އެމްޓީސީސީ

އަނގޮޅިތީމު ބަނދަރުގެ 92 ޕަސެންޓް ނިމިއްޖެ

ރ. އަނގޮޅިތީމުގެ ބަނދަރު ހެދުމުގެ 92 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ އަނގޮޅިތީމު ބަނދަރުގެ 92 ޕަސެންޓް މަސައްކަތް ނިންމައި ބްރޭކް ވޯޓާގެ މަސައްކަތް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

އަނގޮޅިތީމު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 44.8 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން އަނގޮޅިތީމުގެ ބަނދަރު 42،000 ކިއުބިކް މީޓަރަށް ފުންކޮށް 615 ކިއުބިކް މީޓަރަށް ނެރު ވެސް ފުންކުރާނެ އެވެ.

މީގެ އިތުރުން 1110 ސްކޮޔާ މީޓަރުގެ ޕޭމަންޓަކާއި ފަސް މޫރިން ބްލޮކްސްވެސް ގާއިމުކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން ދެން ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި 166 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 91.44 މީޓަރުގެ އެއްގަމު ތޮއްޓަކާއި 221 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ލާނެ އެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ވެސް ހަރުކުރާނެ އެވެ.