ބޮލީވުޑް

ޒުވާން ލޯބީގެ ޖޯޑު އަނަންޔާ އާއި އިޝާން ވެސް ރާއްޖޭގައި

ފިލްމީ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އިޝާން ޚައްތަރް ވެސް ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ. ދެ އެކްޓަރުންގެ ލޯބީގެ ވާހަކަތައް މީޑިއާގައި ދެކެވެމުން ދަނިކޮށް އެކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އައުމުން ގިނަ ބަޔަކު ދަނީ މި ވާހަކަ ދައްކަމުންނެވެ. އަދި މިއީ ދެ މީހުންގެ ލޯބި ސިއްރު ކުރަން މިހާރު މި ދެ ތަރިން ބޭނުން ނުވާ ކަމުގެ ހެއްކެއް ކަމުގައި ބައެއް މީހުން ސިފަ ކުރެ އެވެ.

ސަން ސިޔާމް އިރު ވެލީގައި ޗުއްޓީ ހޭދަ ކުރަމުން ނަގާފައިވާ ބައެއް ފޮޓޯތައް އަނަންޔާ އާއި އިޝާން މިހާރު ޝެއާ ކުރަމުން އެބަދެ އެވެ. ނަމަވެސް ކޮންމެ އެކްޓަރަކު ވެސް އިންސްޓަގްރާމްގައި ޝެއާ ކުރަނީ އެމީހެއްގެ އެކަނި ފޮޓޯއެވެ.

ބޮޑު ބާގާ އަކާއި ފްރެންޗް ފްރައިޒް ތައްޓެއް ކައިރީ ބައިންދައިގެން މޫދަށް އެރެން ތައްޔާރު ވެގެން އިން އަނަންޔާގެ ފޮޓޯގެ ކެޕްޝަންގައި "އަސްލު އޭނާއަށް ވުމުގެ މަސައްކަތް ކުރަނީ" ކަމަށް ބުނެފައި ވެއެވެ. މިގެ އިތުރަށް ވެސް އޭނާގެ ހިޔަނި ފެންނަ ފޮޓޯއަކާއި އިތުރު ބައެއް ފޮޓޯ އަނަންޔާ ޝެއާ ކޮށްފައި ވެއެވެ.

އިޝާންގެ ފޮޓޯތަކުން ފެންނަނީ ޑައިވް ކުރުމާއި ސްނޯކްލިންގައި އޭނާ އުޅޭ ތަނެވެ.

އަނަންޔާ އާއި އިޝާން ވަނީ "ޚާލީ ޕީލީ" ކިޔާ ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ އެ ފިލްމުގެ ޝޫޓިން ކުރިޔަށް ދިޔައިރު ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ބުދަ ދުވަހު ރާއްޖެ އައި މި ޒުވާން ޖޯޑު އަތާ އަތް ގުޅާލައިގެން ކެޓުރީނާ ކައިފްގެ ޕާޓީއަކަށް ވެސް މީގެ ދެތިން ދުވަސް ކުރިން ދިޔަ މަންޒަރު ފެނިފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. އިޝާން މިހާރު ކުޅެމުންދަނީ "ފޯނު ބޫތު" އެވެ. މި ފިލްމުގައި އޭނާއާއެކު ބައިވެރިވަނީ ސިދާންތު އާއި ކެޓުރީނާ ކައިފް އެވެ. އަނަންޔާ ކުޅެނީ ދީޕިކާ ޕަދުކޯން އާއެކު ކުޅޭ ފިލްމެކެވެ.