ތައުލީމީ ސެޓްފިކެޓް ނެތް ފަންނީ މީހުންގެ މަސައްކަތްތައް ބަލައިގަނެ އެ މީހުންގެ ހުނަރު އެސެސްކޮށް ސެޓްފިކެޓް ދިނުމުގެ ހުއްދަ ދެ ކޮލެޖަކަށް ދީފި އެވެ.
މިއީ ނޭޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގް ޕްރޮގްރާމް ހިންގަން ހުއްދަ ދިން ދެ ކޮލެޖެވެ.
ހުއްދަ ދީފައި ވަނީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖަށެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ މި ދެ ކޮލެޖާއެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގް ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ގައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ގައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދޭނެ އެވެ.