އިމްތިޔާޒު ފަހުމީ

ކެމްޕޭނަށް އިންތި ހުވަދު އަތޮޅަށް

Mar 16, 2022

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީ ކެމްޕޭން ދަތުރެއްގައި ހުވަދުއަތޮޅަށް ވަޑައިގެންފި އެވެ.

އިމްތިޔާޒު މިއަދު ހެނދުނު ފެއްޓެވި މިދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ނަޑެއްލާ އަށެވެ. އޭނާގެ މިދަތުރުގައި ގއ. އަދި ގދ އަތޮޅުގެ ރަށްތަކަށް ވެސް ދަތުރު ކުރައްވާނެ އެވެ.

އިމްތިޔާޒުގެ ކެމްޕޭންގައި އަރިހުގައި ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް ދެ ބޭފުޅުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަޅޮލު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ރައީސް އޮފީހުގެ ވަޒީރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިދަތުރުގައި އިމްތިޔާޒާއެކު ހުވަދު އަތޮޅަށް ވަޑައިގެންނެވި އެވެ.

ކެމްޕޭންގައި މިހާތަނަށް އިމްތިޔާޒު ވަނީ ފުވައްމުލައް، އައްޑޫ ސިޓީ، ހއ. އަތޮޅު، ހދ. އަތޮޅު އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާފަ އެވެ.

ކުރިން އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރޯދަ މަހާ ދިމާވާތީ މިހާރު ވަނީ މެއި 14 އަށް ފަސްކޮށްފަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިމްތިޔާޒުއާ ވާދަ ކުރައްވަމުން ގެންދަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެބައި ވެފަ އެވެ.