ރަންބީރު ކަޕޫރާއި އަނަންޔާ ޕާންޑޭގެ ވަރަށް ރޮމެންޓިކް އިޝްތިހާރެއް ދާދިފަހުން ވަނީ ދައްކަން ފަށާފަ އެވެ.
މިއީ މުޅިން އާ އިޝްތިހާރަކަށް ވެފައި ރަންބީރާއި އަނަންޔާގެ ޖޯޑަކީ މުޅިން އަލަށް ފެންނަ ޖޯޑަކަށް ވާތީ މި އިޝްތިހާރު ވަރަށް މަގްބޫލު އެއްޗަކަށް ވާނެކަމަށް އުންމީދު ކުރެވުނެވެ. ނަމަވެސް އިޝްތިހާރު ދައްކަން ފެށުމުން ބެލުންތެރިން ތައުރީފުކުރުމުގެ ބަދަލުގައި ކުރީ މަލާމާތެވެ.
މި އިޝްތިހާރުގައި ދައްކަނީ އަލަތު ކައިވެންޏަށް ހިޔާލީގޮތުން ތައްޔާރުވާ ދެ ޒުވާނުންނެވެ. އެ ދެ މީހުންނަކީ ވަރަށް ގުޅޭ ޖޯޑަކަށް ވާނެ ކަމަށް އަނަންޔާ ހިތަށް އަރާއިރު ރަންބީރު ހިތަށް އަރަނީ އެމީހުންގެ މިޒާޖުގައި ބޮޑު ތަފާތެއް ހުރުމުން އެޖަސްޓް ކުރަން ޖެހޭނެ ކަންކަމާ މެދުގަ އެވެ.
މުޅި އިޝްތިހާރުގައި ފެންނަނީ ދެ މީހުން ފްލާޓްކޮށް އެކަކު އަނެކަކާ ވަރަށް ލޯބިން އުޅޭތީ އެވެ. ނަމަވެސް އިޝްތިހާރު ބެލި މީހުންގެ ކޮމެންޓްތަކުން އެމީހުން މި އިޝްތިހާރާ ގަޔާ ނުވާކަން ވަނީ ހާމަވެފަ އެވެ. އެންމެ ބޮޑު މައްސަލައަކަށް ގިނަ މީހުން ފާހަގަކުރީ 23 އަހަރުގެ އަނަންޔާ އާއި 40 އަހަރުގެ ރަންބީރުގެ އުމުރުގެ ތަފާތު ބޮޑުކަމެވެ.
އެމީހުންގެ އުމުރުގައި 17 އަހަރުގެ ތަފާތެއް ހުރުމަކީ އެއްގޮތަކަށް ވެސް ވިސްނާ ނުލައި ހުރެވޭ ވަރުގެ ކަމަކަށް ނުވި ކަމަށް އިޝްތިހާރަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ. ދެވަނަ މީހަކު އެދިފައިވަނީ އެ ދެ މީހުން އެކުގައި ފިލްމެއް ނުކުޅުވުމަށެވެ.
ވަރަށް މަދު ބަޔަކަށް އެމީހުންގެ ކެމިސްޓްރީ ކަމުގޮސް ތައުރީފުކޮށްފައިވެސް ވެއެވެ. ނަމަވެސް ގިނަ މީހުން އެއްބަސްވާ ގޮތުގައި މިއީ އެއްގޮތަކަށްވެސް ގުޅޭ ޖޯޑެއް ނޫނެވެ.
ރަންބީރުގެ ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒްވާނީ ރަޝްމިކާ މަންދާނާއާ އެކު ކުޅޭ "އެނިމަލް" އެވެ. ދެން އޮތީ ޝްރައްދާ ކަޕޫރާއެކު ކުޅޭ އަދި ވަކި ނަމެއް ނުކިޔާ ލޯބީގެ ފިލްމެކެވެ.
އަނަންޔާ ކުޅެމުންދަނީ "ކޯ ގަޔޭ ހަމް ކަހާނ" ކިޔާ ފިލްމެކެވެ. މި ފިލްމުގެ ބަތަލުންނަކީ އާދާޝް ގޯރަވް އާއި ސިދާންތު ޗަތުރަވޭދީ އެވެ. އަދި އަޔުޝްމާން ކުރާނާގެ "ޑްރީމް ގާލް 2" ވެސް އަނަންޔާ ކުޅެން ހަމަޖެހިފައިވެ އެވެ.