ބޮލީވުޑް

"ދަ ކަޝްމީރު ފައިލްސް": މުސްލިމުންނާ ދެކޮޅު ފިލްމެއް!

ދާދިފަހުން އިންޑިއާގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދަމުންދާ "ދަ ކަޝްމީރު ފައިލްސް"އަކީ އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ވައްޓާލި ބޮމެއް ފަދަ އެއްޗެއްގެ ގޮތުގައި ދުނިޔޭގެ ބައެއް ނޫސްތަކުން ސިފަ ކުރަން ފަށައިފި އެވެ.

ޚާއްސަކޮށް އަލް ޖަޒީރާ ކަހަލަ މުސްލިމުންނަށް ތާއީދުކުރާ ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއީ އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ހިންދޫން ތެދުވަން ހިތްވަރު ލިބޭނެ ފިލްމެއް ކަމަށެވެ.

މި ފިލްމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމަނިކުފާނުގެ ކެބިނެޓު އިންތިހާއަށް ތައުރީފުކޮށް އިންޑިއާ ސަރުކާރު މުވައްޒަފުންނަށް ބައި ދުވަހުގެ ޗުއްޓީ ދީފައި އެ ފިލްމު ބަލަން ދިއުމަށް އަންގާފައި ވެއެވެ. މިއީ ވެސް ބޮޑުވަޒީރު މޯދީ މި ފިލްމަށް ތާއީދުކުރާ މިންވަރު ހާމަވީ ކަމެކެވެ. އަދި މޯދީ ވަނީ ފިލްމުގެ ކުރޫ އާ ބައްދަލުކޮށް އެ މަނިކުފާނު ފިލްމަށް ތާއީދުކުރާ މިންވަރު ހާމަކުރައްވާފަ އެވެ.

މިދިޔަ ހަފުތާގައި ރިލީޒްކުރި 170 މިނިޓުގެ "ދަ ކަޝްމީރު ފައިލްސް"އަކީ ޚިޔާލީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. އެ ފިލްމުގެ ވާހަކައިގައި އެއްވެސް ވަރަކަށް ހަގީގަތެއް އެކުލެވިގެން ނުވެ އެވެ. ނަމަވެސް ފިލްމު ބަލާ މީހުންނަށް އިސްލާމުންނާ ދެކޮޅަށް ތެދުވަން ހިތްވަރު ލިބޭ އަދި މުސްލިމުންނަށް ނަފްރަތު އުފެދޭ ކަހަލަ ހާދިސާތަކެއް ފިލްމުގައި ދައްކާފައި ވެއެވެ.

މި ފިލްމުގައި ކިޔައިދީފައިވަނީ ކަޝްމީރުގެ ޒުވާން ކިޔަވާ ކުއްޖެއްގެ ވާހަކަ އެވެ. މި ކުއްޖާގެ ކެރެކްޓާ އަކީ ވެސް އަދި ކުއްޖާ އަށް ދިމާވާ ކަމަށް ދައްކާފައިވާ ވާހަކައަކީ ވެސް އެއްވެސް އަސްލެއް ނެތް ޚިޔާލީ ވާހަކަ އެކެވެ.

މި ކުއްޖާގެ ހިންދޫ މައިންބަފައިން މަރުވީ އެކްސިޑެންޓަކުން ނޫންކަމާއި އެމީހުން މަރާލީ ކަޝްމީރުގެ މުސްލިމް ބައެއް ކަން މި ކުއްޖާއަށް އެނގެނީ މާ ފަހުންނެވެ. އެ ކުއްޖާ ގެންގުޅެ ބޮޑުކުރި އޭނާގެ މާމަ އާއި ކާފަ އޮންނަނީ މި ވާހަކަ އޭނާއަށް ސިއްރުކޮށްފަ އެވެ.

ފިލްމުގައި ދައްކަނީ ކަޝްމީރީ ޕަންޑިތުންގެ ނަމުގައި މަޝްހޫރުވެފައިވާ އެތައް ހާސް ބަޔަކު މަޖްބޫރުން ކަޝްމީރުން ފައިބަން ޖެހި އެމީހުންނަށް މުސްލިމުންގެ ފަރާތުން ދިމާވި ކަމަށް ބުނާ އަނިޔާވެރި ކަންތައްތަކެކެވެ.

މި ފިލްމުގައި ދައްކާފައިވާ ހާދިސާތަކަކީ 1989 އާއި 1990 އަހަރު ކަޝްމީރުގައި ހިނގި ހަމަނުޖެހުންތަކާ ގުޅުވާފައިވާ ހާދިސާ ތަކެކެވެ. އެހެންކަމުން ފިލްމަށް ތާއީދުކުރާ މީހުން ބުނަނީ ފިލްމުގައި ދައްކަނީ ހަގީގަތް ކަމަށެވެ. މި ހުރިހާ ދުވަހު އޮތީ އެ ހަގީގަތްތައް ފޮރުވިފައި ކަމަށާއި އެކަން މި ފިލްމު ބެލުމުން ވަރަށް ރަނގަޅަށް ސާފުވެއްޖެ ކަމަށެވެ.

މި ފިލްމަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ފިލްމު ބިނާކޮށްފައިވަނީ ހަމައެކަނި ޚިޔާލީ ވާހަކަތަކެއްގެ މައްޗަށެވެ. ނަމަވެސް މި ފިލްމު ބަލާފައި މުސްލިމުންނާ މެދު ހިންދޫގެ މެދުގައި ނަފްރަތު އުފެދި އެމީހުންނާ ދެކޮޅަށް ހިންގަމުންދާ ކަންތައްތައް އިތުރުވެގެންދާނެ ކަމަށް ކްރިޓިކްސް ބުނެފައި ވެއެވެ.

މި ފިލްމު ބަލަން ތިއޭޓަރުތަކަށް ވަދެ ތިބި މީހުން އަތްތިލަބަޑިޖަހާ، ހަޅޭއްލަވާ ފިލްމަށް ވަރަށް ބޮޑަށް ތަރުހީބު ދެމުންދިޔަ ތަން ފެންނަ ގިނަ އަދަދެއްގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އެމީހުން މުސްލިމުންނާ ދެކޮޅު ޝިއާރުތައް ފާޅުކޮށް މުސްލިމުންނާ ދެކޮޅަށް ތެދުވުމަށް ގޮވަމުން ދިޔަ އަޑުވެސް މި ވީޑިއޯތަކުގައި އިވެ އެވެ.

"މި ފިލްމުގެ ސަބަބުން ހިންދޫންގެ ހިތުގައި މުސްލިމުންނަށް އޮތް ނަފްރަތާއި ރުޅިވެރިކަން އިތުރުވެފައިވާ މިންވަރުން ވަރަށް ބޮޑަށް ދެރަވެ މާޔޫސްވާން ޖެހޭ،" ބޮލިވުޑް ސްކްރީން ރައިޓާ ހުސެއިން ހައިދްރީ ބުނެފައި ވެއެވެ.

ބޮލީވުޑް ފަންނާނުންގެ ތެރެއިން މުސްލިމުން މި ފިލްމާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ތިބިއިރު ކަންގަނާ ރަނާވަތު އާއި އަނޫޕަމް ކޭރް ފަދަ ހިންދޫން ދަނީ މި ފިލްމު ވަރެއް ނެތް ކަމަށް ބުނަމުންނެވެ. އަނޫޕަމް އަކީ މި ފިލްމުގައި ވަރަށް މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރެއް ވެސް މެއެވެ.

ފިލްމު އަޅުވާފައިވާ ތިއޭޓަރުތަކުގައި މުސްލިމުންނާ ދެކޮޅަށް އިންތިހާއަށް އަޑުއުފުލައި ހަޅޭއްލަވާފައިވާއިރު ސަރުކާރުން އެކަން ހުއްޓުވަން އެއްވެސްކަމެއް ނުކުރާތީ ވެސް ކްރިޓިކްސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.

މުސްލިމުން މެރުމަށާއި އެމީހުންނަށް އަނިޔާވެރިވުމަށް ފިލްމު ބަލާފައި ނުކުންނަ މީހުން އަޑު އުފުލަމުން ދިއުމަކީ އިންޑިއާގެ މުސްލިމުންނަށް އޮތް ވަރަށް ބޮޑު ބިރަކަށް ވަނީ ވެފަ އެވެ.