ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ވިލިމާލެއިން އެއްވެސް ބިމެއް އެއްވެސް ކަމަކަށް ދޫނުކުރުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފި އެވެ.
ޕްލޭނިން މިނިސްޓްރީން އެގޮތަށް އެންގީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއިކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލަށް ފޮނުއްވި ސިޓީއެއްގަ އެވެ.
ޕްލޭނިން މިނިސްޓްރީން ކުއްލި އެންގުމެއް ސިޓީ ކައުންސިލަށް އަންގާފައި މިވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދު ކަމަށް ސިޓީ ކައުންސިލުން ބުނާ ސަރަހައްދުން ފައިބަރު މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް ނިންމާ ބިން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައި ވަނިކޮށެވެ.
މި ސިޓީގައި ބުނެފައިވަނީ ފައިބަރު މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ދޫކުރަން އުޅޭ ބިން ތަކަކީ ދިރާގާއި ސްޓެލްކޯގެ ބޭނުމަށް ދޫކޮށްފައިވާ ބިން ތަކަކާ ކައިރީގައިވާ ބިން ތަކެއް ކަމަށެވެ. ވިލިމާލެ އިން ބިން ދޫކުރެވޭނީ ލާމަރުކަޒީ ގާނޫނުގައިވާ ލޭންޑް ޔޫޒް ޕްލޭން މިނިސްޓްރީ އަށް ހުށަަހަޅައި ފާސްކޮށްގެން ކަމަށްވެސް ސިޓީގައި ހަނދާންކޮށްދީފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ކައުންސިލުން ވަނީ ޕްލޭން ފާސްކުރަން ހުށަހަޅާފަ އެވެ. އެކަމަކު ޕްލޭނިން މިނިސްޓްރީން ބުނީ މާލެ / ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ކައުންސިލުން ހުށަހެޅީ މިދިޔަ ޑިސެމްބަރުގައި ކަމަށެވެ.
ހުށަހެޅި ޕްލޭންގައި މައްސަލަތަކެއް އުޅޭތީ އެކަންކަން އިސްލާހުކުރަން ޑިސެމްބަރުގައި އެންގުމުން އިސްލާހުކޮށްފައި މިދިޔަ ހަފްތާގައި ހުށަަހަޅާފައިވަނީ ހަމައެކަނި މާލޭގެ ލޭންޑް ޔޫޒް ޕްލޭން އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. ހުށަހެޅި ޕްލޭނަށް ގޮތެއް ނިންމަން ވަގުތުކޮޅެއް ނަގާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މާލެ އާއި ވިލިމާލޭގެ ބިންތަކުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ވަރަށް ގިނައިން ހިޔާލުތަފާތުވުން އުފެދެ އެވެ. މާލޭގެ ސިނާއީ އޭރިއާގައި ސިޓީ ކައުންސިލުން މީގެކުރިން މަސައްކަތްތަކެއް ފެށުމަށް ނިންމުމުން ޕްލޭނިން މިނިސްޓްރީން ވަނީ އެ ސަރަހައްދު ވެސް އަތުލާފަ އެވެ.