އެމްއެމްއޭ

ޕޭމަންޓް ހިދުމަތް ދިނުމުގެ ހުއްދަ އިތުރު ހަތަރު ކުންފުންޏަކަށް

Mar 17, 2022

ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އިތުރު ހަތަރު ކުންފުންޏަކަށް ދީފި އެވެ.

އެމްއެމްއޭ އިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މިއަދު ހުއްދަ ދިން ހަތަރު ކުންފުނިން ވެސް ދޭ ހިދުމަތްތައް ތަފާތުވާނެ ކަމަށެވެ.

ހުއްދަ ދިން ހަތަރު ކުންފުނިން ދޭނެ ހިދުމަތްތައް:

  • ފަހި ޕޭ - އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދޭނެ
  • ވީޓީޓީ ފައިނޭންސް - ޕޭމަންޓް މުއާމަލާތައް އެކުއަޔާ ކުރުމުގެ ހިދުމަތް ދޭނެ
  • ޕޭޔާ ޕްރައިވެޓް ލިމިޓެޑް - އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދޭނެ
  • ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް މޯލްޑިވްސް - ޕޭމަންޓް މުއާމަލާތައް އެކުއަޔާ ކުރުމުގެ ހިދުމަތް ދޭނެ

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ 24 ވަނަ ދުވަހު ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އެމްއެމްއޭ އިން އެންމެ ފުރަތަމަ ދިނީ ދިރާގާއި އުރީދޫ މޯލްޑިވްސް އަށެވެ.

އުރީދޫ އަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމުގެ ލައިސަންސެވެ. ދިރާގަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ މެއި 18 ވަނަ ދުވަހު އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު ތަސްދީގު ކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އަމަލުކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެމްއެމްއޭ އިން މިހާރު ތައްޔާރުވަމުންދަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އާ ޕޭމަންޓް ނިޒާމު ތައާރަފް ކުރުމަށެވެ.