ސާފް ސުޒުކީ ކަޕް

ކޯޗްގެ ބަސް: ރާއްޖޭގެ ފުރަތަމަ 11 އަށް ބަދަލު އަތުވެދާނެ

  • ރާއްޖެ - ބަނގްލަދޭޝް މިއަދު 3:00 ގައި ބައްދަލުކުރާނެ
  • ރާއްޖެ މޮޅުވުން މުހިންމު
  • ތަޖުރިބާއަށް ބަލައި ބަދަލުތައް ގެނައުން އެކަށީގެންވޭ

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބޫޓާން އަތުން މޮޅުވި މެޗުގެ ފުރަތަމަ 11 އަށް މިއަދު ބަނގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގައި ބަދަލު އަތުވެދާނެ ކަމަށް ގައުމީ ޓީމުން ބުނެފި އެވެ.

ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ބުނީ މި މެޗުގައި ފުރަތަމަ 11ގައި ކުޅުވާނެ ކުޅުންތެރިން އޭނާ އަށް ވެސް އަދި ޔަގީންނުވާ ކަމަށެވެ.

"އަހަންނަށް ޔަގީންކަމާއެކު ބުނާކަށް ނޭނގެ ފުރަތަމަ 11އަށް ބަދަލު ނާންނެއޭ. އަހަރެން އެކަން ނިންމާނީ އަދި ފަހުން. ކުޅުންތެރިންނަށް އަހަރެން ވިސްނައިދެމުން މިއަންނަނީ މާދަމާގެ މެޗުގެ ސީރިއަސްކަން. އަހަރުމެން މަސައްކަތްކޮށްފިއްޔާ މޮޅުވެވޭނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ބޫޓާން މެޗުގައި ފުރަތަމަ 11 އަށް ބަދަކު ގެންނަންވީ ކަންތައްތައް ވެސް ފެނިގެންދިޔަ ކަމަށާއި ހަމައެއާއެކު ވަރަށް ގިނަ ކަންތައްތައް ޕޮޒިޓިވްކޮށް ވެސް ފެނިގެންދިޔަ ކަމަށެވެ.

"އެހެންވީމާ އެންމެ މުހިންމީ ހުރިހާ ކުޅުންތެރިން ވެސް ތައްޔާރަށް ތިބުން. އަހަރެން އުއްމީދުކުރަނީ ކުރީ މެޗަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް،" ކޯޗު ބުންޏެވެ.

މާދަމާގެ މެޗުން ރާއްޖެ ބަލިވެއްޖެނަމަ ސެމީ އަށް ދިއުމަށް ޕްރެޝަރަށްދާނެ އެވެ. މޮޅުވެއްޖެނަމަ ބަނގްލަދޭޝް ކަޓައި ރާއްޖެ ސެމީ އަށްދާނެ އެވެ.