ސާފް ސުޒުކީ ކަޕް

ބޫޓާން މެޗުގެ މިސްޓޭކްތައް ރާއްޖެ ތަކުރާރުނުކުރާނެ: ބަންގާޅު ކޯޗު

ބޫޓާން މެޗުގައި ރާއްޖޭގެ ފަހަތުން ހެދި މިސްޓޭކްތައް ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ބަންގާޅާދެކޮޅަށް ތަކުރާރުނުކުރާނެ ކަމަށް ބަނގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު ބުނެފި އެވެ.

އިއްޔެ ހަވީރު އޮތް ޕްރެކްޓިހަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ މިއަދުގެ މެޗަކީ ބަނގްލަދޭޝް މުބާރާތުގައި ދެމިއޮތުން ކަނޑައަޅާ މެޗު ކަމަށެވެ.

"މިއީ އަހަރުމެންގެ މަރާއި ދިރުން. އެހެންވީމަ ވަރަށް މަސައްކަތް ކުރަންޖެހޭ. ތިބުނާހެން ރާއްޖޭގެ ފަހަތުން ބޫޓާން މެޗުގައި މިސްޓޭކް ހެދި. އެކަމަކު އަހަރެން ގަބޫލުކުރަނީ މާދަމާ އެމީހުން ވަރުގަދަވާނެ ކަމަށް. އެ މިސްޓޭކްތައް މިއަދު ތަކުރާރުނުކުރާނެ،" ކޯޗު ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 4-0އިން ބަލިވެފައިވީ ނަމަވެސް މައުރޫފް ބުނީ އޭނާގެ ކުޅުންތެރިން ރާއްޖެ މެޗު ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށެވެ.

"ކުޅުންތެރިން ގަބޫލުކުރޭ މިމެޗުން މޮޅުވެގެން އަހަރުމެންނަށް ސެމީ ފައިނަލަށް ދެވިދާނެކަން. އެހެންވީމާ އެއީ ވަރަށް ބޮޑު ހިތްވަރެއް،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ އަފްގާނިސްތާނާ ހިލާފަށް ރާއްޖެއަކީ ވެސް ފިޒިކަލީ ފިޓް ޓީމެއްނޫން ކަމަށާއި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަކީ މެޗުގެ ނަތީޖާ އަނބުރާލެވޭ ކުޅުންތެރިއަކަށްވާތީވެ އެކަމަށް ސަމާލުވާނެ ކަމަށެވެ.

މި މެޗުން ބަލިވެއްޖެނަމަ ސެމީ ފައިނަލަށް ދިއުމަށް ރާއްޖެ ވެސް ޕްރެޝަރަށްދާނެ އެވެ.