( 13 މާރިޗު 2022 އާ ގުޅޭ )
"އެހެންވީމަ ކަމެއްވީ ދޯ. ނުބުނިއްޔާ މާބޮޑަށް އެއްޗެހި ހިތަށް އަރާނެ. އެހެންވީމަ ބުނޭ." ޒެހެންގެ މޫނުގައި ހިފަހައްޓާލުމާއެކު ހޫރައިންއަށް ބަލަން އިޝާރާތްކުރިއެވެ. ޒެހެން އަރިއަކަށް ޖެހިލީ އެހެންވެއެވެ. އަނބިމީހާއަށް އޭނާގެ މޫނު ދެއްކުމަށެވެ. ލޯތްބާއެކު ހޫރައިންގެ ކޯތާފަތުގައި ފިރުމާލާފައި ޒެހެން ވާހަކަދެއްކިއެވެ.
"އަޒްހަދު އުޅެނީ އެ އޮފީހުގަ." ޒެހެން ބުނެލިއެވެ.
"ޢީދަށް ހެދުން ގަންނަން ނުކުތް ރޭ އޭނާއަށް ހޫރު އެނގިއްޖެ. ދެ މީހުން އެކުގައި ފެނުނީމަ އަހަރެން މީ ހޫރުގެ ފިރިމީހާކަން ވެސް އެނގިއްޖެ. އެރޭގެ ވާހަކަ އޭނާ ދެއްކި. ވައިފްތޯ އެހީމަ ބުނީ." ޒެހެން ވީހާވެސް ކުރުކޮށް ކިޔާދިނެވެ.
"އެނގެން ހުރި ބަޔަކަށް އެނގޭނެ. އެހުންނަނީ އަހަރެމެންނަށް ކޮންޓްރޯލު ކުރެވޭނެ ކަންކަމެއްނޫން." ހޫރައިން ބުންޏެވެ. އަނބިމީހާ އެފަދަ ހަމަޖެހޭ ގޮތަކަށް ޖަވާބު ދިފާނެއޭ ޒެހެން ހިޔެއް ނުކުރެއެވެ. ހާސްވެ ކަންބޮޑުވެވުނީ ބޭކާރު ގޮތުގައިކަން ޒެހެންއަށް އެނގުނެވެ. އެއާއެކު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ކޮންމެ މީހަކަށް އެނގުނަސް ހޫރައިންއަކީ އަހަރެންގެ އަނބިމީހާ... ދޯ!... އިންޝާﷲ އެކަން ބަދަލުވާކަށް ނޭދެން. ވަރަށް ލޯބިވޭ." ހޫރައިންގެ ބަނޑުގައި ފިރުމާލުމާއެކު އުނަގަނޑުގައި ހިފައި ޒެހެންއާ ގާތަށް ދަމާލިއެވެ.
"ޒެން އޯކޭތަ؟. ތި ދެމީހުން އެއްތަނެއްގައި ވޯކްކުރަން ޖެހޭތީ." ހޫރައިން އަހާލިއެވެ. ޒެހެން ވަގުތުން ބޯޖަހާލީއެވެ.
"އެވަރުކަމަކާ އުނދަގޫވެގެން ނުވާނެއެއްނު. އެއަށްވުރެ ޕްރޮފެޝަނަލް ވާންވާނެ ދޯ. އަހަރެން ޖޮއިން ކުރުމުގެ މާކުރީން ވެސް އޭނާ އެތަނުގައި މަސައްކަތް ކުރަނީ. މިހާރު ހުރީ މަތީ މަޤާމެއްގަ. އޭނާއާ މެދު ހިތްހަމަނުޖެހޭންވީ ސަބަބެއް ވެސް ނެތް. ހައްޤަކާނުލައި މީހުންނަށް ނަފުރަތުކުރާނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނީ އަހަންނަށް، އަހަރެންގެ ދިރިއުޅުމަށް. ލިބިފައިވާ ނިޢުމަތްތައް އެ ދެއްވި ފަރާތުން އަނބުރާ ގެންދަވާ ފަދަ ގޮތަކަށް އުޅޭކަށް ނުވާނެއެއްނު. އޭނާގެ އަތުގައި ނުވާއެއްޗެއް ﷲ އަހަންނަށް ދެއްވީ ނަމަވެސް އެކަމާ ބޮޑާވެގެން ނުވާނެތާ."
"ހޫމް!... ރަނގަޅަށް ތިބުނީ. ﷲ ގެ ބަރަކާތުން ބޭރުކުރެވިގެންވާ ދެމަފިރިންނަށް އަހަރެމެންވާކަށް ނޭދެން. އަހަންނަކީ ޒެންގެ ހައްގެއް. ދަރީންނާއި މައިންބަފައިންނާއެކު ސުވަރުގޭގައިވާން ނުހަނު ބޮޑަށް އެދޭއިރު، އެ ތަނުގައި އަހަރެންގެ އެންމެ ގާތުގައި ވާން އެދޭ މީހަކީ ތީ. ﷲ އަށް ޓަކައި މި ހިތް ބަލައިގަންފައިވާ، އެންމެ ލޯބިވާ އިންސާނާތީ. އެހެންވީމަ މި ހޫރު ގެއްލިދާނެތީ ޒެން ކަންބޮޑުނުވައްޗޭ. ތީ އަހަރެންގެ މުސްތަޤްބަލް." ފިރިމީހާގެ ހިތަށް ސާބިތުކަމާއި ޔަގީންކަން ހޫރައިން ގެނެސްދިނެވެ. ފިނިކަން އެކުލެވިގެންވީ ލަފުޒުތަކަކުންނެވެ. ލޯބިވެތި ބީހުމަކާއެކީއެވެ. މަރާލެވުނު ދެ ލޯ ޒެހެން ހުޅުވާލީ އަނބިމީހާ ދުރަށް ޖެހިލީމައެވެ. އެ ތުންފަތުގައިވީ ހިނިތުންވުން އިހުނަށްވުރެ ފުޅާވެލައިފިއެވެ.
ދެމަފިރިން އެކުގައި އެނދުން ތެދުވިއެވެ. ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އައެވެ. ހޫރައިން ކާމޭޒުކައިރީ އިށީންއިރު ޒެހެން ބަދިގެއަށް ވަނެވެ. ދެ މީހުންނަށް ސޭންޑްވިޗްއެއް އޭނާ ތައްޔާރުކުރާން ފެށިއެވެ.
"އަހަރެން ފަލަވެއްޖެ. މިހާރު ބަރުވެސް ވާނެކަން ޔަގީން. ޔޫކަށް ޕްރެގްއިރު މިކަހަލަ އެއްވެސް ކަމެއްނުވޭ." ހެދުމަށް ދަމާލަމުން ހޫރައިން ބުނެލިއެވެ.
"އެހެންތަ." ޒެހެން އަވަސް ބަލާލުމާއެކު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ޔޫކް ލިބުނުއިރު ހޫރު އިން ހާލަތު މިއަދުގެ ހާލަތާ ތަފާތު. މިއަދު ހޫރަށް އަޅާލައި ލޯބިދޭނެ ފިރިއަކު އެބަހުރި. އަމިއްލަ ނަފްސާމެދު ހޫރު އިނީ ހިތްހަމަޖެހިގެން. ލިބެން އުޅެނީ ހޫރު ވެސް ބޭނުންވެގެން ހޯދި ދަރިއެއް. އެހެންވީމަ... ޔޫކް ލިބުނު އިރާ އަޅާނުކިޔޭނެ. ޔޫކްއަކީ ހޫރައިންގެ ހިތްވަރުގެ ދަތުރުގައި ﷲ ދެއްވި ބައިވެރިއެއް. ކެތްތެރިކަމުގެ ނަސީބު." ޒެހެން ބުނަން ބޭނުންވިއެވެ. ނަމަވެސް އެ ވާހަކަތައް އޮތީ އޭނާގެ ހިތުގައެވެ. އެ ދުވަސްތަކާއި އޭރު ހޫރައިން އިން ހާލު ހަނދާންވާ ފަދަ ވާހަކައެއް ދައްކުމަށްވުރެ ހިމޭންވެ ހުރުން ވެސް ޒެހެންއަށް ރަނގަޅެވެ.
"ހަސިންތަ ގުޅި. ހާލު ބަލާލަން... ހުކުރު ދުވަހު މެންދުރު އަންނާން އެމީހުން ކައިރީ ބުނެފިން. ހަމްދޫނު ވެސް އަންނާނެހެން ހީވޭ." ކަމެއް ހަނދާންވީ ފަދައަކުން ހޫރައިން ވާހަކަދެއްކިއެވެ.
އަނބިމީހާ ދައްކާ ވާހަކަ އަޑު އަހަމުން އެ ވާހަކައިގަ ބައިވެރިވަމުން ޒެހެން ދިޔައެވެ. އޭނާ ތައްޔާރުކުރި ސޭންޑިވިޗްއާއި ދެ ޖޫސްތަށި ގެނެސް ކާމޭޒުމަތީ ބެހެއްޓިއެވެ. އަނބިމީހާގެ ކައިރިއަށް އޭނާ ބެހެއްޓި ތަށި ކައިރިކޮށްލިއެވެ. ރޭގަނޑުގެ ކެއުމާ ދެމެދު ހޫރައިން ބަނޑުހައިވެގެން އުޅޭކަން ޒެހެންއަށް ފާހަގަވެފައި އޮތީމައެވެ. އެހެންވެ ކޮންމެ ދުވަހު ވެސް ކޮންމެވެސް އެއްޗެއް އޭނާ ހޫރައިނަށް ތައްޔާރުކޮށްދޭނެއެވެ. ހޫރައިންއާއެކު އޭނާ ވެސް ކުޑަގޮތެއް ހަދާލާނެއެވެ.
"ކޮންއިރަކު ދަނީ؟." ނަހުޔާނު އަހާލިއެވެ. އޮފީހަށް އައުމުގެ ކުރީން ޒެހެން ހޮސްޕިޓަލަށް ދާން އޮތްކަން ނަހުޔާނު ކައިރީ އޮތީ ބުނެފައެވެ. އެހެންވެ އޭނާ އެ އަހާލީ ހަނދާންކޮށް ދިނުމެއްގެ ގޮތުންނެވެ.
"ދާންވީ. ދޮންބެއަށް މެއިލްކޮށްފިން އިނގޭ. ހޮސްޕިޓަލް ނިންމާލާފައި މިކޮޅަށް އަންނާނީ. އުޅޭނަމެންނު." ފަހަތަށް ގޮނޑި ޖައްސާލުމާއެކު ޒެހެން ތެދުވިއެވެ.
އޮފީހުގައި އިނދެފައި ޒެހެން ނުކުތީ ހޫރައިން ގޮވައިން ހޮސްޕިޓަލަށް ދާން ޖެހިފައި އޮތީމައެވެ. ދަރިފުޅުގެ ޖިންސު ސްކޭން ޑަކްޓަރު ކަށަވަރުކޮށްދިނީ އެދުވަހެވެ. ހޮސްޕިޓަލުން ނުނިކެމެވެނީސް އޭނާ ޢާއިލާގެ އެންމެން ހިމެނޭ ގުރޫޕަށް މެސެޖު ފޮނުވާލިއެވެ. އެންމެންނާ ދިމާކުރިއެވެ. ގެއަށް އާދެވުމުން ސުމައްޔާއަށް ޚަބަރު ދިނެވެ. ހޫރައިން ހީނލަހީނލާ އިނެވެ. ޒެހެންއާއި މަންމަގެ ވާހަކަތައް އިވިފައެވެ. އެންމެން ވެސް ޒެހެން ކައިރީ ބުނަމުން އައީ ހޫރައިން ވިހާނީ އަންހެންކުއްޖެއް ކަމެވެ. އެކަމަކު ޑަކްޓަރު ޔަގީންކޮށްދިނީ އެހެން ނުވާނޭކަމެވެ. ހޫރައިންގެ ބަނޑުގައި އޮތީ އިދިކޮޅު ޖިންސުގެ ދަރިއެކެވެ. ޢާއިލާގެ އެންމެން ވެސް ނިކަން ގޮތްގޮތަށް ލަފާކުރިއެވެ. ހޫރައިން ހިނގާ ގޮތުންނެވެ. ކުރެވޭ އުނދަގޫތަކުންނެވެ. ކާހިތްވާ އެއްޗިއްސަށް ބަލާފައެވެ. މިހެން ގޮސް އެމީހުން ނިކަން ހެއްވާ ވާހަކަދައްކާފައި އެބަހުއްޓެވެ. އެންމެންގެ ލަފާކުރުން ބޭކާރުވެ ފިރިހެން ދަރިއެއްކަން ލިބެން އުޅެނީ ޔަގީންވެއްޖެއެވެ. ޒެހެންއާއި ހޫރައިން ތިބީ އިންތިހާއަށް އުފަލުންނެވެ. ދަރިކުލުނު ޖެހެނީ ވަކި ޖިންސަކަށް ދަރިފުޅު ނިސްބަތްވެގެންނެއްނޫނެވެ.
"ޔޫކްއާ ދެމީހުން ހުންނާނެ ފޯރި. އަންނަން އުޅެނީ އޭނާއާ އެއްބައިވާނެ ޕާޓްނަރެއް." ފުޅާ ހިނިތުންވުމަކާއެކު ޒެހެން ބުނެލިއެވެ.
"ތީ އެކުދީންނަށް އެހީވާން ހުރި ޕާޓްނަރު. ބޯފަޅައިގެންދާނީ އަހަރެންގެ ކަންނޭނގެ." ހީނލާފައި ހޫރައިން ބުނެލިއެވެ. އަދި ޒެހެންގެ ކޮނޑުގައި ބޯއަޅާލިއެވެ. މަޑުމަޑުން ބަނޑުގައި ހޫރައިން ފިރުމާލިއެވެ. ދަރިފުޅު ދެކޭ ހިތުން އެ ހިތް ކެތްމަދުވެފައިވާ ކަހަލައެވެ.
ދެ މަސް ދުވަސް ފާއިތުވީއިރު ނަހުޔާނާއި ޒެހެން ތިބީ މަސައްކަތުން ޗުއްޓީއެއް ބޭނުންވެފައެވެ. ހަންނާނުގެ ކުންފުނި ކުޑައެއް ކަމަކު ދެ ކުންފުންޏެއް ގުޅާލުމަކީ ފަސޭހަކަމެއް ނޫނެވެ. މުނައްވަރާއި މިއުނާ ވެސް ބައްދަލުވުންތަކުގައި ބައިވެރިވާން ޖެހުނެވެ. އެމީހުންގެ ހިޔާލެއްނެތި ނަހުޔާނާއި ޒެހެން ނިންމުމެއް ނުނިންމައެވެ. އަނެއްކޮޅުން އެމީހުންނާއެކު ހަންނާނުގެ ދަރިފުޅު ކައިދިން މަސައްކަތް ކުރާން ހަމަޖެހިފައި އޮތަސް އޭނާ އެއް ނެތެވެ. ދެ ކުންފުނި ގުޅުވާލައި އެއް އިމާރާތަކަށް ހުރިހާކަމެއް ބަދަލުކުރެވިއްޖެއެވެ. މަސައްކަތްތައް ފަށައިގަތުމާއެކު ދެ ކުންފުނި އެއް ކުންފުންޏަށް ބަދަލުވިކަމުގެ މުނާސަބާގައި ބޭއްވި ޙަފުލާއަށް ވެސް ކައިދިން ނައެވެ. ކައިދިންއެކޭ އޭނާގެ ބައްޕަ ހަންނާނުއެކޭ ގޮތްދޫނުކުރުމުގައި އެއްގޮތެވެ. ކޮންމެ ގޮތަކުން ވިޔަސް މިހާރު ހަންނާނު ބޭނުމީ ކައިދިން ރާއްޖެ ގެންނާށެވެ. މަސައްކަތަށް އަހުލުވެރިކުރުވާ ޒިންމާދާރު ކުރުވާށެވެ. ކައިދިންއަށް ފައިސާ ލިބޭނެ މަގު ހަންނާނު ބަންދުކޮށްލީ އެހެންވެއެވެ. ފައިސާއާ ނުލާ ދަރިފުޅަށް ނޫޅެވޭނެކަން އޭނާއަށް ޔަގީންވެއެވެ. އަތްމަތި ދަތިވެ ފައިސާ ހުސްވީމާ ދެން ޖެހޭނީ އެނބުރި އަންނާންކަން ހަންނާނު ގަބޫލުކުރެއެވެ. އެކަމަކު އޭގެ ފަހުން ތިން މަސް ފާއިތުވީއެވެ. ކައިދިން ފައިސާއަކަށް ނުކިޔައެވެ. ކޮންމެވެސް ގޮތަކުން އޭނާ ފައިސާ އެބަހޯދާކަން ހަންނާނަށް ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ. އެހެންނޫނީ މިހާ ދުވަހު ކައިދިންއަކަށް ކެތެއް ނުކުރެވުނީހެވެ.
ރޭގަނޑުގެ ވަގުތެވެ. ހޮސްޕިޓަލަށް ހޫރައިން ގޮވައިގެން ޒެހެން އައިތާ ބާރަގަޑިއިރުވަނީއެވެ. ޒެހެން ހިފާފައި ހުރި ޕްރައިވެޓް ކޮޓަރީގެ ބޭރުން ސަރައްކާލީގެ އެއްކޮޅުން އަނެއްކޮޅަށް ހޫރައިން މަޑުމަޑުން ހިނގާލަ ހިނގާލާ ހުއްޓެވެ. އޭނާއާ އެއްވަރަށް ޒެހެން ވެސް ހިނގައެވެ. ވިހަން ތައްޔާރުވަނީއެވެ. އެކަން އަވަސްކޮށް ފަސޭހަކުރުމަށް ޓަކައި ހިނގާލުމަށް ޑަކްޓަރު ބުނީއެވެ. ޒެހެންގެ ހިތް އަވަސްވެފައިވެއެވެ. ވަގުތު ކުޑަތަންވަމުން އައިވަރަކަށް އަނބިމީހާއަށް ކަމެއް ވެދާނެތީ އޭނާ ހާސްވެފައިވިއެވެ. ނަމަވެސް އެއިންކަމެއްގެ ހިލަން ހޫރައިންއަށް ވިޔަ ނުދެއެވެ.
ވިހާ ކޮޓަރިއަށް ހޫރައިން ގެންދަނިކޮށް ފެންދުލި ފަޅައިގެން ހިނގައްޖެއެވެ. ނަރުހުންނާއި ޑަކްޓަރު ހޫރައިންއަށް އެހީތެރިވުމުގައި އަވަސްވެގަތެވެ. ވިހެމުގެ ވޭނަށް ހޫރައިން ކެތްތެރިވިއެވެ. އެހެންވިޔަސް އެ އަނގައިން ވޭނުގެ މަޑު އާހު ބޭރުވެއެވެ. ކައިރީގަ ތިބި ނަރުސް ކުދީން ހިތްވަރު ދެއެވެ. ހޫރައިންގެ ކެތްގަނދަކަމަށް އެމީހުން ތައުރީފުކުރިއެވެ. ދަންވަރު ދޭއްޖަހަން ކައިރިވެފައި ހުއްޓާ ހޫރައިންގެ ދެވަނަ ދަރިފުޅު ދުނިޔެއަށް އުފަންވެއްޖެއެވެ. ދަރިފުޅު ފެނުމުގެ ކުރީން އެކުއްޖާގެ ރުއިމުގެ އަޑު ހޫރައިންގެ ކަންފަތުގައި ޖެހުނެވެ. ލޮލަށް ދަރިފުޅު ފެނުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭރު ވެސް އެކުއްޖާ ހަމަ ރޮނީއެވެ. ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
އަލަތު ދަރިފުޅު ފެނި ޒެހެން ހުރީ ފާޑަކަށް ފިނިވެފައެވެ. އުރާލިއިރު ދެއަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. ހިނިތުންވަމުންދިޔައިރު ޒެހެންގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. ޒެހެންގެ ބުރަކަށީގައި އޭނާގެ ދާދި ގާތުގައި ހުރި މިއުނާ ފިރުމާލިއެވެ. ދަރިފުޅުގެ ކަންފަތްދޮށުގައި ބަންގިގޮވަން ވުމުން ޒެހެން ހިތްއަވަސްވިއެވެ. އެކަމަކު އޭނާގެ ގާތުގައި މުނައްވަރު ހުއްޓެވެ. ކަންތައްކުރަންވީ ކިހިނެއްކަން އޭނާ ކިޔާދެމުންދިޔައެވެ. އެފަދައިން ޒެހެން ކަންތައް ކުރިއެވެ. އެންމެ ހެޔޮ ގޮތުގައި މި ދުނިޔެއަށް އެ ދަރިފުޅަށް މަރުހަބާ ކިޔެވެ. އާއިލާގެ ހުރިހާ މެންބަރުން ޖަމާވެފައިވިއެވެ.
ދަރިފުޅާއި ހޫރައިން ކޮޓަރިއަށް ގެނައުމުން އެންމެން ވެސް އައެވެ. އެހެންނަމަވެސް އެންމެންނަށްވުރެ ކުރީން ޒެހެން އައިސް ހޫރައިންގެ ގާތުގައި މަޑުކޮށްލިއެވެ. ހޫރައިން އަތުގައި ފިރުމާލުމާއެކު ޒެހެން ބަލާލީ ކުލުނުން ފުރިގެންވީ ބެލުމަކުންނެވެ.
"ރަނގަޅުތަ؟." ޒެހެން އަހާލިއެވެ.
"އަލްޙަމްދުލިއްﷲ! އުނދަގޫކަމެނެތް... ވަރުބަލިވެއްޖެ." ހޫރައިން އެންމެފަހުން ބުނެލި ބަހުން ޒެހެންއަށް ހީނލެވުނެވެ. އޭނާ ހީކުރީ އެންމެ ފުރަތަމަ ވެސް ހޫރައިން ބުނާނީ ތަދުވާ ވާހަކަ ކަމަށެވެ. މިކަމެއް ދެން ނުވާނޭ ބުނާނޭ ކަމަށެވެ. ހެމުންހެމުން ޒެހެން ގުދުވެލިއެވެ. ހޫރައިންގެ ނިތްކުރީގައި އޭނާ ބޮސްދިނެވެ.
ޖެހިގެން އައި ދުވަހެވެ. ހެނދުނުގެ ނާސްތާ ނިންމާފައި ސާރާއާއި ސުހާނާ އައީ ހުރިހާ ކުދީން ގޮވައިގެންނެވެ. ޔޫކް ވެސް ހުރީ އެ ގޭގައެވެ. މަންމައަށް ކޮއްކޮ ލިބިއްޖެކަން އެނގުނު ވަގުތުން ފެށިގެން ޔޫކް ހުރީ ކޮއްކޮ ދުށުމަށް ބޭނުންވެފައެވެ. އެނދުގައި އޮތް މަންމަގެ ކައިރީ ހުއްޓިލަމުން ޔޫކް ގޮވާލިއެވެ. ކޮއްކޮ ބަލަން ބޭނުންވާކަން ބުނެލިއެވެ. ދެން އޭނާ އަމިއްލައަށް ޒެހެންގެ ގާތަށް އައެވެ. ޔޫކް ދެއަތް ދިއްކޮށްލީ އުރާލާށޭ ބުނާ ފަދައިންނެވެ. ކޮއްކޮ ބާއްވާފައި އޮތް އެނދު އުސްކަމުން ރީތިކޮށް އޭނާއަށް ނުފެންނާތީއެވެ. ޔޫކް އުރާލައިގެން އައިސް ކުޑައެނދުގެ ކައިރިއަށް ޒެހެން މަޑުކޮށްލިއެވެ. ސާރާގެ ވެސް އިންޝާ އުރާލައިގެން އައިސް މަޑުކޮށްލިއެވެ. ދާނިޔާލްއާއި ހަނާއަށް މީހެއްގެ އެހީތެރިކަން ބޭނުންވާވަރަށްވުރެ ބޮޑެއްޗެވެ. އެ ދެކުދީން ވެސް އާއިލާއަށް އިތުރުވި މެންބަރު ބަލަން ކައިރިވެލިއެވެ.
"ބޯއި ކޮއްކޮއެއްތަ؟. ހާދަ ރެޑް އޭ." އިރުކޮޅަކު ބަލަން ހުރެފައި ޔޫކް ބުނެލިއެވެ. ހީނލާފައި އެކުއްޖާގެ ސުވާލުތަކަށް ޒެހެން ޖަވާބުދިނެވެ.
ކުޑަދަރިފުޅުގެ ސިފަތަކަށް ޒެހެން ވެސް ބެލިއެވެ. ހަމުގެ ކުލަ އައްޔެވެ. އެކަމަކު ހުދު ދޮންކަމެއްނޫނެވެ. ޔޫކް ފާހަގަ ކުރިހެން ރަތްކަމެއްވިއެވެ. އިސްތަށިކޮޅު ފަންވެފައި ބޮލެވެ. ނިތްކުރިމަތިން ލޯލިތައް ވަކިން ގިނަވެފައި ފާޅުކަން ބޮޑެވެ. ޒެހެންއަށް ހީނލެވުނެވެ.
"ބައްޕަ ކަހަލަ ހެއަރީ ކުއްޖަކަށް ދޯ މިވީ." ޒެހެންގެ އެ ސަމާސާވީ އަމިއްލަ ހިތުގައެވެ.
ހޫރައިންއާއި ދަރިފުޅުގެ ހާލު ރަނގަޅެވެ. ޑަކްޓަރުން ބަލާފައި އެހާ އަވަހަށް ދެމައިން ގެއަށް ދޫކޮށްލީ އެހެންވެއެވެ. ކޮއްކޮއާއި މަންމަ ގެއަށް އަންނާތީ ޔޫކްއާއި ޒެހެން އެއްބައިވެގެން ގޭތެރެ ޒީނަތްތެރިކޮށް ތައްޔާރުކުރިއެވެ. މަންމައާއި ކޮއްކޮއަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ. ހަދިޔާތަކުން ސިޓިންރޫމުގެ އެއްކޮޅު ފުރިފައިވިއެވެ. ހެޔޮއެދޭ އެންމެން ގޭގައި ހަރަކާތްތެރިވަމުންދިޔައެވެ. ހޫރައިން ދޫކޮށްލީ މެންދުރުގެ ވަގުތެވެ. ޒެހެން ހޫރައިން ގޮވައިގެން އަންނަން ހޮސްޕިޓަލުގައި މަޑުކުރިއިރު ދެންތިބި އެންމެން ގޭގައި އުޅޭނަން ކަމުގައި އޮތީ ބުނެފައެވެ.
އެއްއަތުން ދަރިފުޅު އުރާލައިގެން ހުރެ ކާރުގެ ފަހަތު ސީޓަށް ދަބަސްތައް އެރުވިއެވެ. ލިބިފައި ހުރި މާބޮނޑިތަކާއި ބައެއް ހަދިޔާތައް ވެސް ކާރަށްލިއެވެ. ދެން ހޫރައިން ކާރަށް އަރަންދެން ހުޅުވާލި ދޮރުފަތުގައި ހިފަހައްޓާލައިގެން މަޑުކޮށްލިއެވެ. އޭނާ ސީޓުގައި ހަމަޖެހުމުން ދަރިފުޅު ދިއްކޮށްލިއެވެ. ކާރަށް ޒެހެން އެރީ ދަރިފުޅާއެކު ހޫރައިން ރަނގަޅަށް ހަމަޖެހުނީމައެވެ.
އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި ހޫރައިން ފެނުމާއެކު އެންމެންގެ އަޑުފަށްގަނޑު ގަދަވިއެވެ. ހޫނު މަރުހަބާގެ އަޑެވެ. ޔޫކް އައިސް ހޫރައިންގެ ގައިގާ ބައްދާލިއެވެ. ހޫރައިންގެ އަތުން ކުޑަދަރިފުޅު ނެގީ ސުމައްޔާއެވެ. އޭގެ ފަހުން އެކުއްޖާ އުޅުނީ އެކި މީހުންގެ އަތްމަތީގައެވެ. ސިޓިންރޫމުގައި ހުރި ސޯފާތައް ވެސް އޮތީ އެންމެން އިށީނުމަށް ކުޑަވެފައެވެ. އެހެންނަމަވެސް އެތަނުން ހޫރައިންއަށް އެންމެން ޖާގަ ހަދައިދިނެވެ. ސުމައްޔާއާއި ޝާހީނާއާ ވެގެން ގޭގައި ހުރީ ދެވައްތަރުގެ ބޮނޑިބަތާއި ފިހުނު ކުކުޅު ހަދާފައެވެ. މެންދުރުގެ ކެއުމަކަށްވީ އެޔެވެ. ހީނ ސަމާސާކުރުމާއި ހުސް ނުވާ ވާހަކަތަކުން އަވަހަކަށް އެކަކުވެސް ތިބިތަނުން ނުދާނޭކަން ޔަގީނެވެ. އާއިލާގެ އުފާވެރިކަން އެމީހުންގެ ހުނުތަކުގައިވިއެވެ. ޢީދު ދުވަހެއް ފަދައެވެ. (ނުނިމޭ)