މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީން މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި އެވެ.
މީގެ 12 އަހަރު ކުރިން ޑިސެމްބަރު، 2009 ގައި މ. އަންގާގިރި ހަދަމުން ދަނިކޮށް އެތަނުގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޝީރީންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވުނު ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނެފައިވަނީ މ. ކުރަހާގޭގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ޝީރީނާއި ނަޖާހު އުޅުމުގެ ތެރޭގައި ޝީރީނަށް ހަމަލާދީ ނަޖާހު އޭނާ މަރާލާފައިވާ ކަމަށެވެ.
މި މައްސަލާގައި ހަތަރު އަހަރު ދުވަހުގެ ޝަރީއަތަކަށްފަހު ކުރިމިނަލް ކޯޓުން ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ހައިކޯޓުން ނިންމާފައި ވަނީ ނަޖާހުގެ މައްޗަށް ގަސްދު މަރު ސާބިތުނުވި ނަމަވެސް، "ގަސްދުމަރާ ވައްތަރު މަރު" ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ތައުޒީރީ އުގޫބާތެއްގެ ގޮތުން 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މި މައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ ހައިކޯޓުން ނަޖާހުގެ މައްޗަށް އިއްވާފައިވާ ހުކުމް ރަގަޅު ކަމަށެވެ. އެގޮތުން ޝީރީން މަރުވެފައި ވަނީ ނަޖާހުގެ އަމަލުތަކުގެ ސަބަބުން ކަމަށް ހުކުމްގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ހައިކޯޓުން ދައުވާގެ ސިފަ ބަދަލުކޮށްފައި ވަނީ ރަގަޅަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ހުކުމުގައި ބުނެފައި ވަނީ މި މައްސަލައިގައި ނަޖާހުގެ މައުސޫމުކަން އެނގޭނެ އެއްވެސް ހެކި ގަރިނާއެއް ނެތް ކަމަށެވެ. އެގޮތުން އެކި ދުވަސް މަތިން ނަޖާހު ޝީރީންއަށް ގެވެށި އަނިޔާކުރާ ކަމަށް ރަހުމަތްތެރިން ކައިރީ ޝީރީން ބުނެފައިވާކަން އެނގެން އޮތް ކަމަށެވެ. އަދި އަނިޔާކުރަނިކޮށް ބައެއް މީހުންނަށް ފެނިފައިވެސްވާ ކަމަށެވެ.
ޝީރީން ގެއްލުނުފަހުން ނަޖާހު އެކި މީހުން ކައިރީ އެކި ގޮތްގޮތަށް ވާހަކަދައްކާފައިވާ ކަމަށާއި، އެންމެ ފަހުން އޭނާއާއެކު ޝީރީން ކޮޓަރިއަށް ވަތްފަހުން ޝީރީން ދިރިހުއްޓާ އެއްވެސް މީހަކަށް ފެނިފައި ނުވާ ކަމަށް ހުކުމުގައި ބުނެ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި އެ ހާދިސާ ހިނގައި ދިޔަ ގޮތް ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ޓެކްސީއަކަށް ލަގެޖު ފޮއްޓެއް އަރުވައިގެން ޝީރީން މަރުވެފައި އޮއްވާ ގެ ކައިރިން ނަޖާހު ދިޔަ ކަމަށް ޓެކްސީ ޑްރައިވަރު ހެކިބަސް ދީފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ޝީރީންގެ ހަށިގަނޑު ފެނުނުއިރު އޮތީ ވެސް ފޮއްޓެއްތެރޭ އޮންނަހެން ކުރުގަޅުވާފައި ކަމަށެވެ.
ހުކުމް އިއްވަމުން ފަނޑިޔާރުން ވަނީ "ދަ ލާސްޓް ސީން ތިއަރީ" އަށް ވެސް ބައްލަވާފަ އެވެ. އެ ތިއަރީއަކީ މަރުވި މީހާއާއެކު އެންމެ ފަހުން އުޅުނު މީހާ ޖަވާބުދާރީވާން ޖެހޭ ތިއަރީ ނުވަތަ އުސޫލެވެ.