އެޗްޑީސީ

ތަނބަށް ގެއްލުންވާ ކަމެއް ކޮށްފައެއް ނެތް: އެޗްޑީސީ

Mar 17, 2022

ހިޔާ ފްލެޓްގެ ތަބެއް ތަޅައިލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރި ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި އެވެ.

ސޯޝަލްމީޑިއާގައި ބަޔަކު ވައިރަލް ކުރި ފޮޓޯގައި ބުނެފައިވަނީ ހިޔާ ޓަވަރުގެ ކޮމާޝަލް އެރިއާގައި ފިހާރައެއް ހަދަމުންދާ ބަޔަކު އެތަނުގެ ތަނބެއް ތަޅައިލައި ސްޓްރަކްޗާ އަށް ގެއްލުން ދީފައިވާ ކަމަށެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފޮޓޯގައި ފެންނަނީ ތަނބެއް ތަޅައިލި މަންޒަރު ނޫން ކަމަށާއި އެކަމާ ގުޅިގެން ހިޔާ ޓަވަރުގެ ސްޓްރަކްޗާ އަށް ގެއްލުމެއް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ތަޅައިލައިފައިވަނީ ކޮމާޝަލް ޔުނިޓެއްގެ ދޮރު ކައިރީގައިވާ ތަންކޮޅެއް ކަމަށެވެ. އެ މީހުން އެ މަސައްކަތުގައި ބޭނުންކުރީ އެފަދަ މަސައްކަތަކަށް ހުއްދަ އޮތް އެއްޗަކަށް ނުވާތީ އެޗްޑީސީން އެންގުމުން އެކަން ރަނގަޅު ކުރި ކަމަށްވެސް ވިދާޅުވި އެވެ.

"އެކަން މިހާރު ހައްލުކޮށްފިން. އެއީ އެހާ ބޮޑު ކަމެއް އިމާރާތަށް ދިމާވާ ފަދަ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީން މީގެކުރިން ވަނީ ހިޔާ ފްލެޓްތަކުގެ ސްޓްރަކްޗާ އަށް ބަދަލު އަންނަވަރުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާފަ އެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ކޮށްފިނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅައި، ފްލެޓް އަތުލަންޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހިޔާ ފްލެޓްތަކަށް ގެއްލުންވާ ގޮތަށް ފްލެޓްތަކުގައި މަސައްކަތް ކުރި ބައެއް މީހުން މީގެކުރިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.