( 17 މާރިޗު 2022 އާ ގުޅޭ )
"ހަންނާނުބެ. މީޓުކޮށްލަން ބުނީ... ކައިދިން ކަންތަކާ ކަންނޭނގެ. މިރޭ ނައިންގެ ފަހުން ބޮޑުދޮންބެމެން ގެއަށް ދާނަން އިނގޭ." ޒެހެން ބުނެލިއެވެ. ހޫރައިން ބޯޖަހާލީއެވެ.
"އެކޮޅުގަ ވެސް އުޅެނީ ރަނގަޅަކަށްނޫންކަމަށް ވަނީ. ފޮނުވާލިތާ ފަސް އަހަރަށްވުރެ ގިނަދުވަސްވީ. ބެހެއްޓިއްޖެއެއްނު... އުމުރުން ތިރީސް އަހަރުވެގެން ދިޔައީ އަތުންފައިން މަސައްކަތެއްނުކޮށް. ނޭނގެ ކިހިނެއްކަމެއް ވެސް މިހާރު އެ ފައިސާ ހޯދަނީ. މީހުން އަހަރެން ކައިރިއަށް ފައިސާ ހޯދަން ނައީވިއްޔާ ރަނގަޅު. ދަރަންޏަށް ނޫންކަމެއް ވެސް ނޭނގޭ ވިއްޔާ ލާރި އެ ހޯދަނީ. ހަމަތެދެއް މިބުނީ!... މުސްކުޅިބަލީގަ މަރުވުމުގެ ކުރީން ހިތް ހުއްޓިގެން ތޯއްޗެއް އަހަރެން މަރުވާނީ. އެވަރު އޭނާ އެބަކުރޭ. ފިރިހެނަކަށް ހުރީ އޭނާ އެކަނި. ދެން އެތިބީ އަންހެން ދެބެން. އަހަރެން ހާދަ އުންމީދެއްކުރީމޭ... ރަނގަޅު ކުއްޖަކަށް އޭނާ ވާނޭ ހީކުރީން. ރާއްޖޭން ބޭރުން ކިޔަވާދީ، ބޭނުންހާކަމެއް ކޮށްދީގެން ގެންގުޅުނީ، ނުބުނެވޭނެ އަހަންނަކީ ދަރީންދެކެ ލޯބިނުވާ ބައްޕައެކޭ." ހަންނާނުގެ އަޑުގައިވީ މާޔޫސްކަމެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅާ ހެދި އޭނާ ވަރުބަލިވެފައިވާ ކަހަލައެވެ. އެންމެ ގާތް އެކުވެރިޔާގެ ކުރިމަތީގައި އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކުރިއެވެ.
ހަންނާނު އިނީ މުނައްވަރުގެ ގޭގައެވެ. ސިޓިންރޫމު ސޯފާގައި ދެ މީހުން ވާހަކައިގަ ތިބޭތާ އިރުކޮޅެއް ވެއްޖެއެވެ. ހަންނާނުގެ ހާސްކަން ދުލުން ބޭރުކޮށްލެވުނީ ގޭތެރެއިން މީހަކު ވެސް ފެންނަން ނެތީމައެވެ. މުނައްވަރާއެކު އެކަނި އިން ވަގުތެއްވީމައެވެ. އަމިއްލަ ދަރިފުޅުގެ ވިޔާނުދާ ވާހަކަދައްކަންވުމުން ހަންނާނު ވެސް ލަދުގަނެވެ.
"ހަފްތާއެއް ވަންދެން ޒެންއަށް ކެތްކޮށްލެވޭނެތަ. ހޫރު ވިހައިގެން އަދި މިވީ ދެ މަސް. އަނބިމީހާއާއި ދަރީންނާއިގެން އުޅޭވަރުން އޭނާ މިވަގުތު ތަނަކަށް ދާން ބޭނުންވާނޭހެން ހިޔެއްނުވޭ. އެކަމަކު އަހަރެމެން އެދެފިއްޔާ އޭނާއަށް ނޫނެކޭ ބުނާކަށް ނުކެރޭނެ. އަހަންނަށް ފެންނަނީ ދެ ދުވަށް ދަތުރު ކުރުކޮށްލަން."
"އެ ދަރިއަށް ބުރަކަމެއް ޖައްސާކަށް ހަގީގަތުގަ މަށެއް ވެސް ބޭނުމެއްނޫން. އެކަމަކު ކައިދިން މީހެއްގެ ބަސްގަބޫލު ކުރާނަމަ އެމީހަކީ ޒެހެން. ހަފްތާއެކޭ ބުނީ ލަފާކޮށްލާފަ. އެކޮޅަށް ގޮސްފަ ވާނޭ ގޮތެއް ނޭނގޭތީ. ކައިދިންނަށް އަހަރެމެން ފެނުމުން އޭނާ ކަންތައް ކުރާނެ ގޮތެއް ވެސް އެނގެނީއެއްނޫން. އަހަރެން ވެސް ބޭނުމީ ދާގޮތަށް ވަގުތުން އޭނާ ގޮވައިގެން މިކޮޅަށް އަންނަން. އެންމެ ދުވަހެއް ވެސް މަޑުކުރާކަށް ބޭނުމެއްނޫން." ހަންނާނު ބުންޏެވެ.
"އެކަމަކު ރުޅި އައިސްގެން ކަމަކު ނުދާނެ. އޭރުން ކައިދިން ވެސް ބަސްގަބޫލުނުކުރާން އުޅޭނީ." މުނައްވަރު ބުންޏެވެ.
"އެހެންވެއޭ ކޮންމެހެން ވެސް ޒެހެން ގޮވައިގެންދާން ބޭނުމީ. އެ ދަރި ހުރިއްޔާ މިކަން ފަސޭހައިން ވެދާނެކަން ޔަގީން. މަށަށް ވެސް ގޯހެއް ނުހަދާ ކައިދިން ގެނެވޭނީ.... ކޮބާތަ ޒެހެން؟. އަންނަނީއޭ ބުނިފަހުން ހާދަ އިރެއްވެއްޖެޔޭ." އަތުކުރީ އޮތް ގަޑިއަށް ބަލާލެވުމާއެކު ހަންނާނު ބުންޏެވެ.
ޒެހެން ގެއިން ނުކުންނަމުން ހަންނާނަށް ގުޅިއެވެ. މުނައްވަރުމެން ގެއަށް އޭނާ އަންނަނީކަން ބުނާށެވެ. އޭގެ ފަހުން ގަޑިއެއްހާއިރު ފާއިތުވީއެވެ. ސޯފާތަކުގެ މެދުގައި ބެހެއްޓިފައި ހުރި ބިއްލޫރިކޮފީ މޭޒުގެ މަތިން މުނައްވަރުގެ ފޯނު ނެގިއެވެ. ޒެހެންގެ ނަންބަރަށް އޭނާ ގުޅިއެވެ.
"ނިވާލާފަ... އެކަމަކު ކިހިނެއް އެހެންވާނީ." ކަންފަތާ ފޯނު ދުރުކޮށްލި ގޮތަށް މުނައްވަރު ބުނެލިއެވެ. އެހިނދު ހަންނާނު ވެސް ޒެހެންއާ ގުޅޭތޯ ބެލިއެވެ. ނަމަވެސް ދެ މީހުންކުރެ އެކަކަށް ވެސް ޒެހެންއަކަށް ނުގުޅުނެވެ. މުނައްވަރު ހިތް އަވަސްވިއެވެ. އަވަހަށް އޭނާ ގުޅީ މިއުނާއަށެވެ. އޭނާ ފޯނު ނެގުމުން ޒެހެންއަށް ނުގުޅިގެން އުޅޭކަން މުނައްވަރު ބުނެލިއެވެ. އަދި އެ ގެއަށް ޒެހެން އަންނަންވެގެން ގެއިން ނުކުމެފަ ގުޅިކަން ވެސް މިއުނާ ގާތު މުނައްވަރު ބުންޏެވެ.
ހޫރައިންއަށް މިއުނާ ގުޅިއެވެ. ހޫރައިން ވެސް ބުނީ ގަޑިއެއްހާއިރު ކުރީން މުނައްވަރުމެން ގެއަށް ދާން ޒެހެން ނުކުމެއްޖެކަމެވެ. އަދި ގެއަށް ނާންނަކަމެވެ. ހޫރައިން ކަންބޮޑުވާ ފަދަ ވާހަކައެއް މިއުނާ ނުދައްކައެވެ. ޒެހެންއަށް ނުގުޅިގެން އުޅޭކަމެއް ވެސް ނުބުނެއެވެ. ގެއަށް ޒެހެން އައީމާ މަންމަ ހޯދިއޭ ބުނެލާށެ ބުނެ މިއުނާ ފޯނު ކަނޑާލީއެވެ. އަދި އަވަހަށް މުނައްވަރަށް ގުޅައިފިއެވެ.
"ބައްޕާ." ތަންކޮޅެއް ބާރަށް ގޮވަމުން ހަލުވިކޮށް ކޮޓަރިން ނުކުމެގެން އައީ ނަހުޔާނެވެ. އޭރު ލައިގެން ހުރި ގަމީސް ހަށިގަނޑަށް ހެޔޮވަރުކޮށްލި ގޮތަށް ގޮށްތައް ވެސް ނޭޅުވެއެވެ. އޭރު މުނައްވަރު ހުރީ މިއުނާގެ ފޯނުކޯލުގައެވެ. އެމީހުން މަޝްވަރާ ކުރަމުންދިޔައީ ޒެހެންއާ މެދުއެވެ. ފޯނަށް ނުގުޅެންވީ ސަބަބެއް ނޭނގޭއިރު ޒެހެން ހޯދަން ދާނީ ކޮންތާކަމެއް އެމީހުންނަކަށް ވެސް ނޭނގެއެވެ. މުނައްވަރުމެން ގެއަށް ދާން ނުކުމެފައި އެހެން ތަނަކަށް ޒެހެން ނުދާނެކަން ޔަގީންވެއެވެ.
"ޒެން އެކްސިޑެންޓްވެގެން އެބައުޅޭ." ބައްޕަގެ ކުރިމައްޗަށް އާދެވުމާއެކު ނަހުޔާނު ބުންޏެވެ.
ހޮސްޕިޓަލުގައި އިނދެފައި ޒެހެން ގުޅީ ނަހުޔާނަށެވެ. އާއިލާއަށް އަންގަން ޖެހޭތީއެވެ. މަންމައަށް ގުޅައިފިނަމަ ހާސްވެ ކަންބޮޑުވެގެން އުޅޭނެ ގޮތް އޭނާއަށް އެނގެއެވެ. އެއަށްވުރެ ހޫރައިންގެ ހާލު ގޯސްވާނެއެވެ. ގެއަށް ދިޔައިމަ އޭނާގެ ކުރިމަތީ އެމީހުން އެ އިހްސާސްތައް ބަންޑުންކޮށްލަންވީއެވެ.
ހޮސްޕިޓަލަށް ވަދެގެން އައި މުނައްވަރާއި ހަންނާނުއާއެކު މިއުނާއާއި ނަހުޔާނު ތިއްބެވެ. ބޮޑުދޮންބެ ކައިރީ އިހަށް ނުބުނައްޗޭ ޒެހެން ބުނީމާ ވެސް ނަހުޔާނު އެ އައީ މުޅި އާއިލާ ގޮވައިގެންނެވެ. ގޮނޑިބަރީގައި އިން ޒެހެން ފެނުމާއެކު މިއުނާއަށް އާދެވުނީ ދުވަމުންނެވެ.
"ސުބްޙާނައްﷲ!." ދަރިފުޅަށް ބަލަމުން މިއުނާ ސުވާލުކުރިއެވެ. އޭނާ ޒެހެންއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
ޒެހެންގެ ވައަތުފައި ކުޑަހުޅާއެކު އޮތީ ބެންޑޭޖުކޮށްފައެވެ. އަތުގެ އެތަން މިތަނުން ތެޔޮހަންކެނޑި ލޭކުލަފާޅުވެފައި ހުއްޓެވެ. ވައަތު ފައޭ އެއްގޮތަށް ޒެހެންގެ ވައަތުގެ މުލައްދަނޑީގަ އޮތީ ބޭސްގަނޑެއް އަޅާފައެވެ. އޭނާ އެ އިނީ ޑަކްޓަރަށް ދައްކާ ބޭސްއަޅައި ހުރިހާ ކަމެއް ނިމިގެންނެވެ. ނަހުޔާނަށް ގުޅީ އެކަނި ހާލައިގެން ހިނގައިނުގަނެވޭނެތީއެވެ.
"ފުލުހުން ނާދޭތަ؟" ހަންނާނު އަހާލިއެވެ.
"މީހަކު ކުރިކަމެއްނޫން. ސައިކަލު ކަހާލީ." ޒެހެން ބުންޏެވެ. އޭނާއަށް ވެސް ކަންތައްވީގޮތް ގަބޫލުނުކުރެވިފައި އިން ކަހަލައެވެ. ސައިކަލު ދުއްވަންފެށީސުރެ ދުވަހަކުވެސް އަނިޔާއެއްވެފައެއް ނެތެވެ. ވާރޭވެހި މަގުތައް ތެމިފައި އޮންނަ ދުވަސްދުވަހު ސައިކަލު ކަހާލާތަން އޭނާއަށް ވެސް ހުރީ ފެނިފައެވެ. އެކަމަކު އެފަދަ ދުވަހެއްގައި ވެސް އޭނާއަށް އެފަދަ ދެރަކަމެއް ދިމާވެފައެއް ނެތެވެ. މިރޭ ކުއްލިއަކަށްވީ ކިހިނެއްކަމެއް ޚުދު ޒެހެންއަކަށް ނޭނގެއެވެ. ސައިކަލުގެ ހަމަގެއްލުނީ ކީއްވެކަމެއް ވެސް ނޭނގެއެވެ. އެނގުނީ ސައިކަލު އަރިއަޅާލީމައެވެ. ދެން ސައިކަލާކު ކަހާލައިގެން ގޮސް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ ތެރެއަށް އޭނާ ޖެހުނީއެވެ.
"ޓެސްޓެއް ވެސް ނަހަދަންތަ؟. ކޮބާ ޑަކްޓަރު؟ ކޮންޑަކްޓަރަކަށް ދެއްކީ؟." މުނައްވަރު އެއްސެވެ.
"އަލްޙަމްދުލިއްﷲ، ޖެހުނުވަރާ ބަލާފަ ބޮޑުވަރެއްނުވި. ފަޔަށް އެކަނި ތަދުވެފަ ހުރީ. ސޮފްޓް ޓިޝޫއަށް އަނިޔާވެފައޭ ޑަކްޓަރު ބުނީ. ސްކޭނެއް ހެއްދި. ބޭސް ދީފަ ހުރީ. އަދި ބޭހެއް ނުނަގަން." ޒެހެން އިނީ ބޭސް ނަގަން ނުދެވިފައެވެ. ހޮސްޕިޓަލުން ވެސް އޭނާގެ ގާތުގައި އެހީތެރިއަކު ނެތްތޯ ވަނީ ސުވާލުކޮށްފައެވެ.
ބޭސް ސިޓީ ހިފައިގެން ހިނގައިގަތީ ނަހުޔާނެވެ. އޭނާ ބޭސް ނަގައިގަން އައިސް ބޭސް ކޮތަޅު މިއުނާއަށް ދިއްކޮށްލިއެވެ. ދަމާގޮނޑިއެއް މުނައްވަރު ގެނައުމުން އޭގައި ޒެހެން އިށީނެވެ. ނަހުޔާނު ގޮނޑި ދަމަމުން ހޮސްޕިޓަލުގެ ދޮރާ ހަމައަށް އައެވެ. ކާރު ނަގައިން ހަންނާނައި މުނައްވަރު އައިސް ދޮރުމައްޗަށް މަޑުކުރިއެވެ. ޒެހެން ކާރަށް އަރަން ވެސް އެހީވީ ނަހުޔާނެއެވެ.
"މަންމާ! ޒެން ނާދޭ އަދި." ދޮރުހުޅުވާލައި އެތެރެއަށް ވަންނަން އުޅުނު މިއުނާ ފެނުމާއެކު ހޫރައިން ބުންޏެވެ.
"މިއައީ ގޮވައިގެން. އިހަށް ދަރިފުޅު ބުރުގައި އަޅާލަން ދޭ. މަންމަ އެކަންޏެއްނޫން ހުރީ." މިއުނާ ބުންޏެވެ.
ވެގެން އުޅޭ ގޮތެއް ނޭނގިހުރެ ހޫރައިން އަވަހަށް ކޮޓަރިއަށް އައެވެ. އޭނާއަށް ނުކުމެގެން އައި ވަގުތު ޒެހެން ސޯފާގައި އިން ޒެހެން ފެނިއްޖެއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ހޫރައިންއަށް ހުރެވުނެވެ. ޒެހެން ބޮލުގައި އަތްހާކާލަމުން ބަދަލުކޮށްލީ މޮޔަ ހިނިތުންވުމެކެވެ. ހޫރައިން އެއްޗެއް ނުބުންޏެވެ. އެހެންވިޔަސް އަނބިމީހާގެ ހިމޭންކަން ޒެހެން ދެނެގަތެވެ. އެންމެންގެ ތެރޭ ހޫރައިން އެއްޗެކޭ ނުބުނާނޭކަން ޒެހެންއަށް އެނގެއެވެ.
"ދަނީ އަހަރެމެން... ދަރިފުޅު ދަނިއްޔޭ." މުނައްވަރު ތެދުވަމުން ބުނެލިއެވެ. އަދި ވަކިން ހޫރައިންއަށް ގޮވާލައި ދަނީކަމުގައި ބުންޏެވެ.
ހަންނާނުއާއެކު މުނައްވަރު ކާރަށް އެރިއެވެ. ނަހުޔާނު އައީ ސައިކަލުގަ ކަމަށްވާތީ އޭނާ ދިޔައީ އެމީހުންނާ ވަކިންނެވެ. ހަންނާނުގެ ގެއާ ދިމާއަށް ދުއްވަމުންދިޔަ މުނައްވަރު ވާހަކަދެއްކިއެވެ.
"އަވަހަކާ ނުދެވޭނެއެއްނު." މުނައްވަރު ބުންޏެވެ.
"އާން! އެ ފައި ރަނގަޅު ނުވަނީސް އެއްވެސް ކަމެއް ނުވާނެ. އެކަމަކު ހައްތަހާ ވެސް ލަސްވާތީ. ޒެހެންއާ ނުލާ ދާކަށް ބޭނުމެއްނޫން. އެ ދެމީހުން އެންމެ ގިނަދުވަހު އެކުގައި އުޅުނީ." ވިސްނުމަކަށް ގެއްލި އިނދެ ހަންނާނު ވާހަކަދެއްކިއެވެ.
"އަހަންނަށް ފެންނަނީ ޒެން ކައިރީ ހަންނާނު ތިވާހަކަ ދައްކާފަ ބާއްވަން. އޭނާގެ ފައި ރަނގަޅުވީމަ ފުރާނީ. ނަސީބެއް ބޮޑުވަރުނުވިކަން. އަހަރެން ފުރަތަމަ ހީކުރީ މުޑިއެރީކަމަށް. ޒެހެން ދުއްވާނީ ނުލާހިކު ބަލައިގެން. އެކުއްޖާގެ އަތުން ގޯހެއް ނުހިނގާނެކަން އެނގޭ." މުނައްވަރު ބުންޏެވެ.
"ކަމެއްވާނީ އެނގިފައެއްނޫންތާ. ވަރަށް ބޮޑު ނަސީބެއް އެކުއްޖާއަށް ބޮޑު އަނިޔާއެއް ނުލިބުނުކަން." ހަންނާނު ބުންޏެވެ.
ކޮޓަރީގައި ދެމަފިރިން އެކަނިވުމުން ހޫރައިންގެ ކަންބޮޑުވުން ބޭރުކޮށްލިއެވެ. ކަންތައްވީގޮތް ޒެހެން ކިޔާދިނެވެ. އެކަން ހިނގީ މީހެއްގެ ސަބަބުން ނޫންވީމާ އެކަމާ ކުރެވޭނޭ ޝަކުވާއެއް ވެސް ނެތެވެ. ޒެހެންއަށް ކުޑަކުޑަ ކަމެއްވާން ވެސް ހޫރައިންގެ ހިތެއް ނޭދެއެވެ. އެހެންވެ ޒަހަމްތައް ކުޑަ ވިޔަސް ހޫރައިންގެ ހިތަށް ތަދުވިއެވެ. އޭނާ ޒެހެންގެ ގާތަށް އަރައި އޭނާގެ ގައިގާ ބައްދާލިއެވެ.
"ތަދުނުވާކަމަށް ހެދުނަސް އެނގޭ ތަދުވާކަން." ހޫރައިން ދެރަވެލާފައި ބުނެލިއެވެ. ޒެހެން ހީނލީއެވެ.
"ކޮންމެ ކަމެއް ވެސް މެދުވެރިވާނީ ރަނގަޅަކަށް. މިހާރު ދެން ހަތަރުދަމު އޮންނާނީ ހޫރުގެ ކައިރީގަ." ޒެހެން ބުންޏެވެ.
* * * * *
ﷲގެ ރަޙުމަތާއެކު ފާގަތި އެއް އަހަރު ފާއިތުވެގެން ދިޔައިރު ހޫރައިންގެ ދިރިއުޅުންވަނީ ހީނުކުރާ ވަރަށް ބަދަލުވެފައެވެ. ހަމްދާއި ޝުކުރު ހައްޤުވެގެންވަނީ އާލަމްތަކުގެ ވެރިފަރާތަށެވެ. އޭނާއަށް އެފަދަ ނަސީބެއް ލެއްވީމައެވެ. ނުހަނު އޯގާތެރި ލޯބިވާނެ ފިރިއަކާއި އާއިލާއަށް އިތުރު ކުއްޖަކު އިތުރުވީއެވެ. ޔާންއަށް ހަތަރު މަސް ފުރުނީއެވެ. ޔޫކް ބޮޑުވެގެން ކޮއްކޮ އުރާ ހަދައެވެ. އެ ދެބެން އެކުގައިވެއްޖެނަމަ ޔާން ނިކަން ހީނ އަޑުއަޑު ލައްވައެވެ. އެ ދަރިފުޅު އެންމެންގެ މުނިފޫހިފިލުވާދެއެވެ.
"ހަފްތާއެއް ނުވާނެ ދޯ." ޒެހެންގެ ދަބަހަށް އެއްޗެހި އަޅަމުން ހޫރައިން އަހާލިއެވެ.
"ނުވާނެކަމަށް މިބަލަނީ. ކިހިނެއްވީ؟... ހަފްތާއެއްވީމަ މާބޮޑަށް މިސްވާނީތަ؟." އެނދުގައި އިން ޒެހެންގެ އަޑުގައި ސަމާސާކަން އެކުލެވުނެވެ.
"މެރީ ކުރިފަހުން އަލަށް ދޯ ޒެން އަހަރެމެންނާ ދުރަށް ތިދަނީ. ނުފެނި އެންމެ ދުވަހެއްވިޔަސް ވަރަށް އުނދަގޫވާނެ. ގޭތެރެ ވަރަށް ފަޅުވާނެ." ހޫރައިން ބުންޏެވެ.
"އިންޝާﷲ، ނުވާނެ ގިނަ ދުވަހެއް. އެ ކައިދިންގެ ކަންފަތުގައި ހިފައިގެން ވިޔަސް މިފަހަރު އަންނާނީ ގޮވައިގެން. އޭރުން އެކަން ވެސް ނިމުނީ. އެކަމަކު ހިޔެއްނުވޭ އަހަރެންނާ ކިތަންމެ ގާތް ނަމަވެސް ހޫރާ މީޓުކުރާނެހެން. މޫނުބުރުގާ އަޅާ ކުދީންނާ އޭނާ އެލާޖިކްވާނެ. އަހަރެން މެރީކުރާ ދުވަހަކުން އެންމެ ކައިރީގަ ހުންނާނެކަމަށް ވަޢުދުވި މީހެއް އެއީ. އެކަމަކު އޭނާ ނައީ އަހަރެން މެރީކުރި ކުއްޖާ މޫނުއަޅާފަ ހުންނާތީ." ޒެހެން ހީނގަތެވެ. އެ ހުނުމުގައި ހޫރައިން ބައިވެރިވިއެވެ.
"ކޮންމެވެސް ދުވަހަކުން އޭނާއަށް ވެސް ހެޔޮ ވިސްނުން ލިބިދާނެ. ވިސްނައިދޭން ތިހުރީ ރަނގަޅު އެކުވެރިއެއްނު. ކައިރީގަ އުޅޭ ރައްޓެހިންނަކީ ހެޔޮލަފާ ބައެއްނަމަ އެކަމުގެ ފައިދާ ކުރާނެ." ހިނިތުންވެލައިގެން ހުރެ ހޫރައިން ބުންޏެވެ.
ޒެހެންގެ ދަބަސް ތައްޔާރުކޮށް ނިމުމާއެކު ހޫރައިން އެނބުރިލިއެވެ. އެނދުގައި އިނދެފައި ޒެހެން ތެދުވި ގޮތަށް އަނބިމީހާ ގާތްކޮށްލިއެވެ. ފުރަން ދިއުމުގެ ކުރީން އަނބިމީހާއާއި ދަރީންނާ ސަލާންކުރިއެވެ. ލޯބިން އެމީހުންގެ ނިތުގައި ބޮސްދިނެވެ.
"އަހަރެން ގުޅާނަން. ހޫރު ބަލައިގެން އުޅެއްޗޭ." ދޮރުމަތީ މަޑުކޮށްލައިގެން ހުރެ ޒެހެން ބުންޏެވެ.
ހަންނާނުއާއި ޒެހެން ވައިގެ ބަނދަރަށް ދިޔައީ މުނައްވަރާއެކީއެވެ. ޗެކިން ފަށާފައިވާއިރު އެމީހުން މަޑުކުރުމެއް ނެތި އެތެރެއަށް ވަނީއެވެ. ދަތުރު ދުޢާ ޒެހެން ކިޔާލީ ހޫރައިން ފޮނުވި ފޮޓޯއަށް ބަލަން އިނދެއެވެ. އޭނާއަށް އަދިވެސް އެފަދަ ދުޢާތައް ހިތުދަހެއް ނުވެއެވެ. އެކި ކަންކަމާ ކުރިމަތިލާއިރު ރައްކާތެރިކަމަށް ޓަކައި ކިޔަން ޖެހޭ ދުޢާތަކެއް ހުރެއެވެ. އެކަން ޒެހެންއަށް އެނގުނީ ހޫރައިންއާ ކައިވެނި ކުރިފަހުންނެވެ. އެހެންވެ އާދަވެފައި ނެތްކަމެއް އާދަކުރެވޭތީ އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޒެހެންނާއި ހަންނާނަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެމީހުން ޓެކްސީއެއް ނަގައިގެން ކައިދިންއަށް ހިފާދީފައި ހުންނަ އެޕާޓްމެންޓަށް އައެވެ. ބެލް އަޅާތާ އިރުކޮޅެއްވީ ފަހުން ދޮރު ހުޅުވިއެވެ. ނަމަވެސް ދޮރުމަތީ ހުރީ ކައިދިންނެއްނޫނެވެ. އެމީހެއް ބޮލުން ފެށިގެން ފަޔާ ހަމައަށް ހަންނާނު ބަލާލިއެވެ. ކުޑަ ސޯޓުބުރިއެއް ލައިގެން ހުރި ޒުވާނެކެވެ. ހީވަނީ އޭނާ ހޭލައިގެން އެ އައީ ހަންނާނުމެން ބެލް އަޅާ އަޑަށް ހެންނެވެ. ދޮރުމަތީ ހުރެ އާ ފުރުމުގެ އިތުރުން އޭނާގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
"ތީ ކާކު؟" ހަންނާނު ވަގުތުން އެއްސެވެ. (ނުނިމޭ)