( 15 މާރިޗު 2022 އާ ގުޅޭ )
ހީނ ސަމާސާކުރުމާއި ހުސް ނުވާ ވާހަކަތަކުން އަވަހަކަށް އެކަކުވެސް ތިބިތަނުން ނުދާނޭކަން ޔަގީނެވެ. އާއިލާގެ އުފާވެރިކަން އެމީހުންގެ ހުނުންތަކުގައިވިއެވެ. ޢީދު ދުވަހެއް ފަދައެވެ.
ތުއްތު ދަރިފުޅު އުފަންވުމުން އެކުއްޖާ ދުނިޔެއަށް އައިކަމަށް ޓަކައި އުފާކުރުމަށާއި، އެކުއްޖާގެ ކަންފަތްދޮށުގައި ބަންގި ގޮވުމަށް އިސްލާމް ދީން އިރުޝާދު ދެއްވައެވެ. އަދި އެކުއްޖާ ތަޙްނީކު ކުރުން ސުންނަތެއްކަމުގައި ލެއްވިއެވެ. އަދި ކުއްޖާގެ ބައްޕައަށް އެ ކުއްޖާ ނިސްބަތް ކުރުމަށާއި، ރީތި ނަމެއް ކިޔުމަށާއި، ޢަޤީޤާ ކަތިލުމާއި، ބޯބާލައި ބޮލުގެ އިސްތަށީގެ ބަރުދަނަށްވާ ވަރަށް ޞަދަޤާތްކުރުމާއި، ޚިތާނަކުރުމާއި، ކިރުދިނުން ފުރިހަމަކުރުމާ އަދި ކުއްޖާގެ ޙަޟާނަތާއި، ޚަރަދުކުރުމާއި، އެ ކުއްޖާއާއި އެކުއްޖާގެ އަޚުންނާމެދު އަދުލުވެރިވުމާ އަދި ޞިއްޙީގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުއްޖެކަމުގައި ހެދުމަށް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ.
ކޮންމެ މަންމައަކާއި ބައްޕައެއްގެ މައްޗަށް ތުއްތު ދަރިފުޅަށް އަދާ ކޮށްދޭން ޖެހޭ އެންމެ މަތިވެރި ޙައްޤަކީ، ރިވެތިވެގެންވާ ތަރުބިއްޔަތަކާއެކު ﷲގެ ފޮތާއި ރަސޫލާ (ޞޢވ) ގެ ސުންނަތާއި އެއްގޮތަށް އެކުއްޖާ ތަރުބިއްޔަތު ކުރުމެވެ.
އުފަންވާކުއްޖާއަށް ޢަޤީޤާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެއީ ﷲ ތަޢާލާ ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ކަތިލާ ކަތިލުމެކެވެ. އަދި އެއީ ކުއްޖާ އެންމެ ފުރަތަމަ ދުނިޔެއަށް އުފަންވާއިރު ﷲ ތަޢާލާގެ ހަޟްރަތަށްވެވޭ ކުއްތަންވުމެކެވެ. އަދި ކުއްޖާގެ މަތިން ކަތިލެވޭ ޤުރުބާނީއެކެވެ. އެއީ ގެއްލުންތަކުން އެކުއްޖާ ސަލާމަތްތެރިކަމާއި ރައްކާތެރިކުރެއްވުމަށް އެދި ކުރެވޭ އުންމީދެކެވެ. އަދި ފަޤީރުންނާއި ބޭނުންޖެހޭ މީހުންނަށް ވެވޭ އިހުސާންތެރިކަމެކެވެ. އުފަންވީ ފިރިހެން ކުއްޖަކުނަމަ ޢަޤީޤާގެ ގޮތުގައި ކަތިލުންވަނީ 2 ބަކަރިއެވެ.
7 ދުވަސްވީއިރު ޒެހެންއަށް އެއްވެސް ކަމެއް ހަމަޖައްސާކަށް ނުޖެހުނެވެ. ދަތިކަމެއްނެތި މުނައްވަރާއި ހަންނާނުއާ ދެ މީހުންވެގެން ރޫފަރަނގަޅު ދެ ބަކަރި އަތޮޅުތެރެއިން ހޯދައިގެން ގެނައެވެ. އެ ކަތިލުން އޮތީ ވިލިގިލީގައެވެ. ކަތިލުމުގައި ޒެހެން ބައިވެރިވިއެވެ. އަދި ބައްޕައަށް ނިސްބަތްކުރުމާއެކު ދަރިފުޅަށް ހޫރައިންއާއި ޒެހެންކީ ޔާންއެވެ. މާނައަކީ ނިޢުމަތެވެ. ޔަގީނުން ވެސް އެއީ ﷲ އޭގެ ދެމަފިރިންނަށް ދެއްވި އަގުނުކުރެވޭނެ ބޮޑު ނިޢުމަތެކެވެ.
"ބޮޑުދޮންބެ ޒެންދެކެ ވަރަށް ލޯބިވޭ ދޯ." ޒެހެންގެ ކަންކަމުގައި މުނައްވަރު އިސްވެ އުޅޭގޮތް ފެނި ހޫރައިން އަހާލިއެވެ.
"އަބަދުވެސް ބޮޑުދޮންބެ އުޅޭގޮތް އެއީ. ބައެއްފަހަރު ހީވޭ ބޮޑުވަމުން އައިއިރު އަހަރެންނަށް ކަންކަން ދަސްކޮށްދީ އެއްބާރުލުންދޭން ބައްޕައަކު ނެތީމައޭ. އެ ޒިންމާ ބޮޑުދޮންބެ އަދާކުރަނީއޭ. ބޮޑުދޮންބެއަކީ ވަރަށް ރަނގަޅު މީހެއް. ހޫރް... އެނގޭތަ! ބޮޑުވަމުން އައިރު އަސްލު ބައްޕަ ނެތްކަމުގެ އިހްސާސެއް އަހަންނަކަށް ނުކުރެވޭ. އެކަމަކު މަންމަ ނެތްނަމަ، އަހަރެންގެ ދިރިއުޅުން ވަރަށް ފަޅުވީސް، ވަރަށް އެކަނިވެރިވީސް." ޒެހެން ބުންޏެވެ.
"ބައްޕައަށްވުރެ މަންމަ އިސްކުރެވިފަ ވަނީ... ދޮންބެއަށް އުނދަގުލެއްނުވާނެތަ ޒެން ޗުއްޓީނެގީމަ." ކުރީން ރޭވި ހަމަޖެހިފައި އޮތްކަމެއްގެ މަތީން ހޫރައިން ހަނދާންކޮށްލިއެވެ.
"ކޮންމެހެން ވެސް ނަގަން ޖެހޭ ދޯ. އަހަރެން ނުކުމެފަ ދޮންބެއަށް ޗުއްޓީ ދޭނަން. އެހެންނޫނަސް ވިހައިގެން އުޅޭ ވައިފް ބެލެހެއްޓުމަކީ ފިރިމީހާ ކުރަންޖެހޭ ކަމެއްނު. ޗުއްޓީގަ ހުރެގެންދޯ ރަނގަޅަށް ބެލޭނީ." ކުޑަކޮށް ޒެހެން ހީނލިއެވެ.
މަންމަމެން ކެއްކި އެއްޗެހި ޕާރުސަލްތަކަށް އަޅައި ތައްޔާރުކޮށް ނިމުމާއެކު ޞަދަގާތުގެ ގޮތުގައި އެ ބެހުމަށް ނުކުތީ ޒެހެންއާއި އާއިލާއެވެ. މުނައްވަރުގެ ކާރުގައި ޒެހެންއާއެކު ނަހުޔާނު ވެސް ބައިވެރިވިއެވެ.
"ތީ ކޯއްޗެއް؟." ހަވީރު އޮފީސް ނިންމާފައި ގެއަށް ވަން އަޒްހަދުގެ އަތުގައި އޮތް ކޮތަޅެއް ފެނި އާތިފާ އަހާލިއެވެ. ސިޓިންރޫމު ސޯފާގައި އިން ޝާޒްލީގެ ސަމާލުކަން ހުއްޓުނެވެ. އޭނާ ތެދުވެގެން އައުމާއެކު އަޒްހަދު އެ ދިއްކޮށްލީ އަނބިމީހާއަށެވެ.
"ޗޮކުލެޓް... އަހަންނަށްތަ. އޮފީސް މީހަކަށް ދަރިއަކު ލިބުނީތަ؟" ކޮތަޅު ތެރޭގައި އޮތް އެއްޗެއް ނަގާ ބަލާލުމާއެކު ޝާޒްލީ ވާހަކަދެއްކިއެވެ. އޭގައި އޮތީ ދަރިފުޅު އުފަންވުމުގެ އުފަލުގައި ތައްޔާރުކޮށްފައި އޮތް ހަދިޔާއެކެވެ. އަނބިމީހާގެ ސުވާލަށް އަޒްހަދު ލައްވާލީ ހޫން އެކެވެ.
ހެދުން ބަދަލުކޮށްލައިގެން އަޒްހަދު ކޮޓަރިން ނުކުމެގެން އައެވެ. ކާމޭޒުކައިރިއަށް އޭނާ އައުމުން އާތިފާ ވެސް އައެވެ. ސައިހަދައިދޭންވީތޯ އެހުމުން އަޒްހަދު ބޯޖަހާލީއެވެ. ޝާޒީލް ހަދިޔާ ޕެކެޓު ކަނޑާލައިގެން އެއިން ޗޮކުލެޓު ކާން އުޅުނެވެ. އޭނާ އައިސް އަޒްހަދަށް އެތިކޮޅެއް ދިއްކޮށްލުމުން ނުކާނަމޭ ބުންޏެވެ. އެއާއެކު މޭޒުމަތީ ޗޮކުލެޓެއް ބާއްވާލައި އެއީ މަންމައަށްވީއޭ ޝާޒްލީ ބުނެލިއެވެ. ދެން އެނބުރި ގޮސް އޭނާ ސޯފާގައި އިށީނެވެ. ސޯފާކައިރީގަ ހުރި އުނދޯއްޔަށް އެމީހުންގެ ދަރިފުޅު ލާފައި އިނެވެ. ޓީވީގައި އަޅުވާފައި ހުރީ ޝާޒްލީ ބަލަންވެގެން އަޅުވާފައި ހުރި ފިލްމެކެވެ.
"ކީއްވެފަ ތިއިންނަނީ؟." ތަށިތައް އެތުރުމުން ވެސް އަޒްހަދު ސައިބޯން ނުފަށާތީ އާތިފާ އަހާލިއެވެ. ދަރިފުޅުގެ ކައިރީ ކާމޭޒުދޮށުގައި އޭނާ އިށީނެވެ. މޭޒުމަތީ ޝާޒްލީ ބޭއްވި ޗޮކުލެޓު އަޒްހަދު މަޑުމަޑުން މަންމަގެ ކައިރިއަށް ޖައްސާލިއެވެ.
"ހޫރަށް ދެވަނަ ކުއްޖަކު ލިބިއްޖެ. މީ އެ އުފާވެރިކަމުގެ ހަދިޔާ." އަޒްހަދުގެ ނަޒަރު މަންމައަށް ހުއްޓާލިއެވެ.
"އޮފީހަކުން ނޫންތަ ތިއައީ؟. މިހާރު އޭނާއާ ބައްދަލު ވެސް ކުރީ." އާތިފާގެ މޫނުން ނުތަނަވަސްކަން ފާޅުވިއެވެ. އަޑުގައި ނުރުހުމުގެ ރާގު ވިޔަސް އެ އަޑު ނުކުތީ މަޑުންނެވެ. ދުރުގައި ސޯފާގަ އިން ޝާޒްލީއަށް އިވޭން ނޭދޭތީއެވެ. އާތިފާ ކަންބޮޑުވާ އޮތީ އެންމެ ކަމެކެވެ. ހޫރައިންއާ ބައްދަލުވާންވެއްޖެނަމަ އަޒްހަދު އަލުން އެ އަންހެންކުއްޖާއާ ގުޅޭން ނިންމަފާނެތީއެވެ. ޝާޒްލީއާއި ދަރިފުޅަށްވުރެ އަޒްހަދަށް ހޫރައިން މުހިންމުވެދާނެތީއެވެ. މިހާރުގެ ދިރިއުޅުން ރޫޅާލާފައި ހޫރައިންއާއެކު އާ ހަޔާތެއްގެ ބިންގާ އަޅާފާނެތީއެވެ. އޭނާގެ ނަޒަރުގައި އެއީ އަޒްހަދަށް ލިބޭނެ ދެރައެކެވެ.
"އަހަރެމެން ހީކުރާގޮތަކަށް ހުރިހާކަމެއްނުވޭ. މީހުންނާމެދު އަހަރެމެން ދެކޭ ގޮތް އެއީ ރަނގަޅު ނިންމުމަކަށް ވެސް ނުވޭ. މަންމަ ކަންބޮޑުނުވޭ، އަހަންނާއި ހޫރު ބައްދަލެއްނުވޭ. ބައްދަލުކުރުމުގެ ބޭނުމެއް ވެސް މިހާރަކުނެތް ކަންނޭނގެ. އެކަމަކު އޭނާއާ ދުރަކުނޫން މިއުޅެވެނީ."
"ބައްދަލެއްނުވެޔޭ، ދުރަކުނޫނޭ... ކީކޭ ތިކިޔަނީ. އަޒްހަދަށް އަހަރެން ދޭ ނަސޭހަތް އަޑު ނީވެނީތަ ތިހެން ތިއުޅެނީ. ބުނެފީމެންނު އެ އަންހެންކުއްޖާއާ ކައިރިވުމަކުން ކުރާނެ މަންފާއެއްނެތޭ." ދަތްތަކަށްބާރުލަމުން އާތިފާ ބުނެލިއެވެ. މިފަހަރު ވެސް ވާހަކަދެއްކީ މަޑުންނެވެ. އަޒްހަދުގެ ތުންފަތަށް ވެރިވީ މާނަވީ ފަނޑު ހިނިތުންވުމެކެވެ. މަންމައަށް ބަލަން އިނދެފައި ކުރިމަތީ ހުރި ސައިޖޯޑަށް ނަޒަރު ބަދަލުކޮށްލައިފިއެވެ. ދެއަތުން ސައިޖޯޑުގައި ހިފާލައިގެން ވަގުތުކޮޅަށް ހިމޭންވެފައި އިނެވެ. އެއަށްފަހު އޭނާ އަނެއްކާވެސް މަންމައަށް ބަލާލައިފިއެވެ. ވާހަކައެއް ދައްކަން އުޅޭ ފަދައިންނެވެ.
"އަހަރެން އުޅޭ އޮފީހަށް އާ ބޮސްއެއް އަންނަން އުޅޭކަން ބުނި ހަނދާން މަންމަ އެބަހުރިތަ؟."
އާތިފާ ހޫން ލައްވާލީ އަޒްހަދު ކުރި ސުވާލާއި ދައްކަމުންދިޔަ ވާހަކައާ ހުރީ ކޮންގުޅުމެއްހޭ އަހާލާ ފަދައަކުންނެވެ. އެ މޫނުން ފާޅުވޭވޭ ހުރި އަސަރުތަކުން އަޒްހަދަށް ދޭހަވީ ވެސް އެފަދައިންނެވެ. ތުންފަތުގައިވީ ފަނޑު ހިނިތުންވުމުގައި އަނެއްކާ ވެސް އަޒްހަދުގެ ތުންފަތް ކުޑަކޮށް ދެމިލައިފިއެވެ.
"އަހަރެންގެ ވެރިޔަކީ... މުޅި ކުންފުނީގެ އެންމެ އިސްވެރިޔަކީ... ހޫރުގެ ފިރިމީހާ ޒެހެން. އެމީހުންނަށް ދަރިއަކު ލިބުމުގެ އުފަލުގައި އޭނާ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ހަދިޔާ ހިފައިގެން މިއަދު އައީ. މަންމާ! ވިސްނާ ފިކުރު ކުރުމުން މިކަމުގައި އިބްރަތެއް ނުވޭތަ؟. ޒެހެންއަކީ ނުކިޔަވާހުރި ތަނެއްދޮރެއްވަކިނުވާ ޒުވާނެއްނޫން. އަޚްލާޤުނުބައި ސިފަ ހުތުރު މީހެއްނޫން. އުޅޭނޭ ގޮތެއްނެތި މީހެއްގެ މުހުތާދަށް ޖެހިފައިވާ މީހެއްނޫން. އެހެންނޫންނަމަތާ ބުނާނީ އޭނާގެ އަމިއްލަ ފައިދާއަށޭ ހޫރުފަދަ އަންހެނާ އެ ގުޅުނީ. އަހަރެމެންމީ ކޮންބައެއްކަން އެނގެނީ މިތާ ކައިރީ އަވަށްޓެރިންނަށް. އެކަމަކު ޒެހެންއަކީ މި ރާއްޖޭގެ އެންމެން ދަންނަ މަޖިލީސް މެންބަރު މުނައްވަރުގެ އާއިލާ ކުއްޖެއް. ދެބެންގެދެދަރިކުއްޖެއް. ބޮޑު ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެއް. މުއްސަނދިކަމާއި ތަނަވަސްކަމުގެ ގޮތުން ބެލިޔަސް އެމީހުންގެ ކައިރީ އަހަރެމެންނަކީ ވާދަނުކުރެވޭނޭ އާދައިގެ ބައެއް. މަންމާ! އަދިވެސް ހޫރު އޭރު ވިހޭ ދަރިފުޅު ދުނިޔޭގަ އެބަހުރި. ހޫރު ވިހެއި ބައްޕަނެތް ކުއްޖެކަން ޒެހެންއަށް އެނގޭ. އަދި ހޫރު ބަލިވެއިންނަން ޖެހުނީ ކީއްވެކަން ވެސް ޒެހެންއަށް އެނގޭ. ހޫރުގެ ހުރިހާކަމެއް އޭނާއަށް އެނގޭ. ނިކަން މަންމަ ބުނެބަލަ! ލޯމައްޗަށް މިފެންނަ ކަންކަމުގައި އިބްރަތެއްނުވޭތަ؟. އޭނާ އެހާލުގައި އިނދެ އެ ދަރިފުޅު އުފަންކުރާން ނިންމި ނިންމުން ގޯހޭ ބުނަން އަހަރެމެން މީ ކޮންބައެއް؟ އެ ދުވަހު މަންމަ ވިސްނީ ދުނިޔެއާމެދު. ބެލީ ދުނިޔޭގެ ލޮލުން... ﷲ އަށްވުރެ އެކަލާނގެ އުފެއްދެވި ނިކަމެތި އިންސާނުންދެކެ މަންމަ ހުރީ ބިރުންގެންފަ. މަންމަ ކަންބޮޑުވެ ބިރުގަތް ދުނިޔެއަށް އޭނާ އެކުއްޖާ އުފަންކުރުމުން ﷲގެ ރަޙުމަތާއި ނިޢުމަތުން ބޭރުކުރެވުނުތަ؟. އެހެންނަމަ މިއަދު އޭނާ އަދިވެސް އިނީހީ އެ ދުވަހު އިން ނިކަމެތި ހާލުގައި. އެކަމަކު އެހެނެއްނުވި... އިންސާނުން އެކަކުއަނެކަކު ދޫކޮށްލިކަމުގައި ވިޔަސް ﷲ އެއްވެސް އަޅެއް ދޫކޮށްނުލައްވާ، ޚާއްޞަކޮށް އަނިޔާ ލިބިފައިވާ ނަފްސެއް... އަހަންނަށް މިއަދު ޔަގީންވާކަމަކީ... ﷲ ހޫރައިންއަށް އެ ދެއްވީ އޭނާއާ އެންމެ އެކަށީގެންވާ ބައިވެރިޔާކަން. އެ ނަސީބުން އަހަރެން މަހުރޫމު ކުރެއްވީ ރަނގަޅަކަށް. އެއީ ހޫރައިންއަށް ވިޔަސް އަހަންނަށް ވިޔަސް... މީ އެންމެ ރަނގަޅު ގޮތް. ދުނިޔެ މިއަދު ފިލާވަޅެއް ނަގައިދީފި. އެކަމުން އިބްރަތް ހާސިލުކުރުމާއި ނުކުރުން އެއީ އަހަރެމެންގެ ކަމެއް. ނޫންތަ މަންމާ."
ކާމޭޒު ކައިރީ އިނދެ ސައިބޮއެގެން އަޒްހަދު ފޭބިއެވެ. އިތުރަކަށް އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އާތިފާ ވެސް ދަރިފުޅަށް ރައްދެއް ނުދެއެވެ. އޭނާ އައިސް ސޯފާގައި ޝާޒްލީ ކައިރީ އިށީނެވެ. އުނދޯލީގައި އިން އަންހެން ދަރިފުޅު އުރާލިއެވެ. އިރުކޮޅަކު އަޒްހަދަށް ބަލަން އާތިފާ އިނެވެ. އަމިއްލަ ދަރިފުޅަށް ރަނގަޅު ގޮތް ވާން ނޭދޭނީ ކޮންމަންމައެއް ހެއްޔެވެ. އާތިފާއަށް ވެސް މުހިންމީ ތިމާގެ ދަރިއެވެ. އަނެކާގެ ދަރި އުފުލާނޭ ބުރައަކަށް ކުރާނެ ހިތާމަ މުހިންމެ ނުވިއެވެ. ވެވުނު ވަޢުދުތަކާއި އަހުދުތަކެއް ވެސް މުހިންމެއް ނުވިއެވެ. މޭޒު ދޮށުން އާތިފާ ތެދުވި ގޮތަށް ތަށިތައް ނަގަންފެށިއެވެ. އަޒްހަދު ދެއްކި ވާހަކަތަކާމެދު ވިސްނިވަރަކަށް އޭނާ ފެންކަޅިވަމުންދިޔައެވެ. ހެދުނު ގޯސް އޭނާގެ ޟަމީރު ހިތަށް ވިސްނައިދޭންފެށީއެވެ. އަޒްހަދު އެ ދެއްކީ ދޮގު ވާހަކައެއް ނޫނެވެ. ހޫރައިންގެ މައްޗަށް ނިންމުން ނިންމީ ދުނިޔެއާމެދު ވިސްނާފައެވެ. އަޒްހަދުގެ މުސްތަޤުބަލަށް ކަޅު ހިޔަންޏެއް އެޅިދާނޭ ހީވެގެންނެވެ. މުސްތަޤުބަލު ތައުބީރުކުރާން ނޭނގުނަސް އެ މުސްތަޤުބަލާމެދު އާތިފާ ކަންބޮޑުވީ ނުހަނު ބޮޑަށެވެ. ސިންކު ދޮށުގައި ތަށިތައް ދޮންނަން ހުރިއިރު އޭނާގެ ހަރަކާތްތައް ލަހެވެ. ކަރުނުން ފުސްވެފައިވާ ދެ ލޮލުން އޭނާއަށް ފެންނަނީ ހޫރައިންނެވެ. އާންމުކޮށް ފެންނަ ދިވެހި ކުދީންނަށްވުރެ އިސްކޮޅުން ކުރުކުރުކޮށް ހުންނަ ދޮންދޮން ލޯބި ކުއްޖެކެވެ. ފުރަތަމަ ނަޒަރުން އާތިފާގެ ހިތް އެކުއްޖާ އަތުލިއެވެ. ފުރާވަރުގައި އަޒްހަދުގެ ހިތް އެކުއްޖާގެ މައްޗަށް ޖެހުމުން އެކަން އާތިފާ ބަލައިގަތީ އުފަލުންނެވެ. ދޭތެރެއަކުން އަޒްހަދާއެކު އެ ގެއަށް އައިސް އުޅުނުއިރު ދަރިއެއްހެން ހޫރައިންއާ މެދު އާތިފާ ކަންތައްކުރިއެވެ. އެހާ ލޯބިންނެވެ. އެހާމެ އޯގާތެރިކަމާއެކުއެވެ. މަންމަ ކިޔުއްވައިގެންނެވެ. ލަދުރަކި ބަސްއަހާ އަދަބުވެރި ކުއްޖެއްކަން އޭރު ވެސް އާތިފާއަށް ފާހަގަވެއެވެ. ހޫރައިންގެ އިއްފަތްތެރިކަން އޭނާ ހަދިޔާ ކުރާން ބޭނުންވީ އަލަތު ފިރިމީހާއަށެވެ. އެކުއްޖާ އަޒްހަދުދެކެ ލޯބިވިއެވެ. އެކަން އާތިފާއަށް ރަނގަޅަށް އެނގެއެވެ. އާތިފާގެ ނިންމުމަކާއެކު އަޒްހަދާ ވަކިވާންޖެހުމުން ހޫރައިންގެ ދެ ލޯ ރޯންފެށި ހިނދު އެ ދެ ލޮލުގައިވީ ރިހުން އާތިފާ ދުށްޓެވެ. ލަފުޒުތަކަކާއިނުލާ އެ ދެ ލޮލުން އާދޭސްކުރިއެވެ. އެކަމަކު...
އާތިފާ ކަނާއަތުގެ ނުފުށުން ލޯ ކައިރި ފުހެލިއެވެ. ލޮލުގައި ބޮޑިވަމުން އައި ކަރުނަތައް ނުހިފެއްޓި ކޯތާފަތުން ރޮނގިދެމިލީއެވެ. ސިންކުގެ އިސްކުރު ދޫކޮށްލުމާއެކު އާތިފާ ދެ އަތް ދޮވެލިއެވެ. ތަށިތައް ބަހައްޓާފައި އޭނާ ހަލުވިކޮށް ހިނގައިގަތެވެ. ސޯފާގައި ތިބި އަޒްހަދާއި ޝާޒްލީއަށް މޫނު ނުފެންނާނޭހެންނެވެ. އަވަސްއަވަހަށް އާތިފާ ވަނީ ކޮޓަރިއަށެވެ. ތެދެކެވެ. ދުނިޔެ ދައްކާ ކޮންމެ މަންޒަރަކަށް ބަލައި ވިސްނާ ފިކުރުކުރާ މީހަކަށް ﷲ ގެ ހެކިތައް ފެންނާނެވެ. އެ ދަރެސްތަކުން އިބްރަތް ހާސިލުވާނެއެވެ. މީހަކަށް ހުރި ހެވަކާއި ނިޢުމަތެއް އަނެކާއަކަށް ނޭނގޭނެއެވެ. ހޫރައިންގެ ނަސީބު ނިކަން ދެކެބަލާށެވެ. ލެއްވި ނިޢުމަތް ދެކެބަލާށެވެ. ދުނިޔެ ކުރިމަތި ކުރާނެ ދުއްތުރާތަކާމެދު ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ. ތިމާ ޚާލިޤުކުރެއްވި ކަލާނގެ ދަތިކަމަށްފަހު ފަސޭހަކަންވާކަން ވަނީ އަންގަވާފައެވެ. ކެތްތެރީންނަށް ޓަކައި ސުވަރުގެވަނީ ލައްވާފައެވެ. ވީއިރު އެކަލާނގެ މަގުގައި ގާއިމްވެ ހުރެވޭތޯ ބެލުން ތިމާއަށް މާ ހެޔޮކަން ބޮޑެވެ.
ހޫރައިންގެ ކައިރިއަށް އެނދަށް އަރާ ޔޫކް އިނެވެ. ކޮއްކޮއަށް ބަލާބަލާ އެކުއްޖާ ފޫއްސެއް ނުވެއެވެ. އެ ތިންމައިންނަށް ނަޒަރު ހުއްޓާލައިގެން ޒެހެން ވެސް އެނދުގައި އިނެވެ. ކުޑަކުޑަ ފުރިހަމަ ޢާއިލާއެކެވެ. ޔޫކްގެ ތުއްތު ހުނުމުން ޒެހެންއާއި ހޫރައިންގެ ތުންފަތުގައި ނުފިލާނޭ ހިނިތުންވުމެއް ކުރަހާލަދީފައި ވެއެވެ. އެކުއްޖާގެ ސުވާލުތައް ގިނައެވެ. އޭނާއާއެކު ކޮއްކޮ ކުޅެން ގެންދާން މިހާރުއްސުރެ ބޭނުންވެފައި އިން ކަހަލައެވެ. ކޮއްކޮ ބޮޑުވެ ހިނގަންފަށާނީ ކޮންއިރަކުންތޯ އަހައެވެ. ކާން އިށީނދެއްޖެނަމަ ކާތަށީގައި ކޮއްކޮއަށް ބައެއް އަޅައެވެ. އޭނާ ކާއެއްޗެހި ކޮއްކޮއަށް ނުކެވެންވީ ކީއްވެތޯ އަހައެވެ. އަދި ތަށީގައި ކޮއްކޮއަށް އަޅައިބައި ކޮއްކޮ ބޮޑުވީމަ ކާން ބަހައްޓަން ބުނެއެވެ. ޔޫކް އެވަރަށް ވާހަކަދައްކާއިރު ވެސް ކޮއްކޮ ވާހަކަނުދައްކާތީ އެކަމާ އެކުއްޖާ ވިސްނާފިކުރުކުރާން އިނދެއެވެ. މަންމަގާތުގައި އެ ހިޔާލުތައް ހިއްސާކުރެއެވެ. އެ އަޑު އިވޭ ހިސާބުގައި ހުންނަ ޒެހެންއަށް ހިނިގަނޑު ނުހިފެހެއްޓެއެވެ. ކޮއްކޮ ފެންވަރުވާ ގަޑީ ޔޫކް ހުންނަން ޖެހެއެވެ. ރީތިކުރާއިރު ޔޫކް ބައިވެރިވާން ޖެހެއެވެ. ކޮއްކޮގެ ނެޕީ ބަދަލުކުރާއިރު މަންމައަށް އެހީތެރިވެދެއެވެ. އަބަދު އުޅެނީ ޔޫކްދޮންބެ ވެގެންނެވެ. ކުއްލިއަކަށް ޔޫކްގެ ދުނިޔޭގައިވާ އެންމެ މުހިންމު މީހާކަމުގައި އެ ކޮއްކޮވެއްޖެ ކަހަލައެވެ.
"ޔޫކް، ބައްޕަ ވަރަށް ދެރަވެފަ މިހުންނަނީ." ޒެހެން ބުނެލިއެވެ. ވަގުތުން ޔޫކްގެ ސަމާލުކަން ޒެހެންއަށް ހުއްޓުނެވެ. ޒެހެން ދެރަވެފައޭ ބުނީމައެވެ. އެކުއްޖާ އަވަހަށް ޒެހެންގެ ކައިރިއަށް ޖެހިލިއެވެ.
"ޔޫކް އެއްވެސް ކުއްޖެއް ދެރަނުކުރަން. ޔޫކް ލޯބިވޭ ޒެންބައްޕަދެކެ ވެސް." ޔޫން ބުނެލިއެވެ.
"ކޮއްކޮއަށް މިހާރު ވާހަކަ ނުދެއްކުނަސް މަންމި ބުނިހެން ދުވަސްކޮޅަކުން ކޮއްކޮ ވާހަކަދައްކަން ދަސްކުރާނެ. ކޮއްކޮ ދަސްކުރާނީ ޔޫކްދޮންބެ އުޅޭގޮތް. ޔޫކްދޮންބެ ކިޔާ ބަސްތައް އެންމެ އަވަހަށް ކޮއްކޮ ކިޔާނީ. ޔޫކްއާއި ކޮއްކޮއަކީ ވެސް ބައްޕަގެ ކުދީން. ޔޫކް ބައްޕަ ނުކިޔާ ޒެންބައްޕަ ކިޔަންޏާ ކޮއްކޮ ވެސް ކިޔާނީ އެހެން ދޯ. ބައްޕަ ދެރަވަނީ އެހެންވެ... ދަރިފުޅު ބައްޕަ ކީމައެއްނު ކޮއްކޮއަށް ވެސް ދަސްވާނީ ބައްޕަ ކިޔަން. މިހާރު ޔޫކްތީ ބައްޕަގެ ދަރިފުޅެއްނު. ބައްޕަ ވަރަށް ބޮޑަށް އުފާވާނެ ދަރިފުޅު ބައްޕާއޭ ގޮވާނަމަ. މަންމިއާއި ޔޫކްދޮންބެގެ އިތުރުން މީ ބައްޕަކަން ކޮއްކޮއަށް އެނގޭނީ އޭރުން ދޯ."
ޒެހެންގެ ވާހަކައިން ޔޫކް ބަލާލީ ހޫރައިންނަށެވެ. ކުއްލިއަކަށް އެކުއްޖާގެ ހަރަކާތްކަށް ބަދަލު އައި ގޮތުން ލަދުގަތީހެން ހީވެއެވެ. ޒެހެންގެ ވާހަކައަށް ހޫރައިން ވެސް ބާރުދިނެވެ. ކޮއްކޮއަށް ބައްޕަ ކިޔަން ދަސްވާނީ ޔޫކް ވެސް ބައްޕަ ކިޔާ އަޑު އިވުނީމަކަން ބުންޏެވެ. ޒެހެން މިހާ ދުވަހު ޔޫކްގެ އެ އާދަޔާމެދު އެއްޗެއް ނުބުނެއެވެ. ޔޫކް ބޭނުން ނަމަކުން އޭނާއާ މުޚާޠަބު ކުރުމަށް ހުރީ ދޫކޮށްލައިގެންނެވެ. އެކުއްޖާގެ ދިރިއުޅުމަށް އޭނާ އައީ ކުއްލިއަކަށްވީމައެވެ. ބައްޕައޭ ބުންޏަސް ބައްޕަގެ މުހިންމުކަމާއި ބައްޕައާއި ދަރިއަކާމެދު އޮންނަ ގާތްކަން ޔޫކަށް ނަގައިނުގަނެވޭނެކަން އެނގޭތީއެވެ. އެކަމަކު މިހާރު އޭނާ ބޭނުމީ ޔޫކްގެ ދުލުން ބައްޕައޭ ގޮވާ އަޑު އަހާށެވެ. މިހާރު ޔޫކްއަކީ ޒެހެންގެ ދޮށީ ފިރިހެން ދަރިފުޅުކަން އޭނާ ޤަބޫލުކުރާތީއެވެ. ކުޑަކުޑަ ޔާންއާއި ޔޫކްގެ ދެމެދުގައި ފަރަގެއްވާން ނޭދޭތީއެވެ. އެ ދެބެންގެ ވެސް ބައްޕައަކީ އޭނާކަން ބުނެދޭންވެގެންނެވެ.
"ބަ... ބައްޕަ..." ނުކެރިގެން އުޅެފައި ޔޫކް މަޑުމަޑުން ބުނެލިއެވެ. ދެން ރަކިވެގެން އިސްޖަހައިފިއެވެ. ޒެހެންގެ ހިތް ފުރުނު ފަދައެވެ. އޭނާ ހެމުންހެމުން ޔޫކް އުރާލައިފިއެވެ. އެކުއްޖާގެ ގައިގާ ބައްދާލައިގެން މޫނުން ދޮންނަގަން ފެށިއެވެ. ޒެހެންގެ ތުނބުޅި ހޭކޭތީ ހީލިކަރުވައިގަނެގެން އެކަމުގެ ޝަކުވާ ޔޫކް ކުރީ ހެމުންހެމުންނެވެ. އެއާއެކު ޒެހެންގެ ސަކަރާތް ބޮޑުވިއެވެ. ޔޫކްއާއި ޒެހެން ހީނހީނފައި އުޅޭ މަންޒަރު ބަލަން ހޫރައިން އޮތެވެ. ހިނިތުންވެލައިގެންނެވެ. އެ ދެ ލޮލުން ފާޅުނުވިޔަސް ޝުކުރުގެ ފޮނިކަރުނަ ފޮރުވިފައިވެއެވެ.
ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ޔޫކްގެ ގައިން ދޫކޮށްލާފައި ޒެހެން ފޯނު ނެގިއެވެ. އިސްކުރީނުގައި ފެންނަން އޮތީ ހަންނާނުގެ ނަމެވެ. ފޯނުކޯލު ނެގި ގޮތަށް ޒެހެން ސަލާމް ގޮވާލިއެވެ.
"ވައިލައިކުމުއްސަލާމް. މިރޭ ވަގުތެއް ހުސްކޮށްލައިގެން ބޭބެއާ ބައްދަލުކޮށްލަން އައިސްދީބަލަ." ހަންނާނު ބުންޏެވެ.
"ނުވައެއްގެ ފަހުން ކިހިނެއްވާނީ." ޒެހެން އަހާލިއެވެ.
"އެންމެ ރަނގަޅު، މުނައްވަރާއެކު އެ ގޭގެ ބޭބެ އިންނާނަން. ޒެހެން އާދޭ އިނގޭ." ހަންނާނު ބުންޏެވެ.
"ކާކު؟." ޒެހެން ކޯލު ނިންމާލުމާއެކު ހޫރައިން އަހާލިއެވެ.
"ހަންނާނުބެ. މީޓުކޮށްލަން ބުނީ... ކައިދިން ކަންތަކާ ކަންނޭނގެ. މިރޭ ނައިންގެ ފަހުން ބޮޑުދޮންބެމެން ގެއަށް ދާނަން އިނގޭ." ޒެހެން ބުނެލިއެވެ. ހޫރައިން ބޯޖަހާލީއެވެ. (ނުނިމޭ)