ބޮލީވުޑް

ބޮލީވުޑްގެ މީހަކު ހަނގައެއް ނުކުރޭ: ކާރްތިކް

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އާ ޖެހުނު މައްސަލައެއްގައި އެކްޓަރު ކާރްތިކް އާރްޔަން ވަނީ ކަރަން އުފައްދަމުންދާ
"ދޯސްތާނާ 2"އިން ވަކިކޮށްފަ އެވެ.

އޭގެ ފަހުން ކާރްތިކްއާ ދެކޮޅަށް ފިލްމު އިންޑަސްޓްރީގެ ތެރޭގައި ކަރަން މަސައްކަތްކުރާ ކަމަށް ބައެއް މިޑީއާތަކުން ޚަބަރު ފަތުރާފައި ވެއެވެ. ނަމަވެސް ކާރްތިކް މި ވާހަކަތައް ދޮގުކުރެ އެވެ.

ކާރްތިކްގެ އެންމެ ފަހު ފިލްމު "ދަމާކާ"ގައި އޭނާ ކުޅެފައިވާ ރޯލަށް ބެސްޓް ޕާފޯމަންސް އޮފް ދަ އިޔާގެ ކްރިޓިކްސް ޗޮއިސް އެވޯޑު ދާދިފަހުން ވަނީ ލިބިފަ އެވެ.

މި އެވޯޑު ލިބުމާ ގުޅިގެން ފޮޓޯގްރާފަރުން ތަކަކާ ދެއްކި ވާހަކައިގައި ކާރްތިކް ބުނީ ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކު އޭނާއަށް ބުލީ ނުކުރާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޭނާއޭ ކިޔައިގެން ލިޔަނީ ދޮގު ވާހަކަތަކެކެވެ. އަދި އެ ވާހަކަތައް އެ ކަހަލަ ޚަބަރުތައް އޭނާ ނުކިޔާ ކަމަށެވެ.

"ނޫން. އެފަދަ އެއްވެސް ކަމެއް ނުވޭ. އެއްވެސް މީހަކު އަހަންނަށް އުނދަގުލެއް ނުކުރޭ. އެވޯޑު ހިފައިގެން މިދަނީ،" ކާރްތިކް ބުނެފައިވެ އެވެ.

ކާރްތިކް މަޝްހޫރުވެގެން ދިޔައީ 2018ގައި އޭނާ ކުޅުނު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިންނެވެ. އޭގެ ފަހުން ބޮލީވުޑްގެ އެންމެ މަޝްހޫރު ޕްރޮޑަކްޝަން ހައުސްތަކުން އޭނާއަށް ގިނަ އަދަދެއްގެ ފިލްމުތައް ކުޅެން ލިބެން ފެށި އެވެ.

ވަރަށް ބާރަށް ކާރްތިކްގެ ތަރި އަރަމުންދަނިކޮށް ކުއްލިއަކަށް ތިރިއަށް ސޮއްސާލީ ކަރަން ޖޯހަރްއާ ޖެހުނު މައްސަލައަކާ ގުޅިގެން ކަރަންގެ "ދޯސްތާނާ 2" އިން ވަކި ކުރި ހިސާބުންނެވެ.

ކާރްތިކް އެ ފިލްމުން ވަކިވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ އެތެރޭގެ މީހުންގެ ކޭމްޕްތަކާއި ބޭރުން އައިސް އިންޑަސްޓްރީއަށް ވަންނަ މީހުންނަށް އެ ކޭމްޕްތަކުން ފުރުސަތު ނުލިބޭކަމުގެ ބަހުސް ފެށުނެވެ. ނަމަވެސް އޭރު ވެސް އަދި މިހާރު ވެސް ކާރްތިކް މި ވާހަކަތަކާ އެއްބަހެއް ނުވެ އެވެ. އޭނާ ބުނާ ގޮތުން ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކު އޭނާއާ ދެކޮޅަކަށް މަސައްކަތެއް ނުކުރެ އެވެ.