އެމެރިކާގެ ބޮސްޓަންގައި ކުރިއަށް ދިޔަ ސީފުޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ އެކްސްޕޯގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. މިނިސްޓަރު އަރިހުގައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް އާދަމް ޒިޔާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާ ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުން ވެސް މި އެކްސްޕޯގައި ބައިވެރިވެވަޑައިގެން ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓް ކުރެއްވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެކްސްޕޯގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިޝްތިހާރުކޮށް މާކެޓް ކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔަ ކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބާޒާރުތަކުގައި އޮތް ފުރުސަތުތައް ދެނެގަނެވި ދިވެހި މަސް އެކްސްޕޯޓް ކުރުމަށް އިތުރު ބާޒާރުތައް ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
މިފަދަ އެކްސްޕޯތަކުގައި ބައިވެރިވުމުން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮތްތަކެއް ހުޅުވިގެންދާ ކަމަށްވެސް މިނިސްޓްރީން ދެކެ އެވެ.
މިނިސްޓަރު ޑރ. ހުސައިން އެމެރިކާ އަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ކެލިފޯނިޔާގެ ޔުނިވަސިޓީ އޮފް ސެންޓަ ބާބަރާގެ ސައިންޓިސްޓުންނާއި ބައްދަލުކުރައްވާ، ހިމާޔަތްކޮށްފައިވާ ތަންތަނާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.