އިސްލާމިކް ބޭންކް

ކުޑަކުދިންގެ ހަވީރަކާއެކު އެމްއައިބީގެ އާއިލީ އުފާ މާދަމާ

Mar 18, 2022

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުޑަކުދިންގެ ހަވީރަކާއެކު އާއިލީ އުފާގެ ނަމުގައި މާދަމާ ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

އެމްއައިބީ އިން ބުނީ "އާއިލީ އުފާ" ގެ ނަމުގައި މި ހަރަކާތް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ހަވީރު 4.00 އިން ފެށިގެންނެވެ.

ބޭންކުގެ ޕީއާރު އޮފިސަރު އަހްސަން ޖަމީލު ވިދާޅުވީ މިއިވެންޓު ގައި މައިގަނޑު ގޮތެއްގައި އޮންނާނީ ދެ ކަމެއް އޮންނާނެ ކަމަށެވެ.

"ކުޑަކުދިންނަށް މަޖާވާނެހެން އިނާމުވެސް ލިބޭގޮތަށް ރާވާފައިވާ ކުޅިވަރު ހުންނާނެ. އަދި ބޭންކުގެ ފައިނޭންސިން ހިދުމަތް ބޭނުންވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ މުއައްޒަފުންނާއި ސީދާ މަޝްވަރާކުރުމުގެ ފުރުސަތާއި އެޕްލިކޭޝަން ފޯމު ލުމަށް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އެކަމަށް ވެސް މަގު ފަހިކޮށްދޭނެ. އަދި ހަމަ މިއުސޫލުން އެކައުންޓާއި ބެހޭ ހިދުމަތްތަށްވެސް ލިބޭނެ،" އަހުސަން ވިދާޅުވި އެވެ.

އެމްއައިބީ އިން ބުނި ގޮތުގައި އަމިއްލަ ފަރުދުންނަށް ހާއްސަ ކޮއްގެން ބާއްވާ މިއިވެންޓުގެ މައިގަނޑު އަމާޒަކީ ބޭންކުގެ ފަރާތުން ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމެވެ.

އިސްލާމިކް ބޭންކް އިން ވަނީ މިމަހު ވިޔަފާރިތަކަށް ހާއްސަކޮށް އޯޕަން ޑޭއެއް ބާއްވާފަ އެވެ. އަދި މަސްވެރިންނަށް ފުރަތަމަ ފަހަރަށް ފައިނޭންސިން ފެސިލިޓީއެއް ދޫކުރަން ފަށާފަ އެވެ. މި ފެސިލިޓީ ދެނީ އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީއިންނެވެ.