އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅައިފި

Mar 20, 2022
2

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅަ އެވެ.

މިދިޔަ އަހަރު ނިސޯބުގެ އަދަދު ފުރަތަމަ ކަނޑައެޅީ މިދިޔަ އޭޕްރީލް މަހު އެވެ. އޭރު ކަނޑައެޅި ނިސޯބުގެ އަދަދަކީ 6،961.50 ރުފިޔާ އެވެ. އޭގެފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ ނިސޯބުގެ އަދަދުގެ ގޮތުގައި 6،878.20 ރުފިޔާ ކަނޑައަޅާފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު މިވަނީ މިއަހަރު ނިސޯބުގެ އަދަދު ފުރަތަމަ ފަހަރަށް ކަނޑައަޅާފަ އެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،241.15 ރުފިޔާ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި މުދަލުގެ ޒަކާތުގެ ގޮތުގައި ޖުމްލަ 9.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ޖެނުއަރީ މަހު ލިބުނު ހަތް މިލިއަން ރުފިޔާ އާއި، ފެބްރުއަރީ މަހު ލިބުނު 2.9 މިލިއަން ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މީރާ އަށް މިދިޔަ އަހަރު 90.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ވަނީ ބަދަލުކޮށްފަ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.