ލައިފްސްޓައިލް

40 ލާރި ނެގިކަމަށް ބުނެ ދައުވާ ކުރުމުން ލަނޑެއް

އިންޑިޔާގެ ބެންގަލޫރޫގައި ހުންނަ ރެސްޓޯރަންޓަކާ ދެކޮޅަށް މީހަކު ކުރި ދައުވާއަކުން އޭނާއަށް ލަނޑު ލިބިއްޖެ އެވެ. މި މީހާ ދައުވާކުރީ އޭނާ އަތުން އިތުރަށް 40 ލާރި ނެގި ކަމަށް ބުނެ އެވެ.

ކޮންސިއުމާ ކޯޓުގައި އޮތް މި މައްސަލައިގެ އަޑުއެހުމުގައި އެ ކޯޓުން ބުނީ 40 ލާރި ރައުންޑްއޯފް ކުރުމުން އެއް ރުފިޔާ ވެސް ހަމަ ނުވާ ކަމަށް ސަރުކާރުން ހަދާފައިވާ ގަވާއިދުތައް ބުނާ ކަމަށެވެ. އެހެންވެ ކޯޓުން މި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. މި މައްސަލަ ބެލި ފަނޑިޔާރުން ވަނީ އެމީހާ ބޮޑު ޖޫރިމަނާއެއް ކޮށްފަ އެވެ.

އަމިއްލައަށް އިޝްތިހާރުވާން ވެގެން ކޯޓާއި ފަނޑިޔާރުންގެ ވަގުތު ބޭކާރު ކުރި ކަމަށް ބުނެ އެމީހާ ޖޫރިމަނާކުރީ 4،000 ރުޕީސް އިންނެވެ.

ކޯޓުން އެމީހާއަށް އެންގީ ޖޫރިމަނާއަށްވާ 4000 ރުފިޔާ އޭނާ ދައުވާ ކުރި ރެސްޓޯރެންޓްގެ މެނެޖިން ޑިރެކްޓަރަށް ދިނުމަށެވެ.

މިކަމެއް ހިނގާފައިވަނީ 2021 ވަނަ އަހަރު މޭ 21 ވަނަ ދުވަހު މުރުތީ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މި މީހާ ބެންގަލޫރުގެ ރެސްޓޯރަންޓަކަށް ކާން ދިއުމުންނެވެ. އޭނާ ކައި ނިމުމުން ރެސްޓޯރަންޓްގެ މުވައްޒަފަކު އެމީހާގެ އަތަށް ދިން ބިލުގައި އޮތީ 265 ރުޕީސް އެވެ. ނަމަވެސް އޭނާ އޯޑަރު ކުރި ކާ އެއްޗިއްސަށް އަރާފައިވަނީ 264.60 އެވެ. ރެސްޓޯރަންޓްގެ މުވައްޒަފުންނާ މި ސުވާލު މުރުތީ ކުރި އެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުމުން ކޮންސިއުމާ ކޯޓަށް ދިޔައީ އެވެ.

މުރުތީ ވަނީ އޭނާއަށް ދިން ޚިދުމަތުގައި އުނިކަންތައް ހުރިކަމަށް ބުނެ ބަދަލުގެ ބަދަލުގައި އެ ރެސްޓޯރަންޓުން އެއް ރުޕީސް އަތުލާފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ކަމާ ގުޅިގެން އޭނާގެ ސިކުނޑިއަށް ޝޮކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ކޯޓުން މި މައްސަލަ ބޭރުކޮށްލައި އަދި މިކަހަލަ ކޫސަނި ކަންތައްތަކާ ކޯޓުގެ ވަގުތު ބޭކާރު ކުރާތީ ބޮޑު ޖޫރިމަނާއެއް ކުރީ އެވެ. މިހާރު މުރުތީ އަށް ޖެހިފައިވަނީ 40 ލާރީ އޭނާއަށް ލިބުމުގެ ބަދަލުގައި 4000 ރުޕީސް ދޭށެވެ.