ލައިފްސްޓައިލް

ޑޮކްޓަރަކު ބަލިމީހެއްގެ ގައިގައި ދަނޑިބުރިއަކުން ތަޅައިފި

އާއްމުކޮށް ޑޮކްޓަރުންނަކީ ބަލި މީހުންނަށް ފަރުވާކޮށްދޭ އޯގާތެރި ބައެކެވެ. ނަމަވެސް މަދުން ނަމަވެސް ހަރުކަށި މީހުންނާ ވެސް ބައެއް މީހުންނަށް ދިމާވެ އެވެ.

މި ކަހަލަ ވަރަށް އަޖައިބުކުރުވަނިވި ހާދިސާއެއް މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އޮޑީޝާގެ ކަލަހަންޑީ ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގައި ވަނީ ހިނގާފަ އެވެ.

މި ހާދިސާގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ވަނީ އޭނާ ކައިރިއަށް ފަރުވާ ހޯދަން އައި ބަލި މީހެއްގެ ގައިގައި ދަނޑިބުރިއަކުން ތަޅާ އަނިޔާ ކޮށްފަ އެވެ.

މި މަންޒަރުތައް ފެންނަ ވީޑީއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. އެހިސާބުގަނޑުގެ މީހުން ބުނެފައިވާ ގޮތުގައި ދަރަމްގަޅްކިޔާ އަވަށެއްގެ މި ބަލި މީހާ ހޯމަ ދުވަހުގެ ރޭގެ 10.30 ހާއިރު އެ ހޮސްޕިޓަލަށް ދިޔައީ ވަރަށް ގަދަޔަށް ބަނޑުގަ ރިއްސާތީ އެވެ.

އޭނާ ހޮސްޕިޓަލަށް ގޮސް އެތަނުގެ ތެރޭގައި އެނބުރޭތާ އެތައް އިރެއް ވީއިރުވެސް ޑޮކްޓަރަކު ނުފެނިގެން އެތަނުގައި ހުރެ އަޑުގަދަ ކުރަން ފެށީ އެވެ.

ފަހުން އެތަނަށް ސައިލޭޝް ކުމާރު ޑޯރާ ކިޔާ ޑޮކްޓަރަކު އައިސް އެ ބަލިމީހާއާ ޒުވާބުކުރަން ފެށީ އެވެ. އަދި ޒުވާބު ހޫނުވެ އެ ޑޮކްޓަރު ވަނީ ބަލި މީހާގެ ގައިގައި ދަނޑިބުރިއަކުން ތަޅާ އަނިޔާކޮށްފަ އެވެ.

"އަހަރެން ވަރަށް ބޮޑަށް ބަނޑަށް ތަދުވާތީ ހޮސްޕިޓަލަށް ދިޔައިރު އެތާނގައި އަހަރެންނަށް ފަރުވާއެއް ދޭނެ ޑޮކްޓަރަކު ނެތް. އަހަރެން ސެކިއުރިޓީ ގާޑު ކައިރީ އެހީމަ ބުނެފި ޑޮކްޓަރު ދިޔައީ ފާޚާނާ އަށޭ. އަހަރެން ސްޓްރެޗަރު މަތީގައި އޮންނަތާ އެތައް އިރެއް ފަހުން މެޑިކަލް ސްޓާފުންގެ ދެ މީހަކު އައިގޮތަށް އައިސް މަގޭ ގަޔަށް ދެ އިންޖެކްޝަން ޖަހައިފި. އެ ވަގުތު ޑޮކްޓަރު ކުއްލިއަކަށް އައިސް މަގޭ ގައިގައި ތަޅަން ފެށީ،" މުކޭޝް ނާއިކް ކިޔާ މި ބަލިމީހާ ބުންޏެވެ.

މިކަމާ އެ ހިސާބުގަނޑުގެ މީހުން ރުޅިގަދަވެ ބަލިމީހާ އާއި އެންމެން ވެސް އެ ހިސާބުގަނޑުގެ ހުރިހާ މަގުތަކެއް ބަންދުކޮށް އިހުތިޖާޖުކޮށް ޑޮކްޓަރު ހައްޔަރުކުރަން ގޮވާފައި ވެއެވެ.

މި ޑޮކްޓަރާ ދެކޮޅަށް ކުރިން ވެސް ފުލުހުންނަށް މީހަކު ޝަކުވާއެއް ހުށަހަޅާފައި ވެއެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އިސް ވެރިޔާ ސަބް ޑީވިޝަނަލް ޕޮލިސް އޮފިސަރު ދީރަޖް ކުމާރް ޗޯޕްދަރް ވިދާޅުވީ ފިޒީޝަން ޑޮކްޓަރު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.