ރަޝިއާގައި ހިންގަމުން ގެންދާ ބާގާ ކިންގްގެ ރެސްޓޯރަންޓްތައް ބަންދުކުރެވޭ ގޮތް ނުވި ކަމަށް މައި ކުންފުނިން ބުނެފި އެވެ.
ބާގާ ކިންގަކީ އެމެރިކާ-ކެނެޑާ ކުންފުންޏެކެވެ. ބާގާ ކިންގްގެ ގޮފިތައް -- ރެސްޓޯރަންޓްތައް މުޅި ދުނިޔޭގައި ހިންގަ އެވެ. ރަޝިއާގައި 800 އަށް ވުރެ ގިނަ ބާގާ ކިންގް ރެސްޓޯރަންޓް ހުރެ އެވެ.
ޔުކްރޭނަށް ރަޝިއާ ސިފައިން ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރުމުގެ ގޮތުން މަޝްހޫރު މަރުކާތަކުން، ކުންފުނިތަކާއި ކެފޭ ރެސްޓޯރަންޓް އަދި ސެންޓް ފިހާރަތައް ބަންދުކުރަން ވަނީ ނިންމާފަ އެވެ.
ކާރު އުފައްދާ ކުންފުނިތަކާއި އަންނައުނު ވިއްކާ ފިހާރަތަކުން ވެސް ވަނީ ރަޝިއާ ދޫކޮށް ދާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އަމަލީ ގޮތުން މި ބުނުންތަކަށް އައި ބަދަލެއް ނޭނގެ އެވެ.
ބާގާ ކިންގް މައި ކުންފުނިން ބުނި ގޮތުން ރަޝިއާއަށް ދަތިކުރަން ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅުތަކުގައި ބާގާ ކިންގް ވެސް ބައިވެރިވާން އެދެ އެވެ.
އެހެން ނަމަވެސް ރަޝިއާގައި ބާގާ ކިންގް ރެސްޓޯރަންޓްތައް ހިންގަނީ އެ ރެސްޓޯރަންޓްތައް ހިންގާ ވަކި ކުންފުނިތަކަކާ އެކު ހަދާފައި އޮތް އެއްބަސްވުމަކުން ކަމަށް ވާތީ ރެސްޓޯރަންޓްތައް ބަންދުކުރެވެން ނެތީ އެވެ.
ރަޝިއާގައި ބާގާ ކިންގް ހިންގަނީ މައި ކުންފުނީގެ ދައުރެއް އޮވެގެން ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ބުނީ ބާގާ ކިންގް ހިންގަނީ ވަކިވަކި ރެސްޓޯރަންޓްތަކަށް ކޮޮންޓްރެކްޓް އުސޫލުން މަަސައްކަތް ހަވާލުކޮށްގެން ކަމަށެވެ.
އެެހެންކަމުން ކޮންޓްރެކްޓް ބާތިލުކުރާ ނަމަ ބަދަލު ދޭން ޖެހުމަކީ ކުންފުންނަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަކަށް ވާތީ ރެންސްޓޯރަންޓްތައް ބަންދު ނުކުރެވި ހުރީ ކަމަށެވެ.