ލައިފްސްޓައިލް

މަގުމަތީ ދުވި ޒުވާނެއްގެ ވީޑިއޯ ގިނަ ބައެއްގެ ހިތް އަތުލައިފި

އިންޓަނެޓުގައި މީހަކު މަޝްހޫރުވާން ނަގާނީ ހަމަ ހިނދުކޮޅެކެވެ. ކުރަން ޖެހޭނެހާ ވެސް ކަމަކީ މީހުންގެ ހިތަށް އެ ފޮޓޮއަކުން ނުވަތަ ވީޑީއޯ އަކުން އަސަރު ކުރުވާ ކަހަލަ ވީޑީއޯއެއް ނުވަތަ ފޮޓޮއެއް ހިއްސާ ކޮށްލުމެވެ.

އިންޑިޔާގެ ނޮއިޑާގައި ދިރިއުޅޭ 19 އަހަރުގެ މި ފިރިހެންކުއްޖާގެ ވީޑިއޯ ވެސް ވައިރަލް ވީ އެ ވީޑީއޯ ޝެއާ ކޮށްލިތާ ހަމަ ކުޑަ އިރުކޮޅެއް ތެރޭގަ އެވެ.

ޕްރަދީޕް މެހެރާ ނަމަކަށް ކިޔާ މި ކުއްޖާ އިންޓަނެޓް ސެންސޭޝަނަކަށްވީ ރޭގަނޑު 12 ޖަހާ އެހާކަންހާއިރު ނޮއިޑާގެ ބޮޑު މަގަކުން އޭނާ ވަރަށް ބާރަށް ދުވެފައިދާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި މީހަކު ޝެއާ ކޮށްގެންނެވެ. މި ވީޑީއޯ ނަގާފައިވަނީ ފިލްމު ޑައިރެކްޓަރު އަދި ވާހަކަ ލިޔުންތެރިޔާ ވިނޯދު ކަޕްރީ އެވެ.

މި ވީޑިއޯ ޝެއާ ކުރަމުން އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރޭގަނޑު 12 ޖެހިފަހުން އޭނާ ކާޜުގައި ދުއްވާފައި ވަނިކޮށް ވަރަށް ޒުވާން ކުއްޖަކު ދަބަހެއް ބުރަކަށީގައި އަޅުވައިގެން ވަރަށް ބާރަށް ދުވަމުން ދާތަން ފެނިގެން އޭނާ އެ ކުއްޖާއަށް އެހީތެރިވާން މަސައްކަތް ކުރި ކަމަށެވެ. އަދި ކާރަށް އެރުމަށާއި އެކުއްޖާ ދާން އުޅޭ ތަނަކަށް ގެންގޮސްދޭނެކަމަށް ބުނިކަމަށެވެ.

ނަމަވެސް ދާހިތްލާ ފޯވެފައި ހުރި މި ޒުވާނާ އެކަމަށް އިންކާރުކުރި ކަމަށެވެ. އޭނާ އިންކާރު ކުރި ސަބަބު އެނގުމުން ކޮންމެ މީހަކު ވެސް އެ ކުއްޖާ ދެކެ ލޯބިވާނެ ކަމަށް ކަޕްރީ ލިޔެފައި ވެއެވެ.

"ޕްރަދީޕް ބުނި އޭނާ ކޮންމެ ރެއަކުވެސް 10 ކިލޯމީޓަރު ދުވަމޭ. އެއީ ނޮއިޑާގައި އޭނާ ވަޒީފާ އަދާ ކުރާ ތަނުން ފެށިގެން ބަރޯލާގައި ހުންނަ އޭނާ ދިރިއުޅޭ ގެއަށް ދިއުމަށް ކަޑައްތުކުރަން ޖެހޭ ރާސްތާއެއް. އެ ގޭގައި ޕްރަދީޕް ދިރިއުޅެނީ އޭނާގެ ބޭބެ އާއެކު،" ކަޕްރީ ބުންޏެވެ

އެ ޒުވާނާ ދުވަމުން ދިޔައިރު ކަޕްރީ ވީޑިއޯ ކުރަމުން އޭނާގެ ފަހަތުން ކާރުގައި ދުއްވަމުން ދިޔަ އެވެ. އަދި ދެ ވަނަ ފަހަރަށް ވެސް ކާރަށް އެރުމަށް އެދުނެވެ. ކަޕްރީ ހީކުރީ ޕްރަދީޕް ދުވަނީ އެކްސަސައިޒް ކުރަން ކަމަށެވެ. އެހެންވެ ހެނދުނު ކަސްރަތުގެ ބާކީ ބައި ފުރިހަމަ ކުރަން މިހާރު ކާރަށް އަރާބަލާށޭ އަނެއްކާވެސް ބުންޏެވެ.

"ދެ ވަނަ ފަހަރަށް އަހަރެން ޕްރަދީޕް ކައިރީ ކާރަށް އަރަން އެދުމުން އޭނާ ބުނީ އޭނާއަކީ އިންޑިއާގެ އާމީ އަށް ވަންނަން ބޭނުންވެގެން މަސައްކަތް ކުރާ ޒުވާނެކޭ. އެކަމަކު އާމީގެ ތަމްރީނުތަކަށް ހަށިގަނޑު ފިޓްކުރަން މަސައްކަތްކުރާނެ ވަގުތެއް ނުލިބެޔޭ. ދުވާލު ހަތަރުދަމު އުޅެނީ ވަޒީފާގައޭ. އެހެންވެ ގެއަށް ދާ ގަޑީގައި ދުވެފައި 10 ކިލޯ މީޓަރު ކަޑައްތުކުރަނީ އެ ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތަމްރީނު ވުމަށޭ،" ކަޕްރީ ކިޔައިދީފައި ވެއެވެ.

ކަޕްރީ ކައިރީ ޕްރަދީޕް ބުނި ގޮތުގައި އޭނާ ހެނދުނު 8 ޖަހާއިރު ހޭލައިގެން ވަޒީފާއަށް ދަނީ ކައްކާފަ އެވެ. ސަބަބަކީ އޭނާގެ ބޭބެއަކީ ރޭގަނޑު ޑިއުޓީ އަދާކުރާ މީހަކަށް ވާތީ ބޭބެ ގެއަށް އަންނައިރު ބަނޑުހައި ވެފައި ހުންނާނެތީ އެވެ.

އެ ދެބެންގެ މައިންބަފައިން ކޮބައިތޯ ކަޕްރީ ސުވާލުކުރުމުން މަންމަ ވަރަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ކަމަށް ޕްރަދީޕް ބުނި ކަމަށް ވެއެވެ. އޭނާ ދުވާ މަންޒަރުގެ ވިޑިއޯ ސޯޝަލް މީޑިއާގައި ޝެއާ ކުރާނެ ކަމަށާއި ވަރަށް އަވަހަށް އޭނާއަކީ އިންޓަނެޓް ސެންސޭޝަން އަކަށް ވާނެކަމަށް ޕްރަދީޕް ކައިރީ ކަޕްރީ ބުނި ކަމަށް ވެއެވެ.