ސާފް ސުޒުކީ ކަޕް

ރާއްޖެ - ބަންގްލަދޭޝް: ސެމީ ކަށަވަރު ކުރަން ރާއްޖެ ނިކުންނަނީ

ޑްރެވިންޑްރަމްގައި މިހާރު ކުރިއަށް ދާ ސާފް ސުޒްކީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތަކުގެ ތެރެެއިން ރާއްޖޭގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ބަންގްލަދޭޝްއާ އެވެ. މިއީ ދިވެހިންގެ އެތައް ބަޔަކު އިންތިޒާރު ކުރާ މެޗެކެވެ.

ސާފް ސުޒުކީ ކަޕްގެ ތަށި ހޯދުމަށް ރާއްޖެ ކުޅުން އެންމެ ފުރަތަމަ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާ 3-1 އިން ބޫޓާން ކައިރިން ކުރި ހޯދާފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުން މިމެޗުގައި ރާއްޖޭގެ ގޯލްތައް ކާމިޔާބުކޮށްދީފައި ވަނީ އަހުމަދު އިމާޒް، އަސަދުﷲ އަބްދުﷲ އަދި އަލީ އަޝްފާގް އެވެ. އަދި މިއާއެކު ރާއްޖެ ވަނީ ތާވަލުގެ ފަސް ވަނައިގަ އެވެ.

ސެމީ ފައިނަލުން ޖާގަ ހޯދުމަށް ރާއްޖެ މިއަދު ބަންގްލަދޭޝްއާ ދެކޮޅަށްކުޅޭ މެޗުގައި ކޯޗު ރިކީ ހާބަޓް ހަމަޖައްސާފައިވަނީ 3-3-4 ގެ ފޯމޭޝަންގައި ކުޅުމަށެވެ. މިއަދު 3:00 ގައި ޓްރެވިންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ރާއްޖެއަށް ނެރެވިއްޖެ ނަމަ ތާވަލުގެ އެންމެ މޮޅު ހަތަރައްގައި ރާއްޖެ ހިމެނޭނެ އެވެ.

ރާއްޖެއާ ކުރިމަތިލުމަށް ބަންގްލަދޭޝް ގިނަ ތައްޔާރީ ތަކެއް ވެފައިވާ އިރު، މިމަހު 24 ގައި އަފްގާނިސްތާންއާ ދެކޮޅަށް އެޓީމުން ކުޅުން މެޗުގައި ބޮޑު ތަފާތަކުން ވަނީ ބަލިވެފަ އެވެ. އަފްގާން އިން ބަންގާޅު ބަލިކޮށްލީ، 4-0 އިން ނެވެ. ބަންގްލަދޭޝް އޮތީ ތާވަލްގެ ހަމަ އެންމެ ފުލުގަ އެވެ. 

"އަޅުގަނޑުގެ މަސައްކަތަކީ ކުޅުންތެރިންނަށް ހިއްވަރުލާދިނުން. އަދި އިދިކޮޅު ޓީމާއި ބެހޭގޮތުން އެންގެން ޖެހޭ ހުރިހާ މައުލޫމާތެއްދީ ކުޅުންތެރިން ދިނުމާއި އެމީހުން މެޗައް ފުރިހަމަޔަށް ތައްޔާރު ކުރުން. އެއަށް ފަހު ކުޅުންތެރިންގެ ކަމެއް އެއީ މެޗުގައި މޮޅު ކުޅުމެއްދައްކާ ކާމިޔާބު ކުރުން،" ބަނގްލަދޭޝްގެ ކޯޗު މަރުފުލް ހަގު ވިދާޅުވި އެވެ.

ވޭތުވެ ދިޔަ އަހަރުތަކު ތެރޭގައި ރާއްޖެ އާއި ބަގްލަދޭޝްއާ 12 ފަހަރު ބައްދަލު ކުރި އެވެ. އޭގެ ތެރެއިން ރާއްޖެ މޮޅުވީ ދެ ފަހަރު އެވެ. ހަތަރު ފަހަރު ރާއްޖެ - ބަންގާޅު އެއްވަރުވި އެވެ.

ގައުމީ ކޯޗް ރިކީ ހާބަޓް ބުނާ ގޮތުން އެންމެ ފަހުން ރާއްޖެ ކުޅުނު މެޗުން އިބުރަތް ހާސިލްކޮށް ފުރަތަމަ 11 އަށް ބަދަލުތަކުން އައުން އެކަށީގެންވެ އެވެ. އޭނާ ވެސް ފާހަގަ ކުރަނީ މިއީ ރާއްޖެއަށް މުހިންމު މެޗެއް ކަމަށެވެ. ސެމީއަށް ދިޔުމުގައި މި މެޗްގެ ރޯލް ރާއްޖެއަށް ބޮޑެވެ.

"ކުޅުންތެރިންނަށް އަހަރެން ވިސްނައިދެމުން މިއަންނަނީ މާދަމާގެ މެޗުގެ ސީރިއަސްކަން. އަހަރުމެން މަސައްކަތްކޮށްފިއްޔާ މޮޅުވެވޭނެ،" މިއީ މެޗް ފެށުމުގެ ކުރިން ގައުމީ ކޯޗްގެ ބަހެވެ. "އަހަރެން އުއްމީދުކުރަނީ ކުރީ މެޗަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް،"