އެމްޓީސީސީ

އެމްޓީސީސީއަށް އިތުރު ޑްރެޖަރެއް ހޯދަނީ

Mar 16, 2022
2

އެމްޓީސީސީގެ މަސައްކަތުގެ ދުވެލި އަވަސް ކުރުމުގެ ގޮތުން އިތުރު ޑްރަޖަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގެ ތެރޭގައި މެންބަރަކު ކުރެއްވިި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެމްޓީސީސީގެ އުޅަނދުތައް އިތުރުކޮށް އެ ކުންފުންޏަށް އިތުރު ޑްރެޖަރެއް ހޯދަންޖެހޭ ކަމަށެވެ. ބިން ހިއްކަން ބޭނުންވާ ރަށްތައް އެހާ ވެސް ގިނަކަން ފާހަގަކުރެއްވި އެވެ.

ރަށްރަށުގެ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް ބައެއް ފަހަރު އެ މަސައްކަތް ލަސްވަނީ ބިން ހިއްކުމަށް އެންމެ އުޅަނދެއް އެމްޓީސީސީގައި އޮތުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ އެއްބަސްވުންތަކެއްގައި އަދި ސޮއި ކުރިޔަސް އެމްޓީސީސީގެ ރިކްލެމޭޝަން ކެޕޭސިޓީ އިތުރަށް ބޮޑުވެގެން ނުދާނަމަ އެކަމެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ ގާބިލްކަން ރާއްޖޭގައި ހުރި ހަމައެކަނި ކުންފުނި -- އެމްޓީސީސީ އަށް އިތުރު ޑްރެޖަރެއް ހޯދުމުގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރު ގުޅިގެން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން، އެމްޓީސީސީން ގެނައި ކޮންނަ ބޯޓް، މަހާޖައްރާފުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. މި އުޅަނދު ބަނދެފައިވަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ.

މަހާ ޖައްރާފް ރާއްޖެ ގެނައި ފަހުން ސަރުކާރުން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މައިގަނޑު މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ އެ އުޅަނދު ބޭނުންކޮށްގެންނެވެ. ކުރިން މަހާ ޖައްރާފް އޮޕަރޭޓް ކުރީ ބިދޭސީން ކަމަށްވީ ނަމަވެސް މިހާރު އެ އުޅަނދު އޮޕަރޭޓް ކުރަނީ ވެސް ދިވެހިންނެވެ.