އިންޑިއާ މީހުން ފާހަގަކުރާ ދިވާލީ ފެސްޓިވަލްގެ ދުވަސްތައް ގުނަމުންދާއިރު ފިލްމީ ތަރިން އެމީހުންގެ ގޭގައި ޕާޓީތައް ބޭއްވުން މިދުވަސްވަރު ވަނީ އާއްމުކަމަކަށް ވެފަ އެވެ.
އެގޮތުން ކްރީތީ ސެނޯން މީގެ ދެ ދުވަހެއް ކުރިން އޭނާގެ ގޭގައި ބޭއްވި ޕާޓީއަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ދިޔަ އެވެ. މި ޕާޓީގައި ކްރީތީ އާއި ނެހާ ދޫޕިއާ އަދި އަންގަދް ބޭދީ އެކުގައި ނަގާފައިވާ ފޮޓޮއެއް ނެހާ އިންސްޓަގްރާމްގައި ޝެއާ ކުރުމުން އެ ތިން މީހުންނަށް ވުރެ ބޮޑަށް ފޭނުންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ވަރަށް ގައިގޯޅިކޮށް ތިބި އަދިތުޔާ ރޯއީ ކަޕޫރާއި އަނަންޔާ ޕާންޑޭ އަށެވެ.
އަނަންޔާ އާއި އަދިތުޔާގެ ލޯބީގެ ވާހަކަ ފެތުރޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގައި އަނަންޔާ ބައިވެރިވި އެޕިސޯޑެއްގައި ކަރަން ވަނީ ކޮންމެވެސް ވަރަކަށް މި ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށް ދޭހަވާ މޭރުމަކުން ވާހަކައެއް ބުނެފަ އެވެ.
އޭރުއްސުރެ ތޯތޯ ވާހަކައެއްގެ ގޮތުގައި މި ވާހަކަ ދެކެވެމުން ދަނިކޮށް ކްރީތީގެ ޕާޓީގެ ފޮޓޯއިން އަނެއްކާވެސް މި ވާހަކައަށް އިތުރު ބާރެއް ލިބި ފޭނުން ވެސް މިހާރު މިއީ ތެދެއްކަމަށް ވަނީ ގަބޫލުކޮށްފަ އެވެ. އަދި އޭގެ ފަހުން އޮތް ރަމޭޝް ތުރާނީގެ ދިވާލީ ޕާޓީ އާއި ރޭގައި އޮތް މަނީޝް މަލްހޯތުރާގެ ދިވާލީ ޕާޓީން ވެސް އަދިތުޔާ އާއި އަނަންޔާ ވަނީ އެކުގައި ތިއްބާ ފެނިފަ އެވެ.
މި ދެ މީހުންގެ ލޯބީގެ ވާހަކަ އިންޓަނެޓުގައި އާއްމުވުމުން ކޮމެންޓުކުރާ މީހުންނަށް މިކަން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވި އެވެ.
ކޮމެންޓުކުރި މީހުންގެ އޮތީ އެންމެ މައްސަލަ އެކެވެ. ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ ޒުވާން ހުރިހާ އެކްޓަރުންނާ ކަހަލަ ގޮތަކަށް އަނަންޔާއާ އަޅުވާ ކިޔާފައި ވުމެވެ. އެހެންވެ އެންމެންނާ އަނަންޔާ ރައްޓެހިވީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާއަށް މަލާމާތްކޮށްފަ އެވެ. އަދި ލޯބިވެރިން ހޯދަން އެ ކުރާވަރުގެ މަސައްކަތެއް ކިޔަވަން ކުރިނަމަ އެކަށީގެންވާ މޮޅު ޑިގްރީއެއް ހޯދުނީސް ކަމަށްވެސް ބައެއް މީހުންގެ ކޮމެންޓްގައި ވެއެވެ.
ރަމޭޝް ތުރާނީގެ ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން އެކްޓަރު ވަރުން ދަވަންގެ މަންމަ މީޑިއާއަށް ބުނި ގޮތުގައި އަދިތުޔާ ކައިވެނިކުރާނެ އަންހެން ކުއްޖަކު ހޯދުމުގެ ޒިންމާއާ މިހާރު އޭނާއާ ހަވާލުވެއްޖެ އެވެ.
ފަހަރެއްގައި މިއީ ވަރުންގެ މަންމަ އަށް އަދިތުޔާ އާއި އަނަންޔާ ރައްޓެހިވެގެން އުޅޭ ވާހަކަ އަޑުއިވިގެން ދެއްކި ވާހަކައަށް ވެދާނެކަމަށް ބައެއް މީހުން ޝައްކު ކުރެ އެވެ.
"އާޝިގީ 2" ކުޅުނު ދުވަސްވަރު ޝްރައްދާ ކަޕޫރާއި އަދިތުޔާގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް ކަރަން ޖޯހަރްގެ ޗެޓް ޝޯގައި ކަރަން ވަނީ އަދިތުޔާ ލައްވާ އެއްބަސް ކުރުވާފަ އެވެ. އަދި އޭނާ އާއި ކްރީތީގެ ގާތް ގުޅުމެއް އުފެދިއްޖެކަމުގެ ހަބަރުތަކެއް ވެސް ވަރަށް ފަހުން އިންޑިއާގެ ނޫސްތަކުން ފަތުރާފައި ވެއެވެ.