7 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.