ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކަނޑުމަތީ ހާދިސާއެއް ހިނގި ނަމަވެސް ގަޑިއިރެއް ތެރޭގައި ހީ ފޯރުކޮށްދޭނެ ކޮމާންޑް ސެންޓަރުތައް ގާއިމް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ގައުމީ އެއްބައިވަންތަ ދުވަހާއި ގުޅިގެން ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އިން މިއަދު މީޑިއާތަކުގެ އިސްވެރިންނާއެކު ސެނެކޯ މާލަމްގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބައެއް ހާލަތްތަކުގައި ކަނޑުމަތީ ދިމާވާ ހާދިސާތަކުގައި އެކަމެއް ހިނގި ސަރަހައްދުތަކަށް އަވަސްކޮށް އަދި ފަސޭހައިން ދާން ހުރަސްތަކެއް ހުންނަ ކަމަށާއި އެހީ ދިނުމުގެ ގޮތުން ބޭނުންވާ ވަސީލަތްތައް ލިބުމުގައި ވެސް ދަތިތަކެއް ހުންނަ ކަމަށެވެ.
އަދި ރާއްޖެ އިގްތިސޯދީ ގޮތުން ކުރިއަރައި، އުތުރުގައި އައިހެވަންގެ މަޝްރޫއު ތަރައްގީ ކުރަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި އަދި ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި މިފަދަ ހާލަތްތައް ރަނގަޅު ކުރުމުގެ މުހިންމުކަން ބޮޑު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރިއެވެ.
"އެހެންވީމަ އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި އަންނަނީ ގަޑިއިރެއްގެ ތެރޭގައި ސިފައިންގެ އުޅަނދެއްގައި އެ ހިސާބަކަށް [ކަނޑުމަތީ ހާދިސާ ދިމާވެގެން އުޅޭ ހިސާބަކަށް] ދެވޭނެ ގޮތަކަށް ނުވަތަ އަޅުގަނޑުމެންނަށް ވާސިލް ވެވޭނެ ގޮތަކަށް އެމްއެންޑީއެފްގެ ކޮމާންޑިން ސެންޓަރުތައް ގާއިމް ކުރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ދަށުން މިހާރު އުތުރުގެ މަޑިވަރުގައި ހުރި ކޮމާންޑިން ސެންޓަރުގެ އިތުރުން ހދ. ހަނިމާދޫގައި ވެސް އިތުރު ކޮމާންޑިން ސެންޓަރެއް އަންނަ އަހަރު ތެރޭގައި ގާއިމް ކުރާނެ އެވެ. އަދި އެޗސެންޓަރު ގާއިމް ކުރުމަށް ފަހު އެހެނިހެން ސަރަހައްދުތަކުގައި ވެސް އެފަދަ ކޮމާނޑް ސެންޓަރުތައް ގާއިމް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.