ބޮލީވުޑް

ޝާހްރުކްގެ ފުރަތަމަ އޯޓީޓީ ޕްރޮޖެކްޓް އިއުލާންކޮށްފި

ޝާހް ރުކް ޚާން އޯޓީޓީގެ ދުނިޔެއަށް ވަންނަން އުޅޭ ކަމުގެ އިޝާރާތެއް މީގެ ދެ ތިން މަހެއް ކުރިން ވަނީ ދީފަ އެވެ.

ޑިޒްނީ ހޮޓްސްޓާ އިޝްތިހާރެއްގައި އޭރު އޭނާ ވަނީ އޯޓީޓީގެ ދުނިޔެއަށް ތައާރަފްވުމަށް ވިސްނާ ކަމަށް ބުނެފަ އެވެ.

މި އިޝްތިހާރުގައި ޝާހް ރުކް އޭނާގެ މެނޭޖަރާއެކު އޯޓީޓީގެ ފުރަތަމަ ޕްރޮޖެކްޓާ ގުޅޭ ތަފާތު މަޝްވަރާ ކުރާ ތަން ފެނެ އެވެ.

މިހާރު މި ޕްރޮޖެކްޓް ހަގީގަތަކަށް ވާކަން އޭނާ ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ. ޝާހް ރުކްގެ އޯޓީޓީ ފުރަތަމަ ޕްރޮޖެކްޓްގެ ނަމަކީ "އެސްއާރްކޭ ޕްލަސް" އެވެ.

އެސްއާރްކޭ ޕްލަސް ލޯގޯއެއްގެ ކުރިމަތީގައި އޭނާ ހުރެ ނަގާފައިވާ ފޮޓޮއެއް ޖަހާފައިވާ ޕޯސްޓަރެއް ޝެއާ ކުރަމުން ޝާހްރުކް ކުރި ޓުވީޓެއްގައި ބުނެފައިވަނީ "އޯޓީޓީގެ ދުނިޔޭގައި ކޮންމެވެސް ކަމެއް ވާން އުޅޭ" ކަމަށެވެ.

ޝާހްރުކްގެ މި އެނައުންސްމަންޓަށް އެންމެ ފުރަތަމަ ވެސް ކޮމެންޓު ކޮށްފައިވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސަލްމާން ޚާނެވެ. ސަލްމާން ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ޝާހްރުކް ޕާޓީއެއް ދޭން ޖެހިއްޖެ" ކަމަށެވެ. އަދި އޯޓީޓީ އެޕަށް މަރުހަބާ ވެސް ކިޔާފައި ވެއެވެ.

ޑައިރެކްޓަރު އަނުރާގް ކަޝޭޕް ވެސް މި ޓުވީޓަށް ކޮމެންޓްކޮށްފައި ވެއެވެ. ޝާހްރުކް އާއެކު މި ޕްރޮޖެކްޓްގައި މަސައްކަތްކުރާ އެކަކީ އޭނާ ކަމަށް އަނުރާގު ބުނެފައި ވެއެވެ. އަދި މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް އަނުރާގު ސިފަ ކޮށްފައި ވެއެވެ.

މި ޓުވީޓަށް ޖަވާބު ދެމުން ކަރަން ޖޯހަރް ކުރި ޓުވީޓެއްގައި މިއީ "އަހަރުގެ އެންމެ ބޮޑު ޚަބަރު" ކަމަށް ބުނެފައި ވެއެވެ. އަދި އޯޓީޓީގެ މޫނުމަތި ޝާހްރުކް ބަދަލުކޮށްލާނެ ކަމަށާއި މި ޚަބަރު އިވިފައި ވަރަށް އުފާވެއްޖެ ކަމަށް ކަރަން ބުނެފައި ވެއެވެ.

ޝާހްރުކްގެ މި ޓުވީޓުން އެންމެން ވެސް ހީކުރީ އޭނާ އަމިއްލަ އޯޓީޓީ އެޕެއް ތައާރަފްކުރަނީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ޑިޒްނީ ހޮޓްސްޓާއާ ގުޅިގެން ޝާހްރުކް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ނިންމީ އެވެ. އަދި ވަރަށް އަވަހަށް މި ފިލްމު ނުވަތަ ސީރީޒް އޭނާ އިއުލާން ކުރާނެ ކަމަށް ވެއެވެ.