އެމްއެންޑީއެފް

ފަޔާ ޕްރިވެންޝަން ވީކް ފަށަނީ

އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރި ކުރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2022" މިއަދު ހަވީރު ފަށަން ނިންމައިފި އެވެ.

މި ހަރަކާތް ރާވާލާފައިވަނީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ގޭބިސީތައް ގިނަ ސަރަހައްދުތަކަށް އަމާޒުކޮށްގެންނެވެ. އެ ގޮތުން "ކިޗަން ސިމިއުލޭޓަރ" އެއްގެ އެހީގައި 'އޮން ލޮކޭޝަން' ގައި ސްޓޭންޑެއް ބަހައްޓައިގެން އެ ސަރަހައްދު ތަކުގައި އެފްއާރުއެސްގެ ސިފައިން މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މި ޕްރޮގްރާމްގައި ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފަށާނީ މިއަދު ހަވީރު ރަސްފަންނު ސަރަހައްދުންނެވެ. މީގެ އިތުރުން ވިލިމާލޭ، ހުޅުމާލޭ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ތިލަފުށިގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ އެމްއެންޑީއެފް އޭރިއާތަކުގައި ގާއިމު ކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ވެސް އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުމަށް މައުލޫމާތު ދޭނެ އެވެ.

ދެހާސް ބާރަަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެމްއެންޑީއެފްއިން "ފަޔަރ ޕްރިވެންޝަން ވީކް"ގެ ހަރަކާތް ބާއްވަމުން ގެންދާ އިރު އެންމެ ފުރަތަަމަ މި ހަރަކާތް ކުރިއަށް ގެންދިޔައީ ގްރޭޓާ މާލޭ ސަރަހައްދުގަ އެވެ. ނަމަވެސް ފަހުން މި ހަރަކާތް އިތުރަށް ފުޅާކޮށް، މާލޭ ސަރަހައްދުގެ ބައެއް ރަށްތަކާއި އޭރިއާތަކުގައި ގާއިމުކޮށްފައިވާ ފަޔާ ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދެ އެވެ.