ބޮލީވުޑް

"ލޮކް-އަޕް" – ސާރާ އާއި އަލީ ސުލްހަވެއްޖެ

ޓީވީ އެކްޓަރުން ކަމަށްވާ ސާރާ ޚާން އާއި އޭނާގެ ކުރީގެ ފިރިމީހާ އަލީ މާޗަންޓް މި ވަގުތު ތިބީ ކަންގަނާ ރަނާވަތުގެ ވެބް ރިއަލިޓީ ޝޯ "ލޮކް އަޕް"ގައި ބައިވެރިވެ ޖަލުގައި ބަންދުވެގެންނެވެ.

ދެ މީހުންނަކީ ކުރިން ވަރަށް ލޯބިވެގެން ކައިވެނިކޮށްގެން ގިނަ ދުވަހަކު އުޅުމަށްފަހު ވަރިވެފައި ތިބި ދެ މީހުންނަށް ވެފައި ޖަލެއް ކަހަލަ ތަނެއްގައި ބަންދުވެގެން ތިބެން ޖެހުމުން ދެ މީހުންގެ މެދުގައި ވަރަށް ވަރުގަދަ އަރާރުން ހިނގާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ.

ނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫނެވެ. މި ޝޯގެ އާ އިޝްތިހާރުގައި ފެންނަނީ ދެ މީހުން އެކުގައި ގޮނޑިއެއްގައި އިށީނދެ ތިބެ އެކަކު އަނެކަކާ ވަރަށް ހަމަޖެހިލައިގެން ތިބެ ވާހަކަ ދައްކައި ސުލްހަ ގާއިމްކުރާ ތަނެވެ. ދެ މީހުން ވެސް ބުނަނީ އެ މީހުންގެ ހިތުގައި އެއްވެސް ކަހަލަ މައްސަލައެއް އަނެކަކާ ދޭތެރޭ ނެތް ކަމަށެވެ.

އަލީ އާއި ސާރާ މީގެ ކުރިން ވަނީ ރިއަލިޓީ ޝޯ އެއް ކަމަށްވާ "ބިގް ބޮސް"ގެ ހަތަރުވަނަ ސީޒަންގައި އެކުގައި ބައިވެރިވެ ބިގް ބޮސްގެ ގޭގައި ވެސް ގިނަ ދުވަސް ތަކެއް ހޭދަކޮށްފަ އެވެ. ދެ މީހުން ކައިވެނި ކުރީ ވެސް ބިގް ބޮސްގެ ގޭގައި ލައިވް އޯޑިއަންސްގެ ކުރިމަތީގަ އެވެ. ނަމަވެސް އެ ޝޯ ނިމުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ދެ މީހުން ވަރިވީ އެވެ.

"ލޮކް އަޕް"ގެ ޕްރޮޑިއުސަރު އަލްޓް ބާލާޖީގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެންމެ ވަރުގަދަ މީހުންނަކީ އެމީހުންގެ ހިތްދަތި މާޒީއާ ކުރިމަތިލުމުގެ ހިތްވަރު ހުރި މީހުން ކަމަށެވެ.

"އަހަރެން މާޒީ ހަނދާން ނައްތާލައި ދިރިއުޅުމައިގެން ކުރިއަށް ދާން ބޭނުން. ކައިވެނީގެ ފަހުން ދިމާވި ކަންތައްތަކާއި އޭގެ ސަބަބުން ވަރިވުމާ ހަމައަށް ދިމާވި ކަންތައްތަކުން ދިމާވި ހިތްދަތި ކަންތައްތަކުން އަދިވެސް އަހަންނަށް އަރައެއް ނުގަނެވޭ،" ސާރާ މި ޝޯގައި ބުނެފައި ވެއެވެ.

ދެ މީހުން ވާހަކަ ދެއްކުމަށްފަހު ސާރާ އާއި އަލީ ވެސް އެއްބަސްވީ ދެ މީހުން ކައިވެނިކުރިއިރު އުމުރުން ހަގުކަމުން މައްސަލަތައް ކުރިމަތިވެ އެ މައްސަލަތައް ހައްލުކުރަން ނޭނގުނީ ކަމަށެވެ. އަދި އެކަމާ މެދު މި ޝޯ ނިންމާފައި ނުކުމެ ދެ މީހުން ބައްދަލުވެ ވަކިން މަޝްވަރާ ކުރާން އެ މީހުން އެއްބަސްވި އެވެ.

ހަމަ މި ޝޯގެ އެހެން ބައިވެރިއަކާ ކުރީ އެޕިސޯޑެއްގައި އަލީ ވަނީ އޭނާ އާއި ސާރާގެ ކައިވެނީގައި ދިމާވި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި އަލީ ވަނީ ކައިވެނި ކުރިތާ ވަރަށް ކުރީކޮޅު ސާރާއަށް ބޭވަފާތެރިވެ އެހެން އަންހެނަކާ އެކު ގުޅުން ބޭއްވިކަމަށް އެއްބަސްވެފަ އެވެ.

ސާރާ އަށް ޓީވީގެ ދުނިޔޭގައި މަޝްހޫރުކަން ލިބުނީ "ސަޕްނާ ބާބުލްކާ – ބިދާއީ" އިންނެވެ. އޭގެ ފަހުން "ބޭޚުދީ" އާއި "ރާމް މިލާއޭ ޖޯޅީ" ކުޅެފައި ވެއެވެ. އަލީ ވެސް ވަރަށް ގިނަ ސިލްސިލާތައް ކުޅެފައި ވެއެވެ.