ލައިފްސްޓައިލް

އެންމެ އުފާވެރި ގައުމަކަށް ފިންލެންޑްވީ ކީއްވެ؟

ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ލަގަބު ޖައްސަ ޖައްސައިގެން ފަސް ވަނަ ފަހަރަށް ފިންލެންޑަށް ލިބިއްޖެ އެވެ. އދ. އިން ސްޕޮންސާ ކޮށްގެން ކޮންމެ އަހަރަކު ވެސް މިގޮތަށް އެންމެ އުފާވެރި ގައުމުތަކާއި އެންމެ އުފާވެރިނޫން ގައުމުތައް ހޮވުން އޮވެ އެވެ. މިފަހަރު ވެސް މި ލިސްޓު ނެރެފައިވަނީ އެ ފަރާތުންނެވެ.

"އެންމެ އުފާވެރި ގައުމު" ގެ ޝަރަފު ވިދިވިދިގެން ފަސް އަހަރު ފިންލެންޑަށް ލިބުނީ ކީއްވެތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރެ އެވެ. ދުނިޔޭގެ އިރުމަތީ ކަނުގައިވާ މި ގައުމަކީ ވަރަށް ފިނި ގައުމެކެވެ. އަހަރެއްގެ 12 މަހުގެ ތެރެއިން ހަ މަހު އެ ގައުމުގައި ފިނި މޫސުމް އޮވެ އެވެ. އަދި މި ހުރިހާ ދުވަހަކު އެ ގައުމަށް އެއްގޮތަކަށް ވެސް އިރެއް ނުފެނެ އެވެ. އެހެންވެ އެ ހަމަހު އެ ގައުމު އޮންނާނީ ކަނު އަނދިރިކޮށެވެ.

މިފަދަ ގައުމަކަށް ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ލަގަބު ލިބެން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ މި ލަގަބު ލިބޭ ސަބަބުތަކުގެ ތެރެއިން ފުރަތަމަ ސަބަބަކަށް ވަނީ ފިންލެންޑް މީހުންނަށް ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ކުރަން ދަސްވެފައި ވުމެވެ. ކިތަންމެ ފިންޏަސް، ވިއްސާރަ ވެހުނަސް މޫސުމް ކޮންމެ ގޮތަކަށް ހުއްޓަސް އެމީހުން ޖޮގިން އަށް ދިއުމާއި ބައިސްކަލް ދުއްވުމަކަށް އެއީ ހުރަހަކަށް ނުވެ އެވެ.

ހޫނު މޫސުމުގެ ދުވަސްތަކުގައި އެމީހުން ބޭރަށް ނުކުމެ ކޭމްޕް ދިއުމާއި، ފަރުބަދައަށް އެރުމާއި އެނޫން ވެސް މަޖާ ކަންތައްތަކުގައި ވަގުތުތައް ހޭދަކުރަނީ ހިތްހަމަޖެހިގެންނެވެ.

އެމީހުންނަށް ހުސް ވަގުތު ލިބޭލެއް ގިނަވެފައި އެ ވަގުތުތަކުގައި ކުރާނެ އުފާވެރި މަޖާ ކަންތައްތައް ވަރަށް ގިނަ އެވެ.

ގުދުރަތީ ރީތިކަމުގެ ގޮތުން ބަލާއިރު ވެސް ފިންލެންޑަކީ ދުނިޔޭގެ އެންމެ ރީތި އެއް ގައުމެވެ. ރީތި ކޯރުތަކާއި ޖަންގަލިތަކުން ފުރިފައިވާ ގައުމެކެވެ. އެ ގައުމުގެ ވައި ސާފުވުމަކީ ވެސް އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަން ލިބޭ ކަމެކެވެ.

ފިންލެންޑް މީހުންގެ ސަގާފަތުގައި އޮންނަ ގޮތުން އެކަކު އަނެކަކާ ވާދަކުރުމުގެ ބަދަލުގައި އެމީހުން ކޮންމެ ކަމެއް ވެސް ކުރަނީ އެންމެން ގުޅިގެންނެވެ. އެމީހުން އަމިއްލައަށް ހިތްހަމަޖެހިފައި އުފަލުން ތިބޭ ވަރުން ބޭރު ދުނިޔޭގެ މީހުން އުޅޭ ނޫޅޭގޮތް ބަލައި އެކަމާ ފިކުރު ކުރާކަށް އެމީހުން ބޭނުމެއް ނުވެ އެވެ.

މީގެ އިތުރުން ފިންލެންޑަކީ އެންމެ ކުށް މަދު ގައުމެވެ. ފިންލެންޑްގައި ކުށް ކުރާ މީހުން ވަރަށް މަދެވެ. މިއީ މީހުންނަށް ރައްކާތެރިކަމާއި އަމާންކަން އިހްސާސްވެ އުފާވެރިކަން ލިބޭ ސަބަބެކެވެ.

ފިންލެންޑްގެ ސްކޫލް ސިސްޓަމަކީ ދުނިޔޭގެ އެންމެ މޮޅު ސިސްޓަމެވެ. އެ ގައުމުގެ ކިޔަވާ ކުދިންނަށް ދުނިޔޭގެ ވަނަތައް ހާސިލު ކުރެވޭލެއް ރިކޯޑް މިންވަރަކަށް އިތުރުވެފައި ވަނީ މި ސަބަބާ ހެދި އެވެ. އަދި ޔުނިވާސަލް ހެލްތު ކެއާ ސިސްޓަމެއް އެ ގައުމުގައި އޮތުމުން ބަލިވާ މީހުންނަށް އެކަށީގެންވާ ރަނގަޅު ފަރުވާއެއް މާ ބޮޑު އުނދަގުލަކާ ނުލާ ލިބެ އެވެ.

ފިންލެންޑްގެ ޚާއްސަ އަނެއް ސިފަ އަކީ ފަގީރު ހާލުގައި އުޅޭ މީހުން ވަރަށް މަދުވެފައި މެދު ފަންތީގެ އާއިލާތައް ގިނަ ވުމެވެ. އެ ގައުމުގެ މުއްސަނދިން އެ މީހުންގެ މުއްސަނދިކަން އެހެން މީހުންނަށް ފާޅުކޮށް އެކަމާ ބޮޑާވާން ލަދުގަނެ އެވެ.

އެ ގައުމުގެ އެންމެ މުއްސަނދި މީހާ ވެސް އާދައިގެ ދުވަސްވީ ކާރުތަކުގައި އުޅެ އެވެ. އެމީހުންނަށް ދުނިޔޭގެ އެންމެ އަގުބޮޑު ކާރުތައް ގަތުމަކީ ފަސޭހަ ކަމަކަށް ވިޔަސް އެ ފަދަ އެއްޗެއްސަށް އަރައިގެން ދެއްކުންތެރި ބަޔަކަށް ވާކަށް އެމީހުން ބޭނުމެއް ނުވެ އެވެ. އެންމެ މުއްސަނދި މީހުންގެ ތެރެއިން ވެސް ވަރަށް މަދު މީހަކު ނޫނީ ފަހުގެ މޮޑެލް އެއްގެ ކާރެއް ވެސް ނުދުއްވަ އެވެ.

ފިންލެންޑްގެ އެންމެ ފަގީރު މީހާގެ ދަރިއަށް ވެސް އެންމެ މޮޅަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައި ވެއެވެ. އަދި އެ ގައުމުގައި ބޯހިޔާވަހިކަމެއް ނެތް އެކަކުވެސް ނެތެވެ. އެ ގައުމުގެ މީހުންގެ މެދުގައި އުފާވެރިކަން އެހާ ބޮޑުވެފައިވަނީ މި ސަބަބުތަކާ ހެދި އެވެ.

އެންމެ އުފާވެރިނޫން ގައުމަކަށް ހޮވިފައިވަނީ އަފްޣާނިސްތާނެވެ. އެންމެ އުފާވެރިނޫން ގައުމުތަކުގެ ދެ ވަނައިގައި އޮތީ ލެބަނަން އެވެ. އެންމެ ދުޅަހެޔޮ މީހުން އުޅޭ ގައުމުތަކުގެ ކުރި ލިބުނީ ސާބިއާ އަށެވެ. މި ލިސްޓުން ދެ ވަނަ ބަލްގޭރިޔާ އަށް އަދި ތިން ވަނަ ރޫމޭނިއާ އެވެ.

މިދިޔަ ހުކުރު ދުވަހު އިއުލާން ކުރި "ވޯލްޑް ހެޕިނަސް ޓޭބަލް"ގައި މިފަހަރު އެންމެ ބޮޑު ވެއްޓުމެއް ލިބިފައިވަނީ ލެބަނަން، ވެނެޒުއެލާ އަދި އަފްޣާނިސްތާނަށެވެ. އިގްތިސާދު އިނދަ ޖެހިފައިވާ ލެބަނަން އުޅެނީ 146 ގައުމުގެ ތެރެއިން އެންމެ ފުލުގައި އޮތް ޒިމްބާބުވޭ އާ ޖެހިގެން ފުލުން ދެވަނައިގަ އެވެ. ދުޅަހެޔޮކަން މިނާ މިންގަނޑުން ތިން ވަނައިގައި އޮތީ އަފްޣާނިސްތާނެވެ.

ޔުނިސެފުން އަންދާޒާ ކުރާ ގޮތުގައި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށް ނުދެވިއްޖެނަމަ މި ފެށޭ ފިނި މޫސުމުގައި މި ގައުމުތަކުގައި ދިރިއުޅޭ ފަސް އަހަރުން ދަށުގެ އެއް މިލިއަނަށް ވުރެ ގިނަ ކުދިން ބަނޑުހައިހޫނުކަމުގައި މަރުވާނެ އެވެ.