ބޮލީވުޑް އެކްޓަރުންގެ ތެރޭގައި ހިމެނޭ އިޝާން ޚައްތަރު އާއި އަނަންޔާ ޕާންޑޭގެ ލޯބީގެ ވާހަކަތައް މިހާރަކަށް އައިސް ވަރަށް ގިނައިން އިންޑިޔާގެ ނޫސްތަކުން ފެނެ އެވެ. މި ދެ ތަރިން އެކުގައި ކުޅުނު "ޚާލީ ޕީލީ" ގެ މަސައްކަތް 2020 ގައި ފެށީއްސުރެ ދެ މިހުންގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ވެއެވެ.
ދާދިފަހުން އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއު އެއްގައި އިޝާންގެ މަންމަ ނީލިމާ އާޒިމް އާ މި ސުވާލު ކޮށްފައި ވެއެވެ. އިޝާން އާއި އަނަންޔާގެ ގުޅުމާ ބެހޭ ގޮތުންނެވެ. ޖަވާބުގައި ނީލިމާ ބުނީ އަނަންޔާ އަކީ "އާއިލާގެ މެމްބަރެއް" ކަމަށެވެ.
އިޝާން އާއި އަނަންޔާ ފަދައިން ނީލިމާއަކީ ވެސް ބޮލީވުޑް ފިލްމުތައް ކުޅޭ އެކްޓަރެކެވެ.
އަނަންޔާ ކައިރިން ނަށަން ދަސް ކުރަމުންދާ ކަމަށާއި އާއިލާގެ މީހެކޭ އަނަންޔާއެކޭ މިހާރު ތަފާތެއް ނެތް ކަމަށް ނީލިމާ ބުންޏެވެ.
ނީލިމާއަކީ އެކްޓަރު ޝާހިދު ކަޕޫރުގެ ވެސް މަންމަ އެވެ. އޭނާ ބުނި ގޮތުގައި ޝާހިދު އާއި އޭނާގެ އަންހެނުން މީރާ އާ ވެސް އަނަންޔާގެ ގުޅުން ވަރަށް ރަނގަޅެވެ.
އަނަންޔާ އަކީ އިޝާންގެ ހަޔާތުގެ މުހިއްމު ބައިވެރިޔަކަށް ނުވަތަ އެކުވެރިޔަކަށް ވާތީ އިޝާންގެ އާއިލާގެ މީހުންނާ ރަނގަޅު ގުޅުމެއް އޮންނަނީ ކަމަށެވެ.
އިޝާން އާއި އަނަންޔާ އަބަދު އެކުގައި ތަންތަނަށް ގޮސް އުޅޭތަން ފެނުނަސް ބޮލީވުޑްގެ އެހެން ލޯބީގެ ޖޯޑޫތައް ފަދައިން މި މީހުން ވެސް އެމީހުންގެ އޮންނަ ގުޅުން މީޑިއާގައި ނުބުނެ އެވެ. އަދި އެ ގުޅުމާ ބެހޭ ގޮތުން ނީލިމާ ވެސް ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
އަނަންޔާގެ އެންމެ ފަހުގެ ފިލްމު "ގެހެރާއިޔާން"ގައި އޭނާ ކުޅެފައިވާ ބަޔަށް ވެސް ނީލިމާ ވަނީ ތައުރީފުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމަކީ އަނަންޔާ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މޮޅަށް އެކްޓްކޮށްފައިވާ ފިލްމެވެ.